އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މައްސަލައިގައި 19 ޑިސެމްބަރު 2021ގައި ބެލެނިވެރިން މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަރަބިއްޔާ ސްކޫލު އަޅަން ކުރީގެ ކުނި ކޮށި ހުރި ބިން ހަމަޖައްސައިފި

މިތަނުގެ އަމަލީ މަސައްކަތް ފެށުން މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރާނެ ކަންކަމުގެ ތެރޭގައި ވަނީ މިއަދު ހިމަނާފައި

މަސައްކަތް ނުފެށި މަޑުޖެހިފައި އޮތް އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅާނެ ބިމެއްގެ ގޮތުގައި، ކުރީގައި ކުނި ކޮށި ހުރި ތަން ހަމަޖައްސަައި އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުން، މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރަން ނިންމަވާފައިވާ ކަންކަމުގެ ގޮތުގައި ހިމަނައިފި އެވެ.

ބުނީ ކީކޭ؟ - އަރަބިއްޔާގެ އިމާރާތް އެޅުމަށް 381 ނަންބަރު ކޮށި ހަމަޖެއްސިކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ، ސަރުކާރުގެ 'ހަފުތާ 14' ތެރޭގައި އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު މަސައްކަތް ފަށާނެ ސީދާ ތާރީހެއް ނުބުނެ އެވެ. 

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދިނުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެނގުން މުހިއްމު - އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދޭ މަރުކަޒަކަށް ހެދުމާ އެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް އަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ 'ދިވެހީންގެ ރާއްޖެ' މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް އެ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަށް ވެސް އެމަނިކުފާނު ވައުދުވެޑައިގެންފައިވެ އެވެ.

އަރަބިއްޔާ ސްކޫލަކީ ވަރަށް ބޮޑަށް ބާވެ، ރެނުދުލައި ވެއްޓެން ކައިރިވެފައިވާ ތަނެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފަސްމަންޒަރު - އިމާރާތް ބާވެ ވަގުތީ ސްކޫލެއްގައި ކިޔަވަމުން ދިޔަ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިދިޔަ އޮގަސްޓު މަހު ފެށި ދިރާސީ އާ އަހަރުގައި ވެސް ކިޔަވާނެ ދާއިމީ ސްކޫލެއް ނެތެވެ. އަހަރުގެ ކިޔެވުން އެ ދަރިވަރުން ކުރިއަށް ގެންދަން ޖެހުނީ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގަ އެވެ.

އަރަބިއްޔާގެ އާ އިމާރާތަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވެސް ވައުދެކެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލުގެ އިމާރާތް ބާ ޖަމާލުއްދީން ބިމުގައި އަޅަން މިދިޔަ އަހަރު ނިންމައި 6.4 މިލިޔަން ރުފިޔާގެ ބަޖެޓެއް އެކަމަށް ކަނޑައަޅާފަ އެވެ. އެކަމަކު އެ ތަނުގެ އަމަލީ މަސައްކަތެއް ސަރުކާރު ބަދަލުވިއިރު ވެސް ފެށިފައެއް ނުވެ އެވެ.

މަސައްކަތް ނުފެށި އޮތް ސަބަބެއް ކަމަށް މިދިޔަ ސެޕްޓެމްބަރު ތެރޭ އެ މިނިސްޓްރީން ބުނީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ނުދިނުމެވެ. މާލޭގައި ތަނެއް އިމާރާތް ކުރުމުގެ ކުރިން، ތަނުގެ ކުރެހުމަށް ކައުންސިލުން ދޭން ޖެހޭ ހުއްދަ ނުދީ މަސައްކަތް ގަސްތުގައި ލަސްކުރާ ކަމަށް މިިނިސްޓްރީން ކުރި އެ ތުހުމަތު އެ ކައުންސިލުން ވަނީ ދޮގުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް