މި ސަރުކާރުގެ ޓްރާންސްޕޯޓު މިިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އަމީން ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ވަޒީފާއިން ވަކިކުރި މައްސަލަ ކޯޓުން ބޭރުގައި ނިންމައި އަމީންއަށް 2 މިލިއަންގެ ބަދަލެއް ދީފި
މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، މިދިޔަ ސަރުކާރުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ފްލައިޓު އޮޕަރޭޝަންސްގެ ވެރިޔާގެ މަގާމުން ވަކިކުރި މައްސަލާގައި އޭނާއަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން އިއްވި ހުކުމް އައިއޭއެސް އިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަ ކޯޓުން ބޭރުގައި ނިންމައި އޭނާއަށް 2.2 މިލިއަން ރުފިޔާގެ ބަދަލެެއް ދީފި އެވެ.
ވީ ކިހިނެއް؟ - އަމީން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ، 5 އޮކްޓޫބަރު 2020ގައި އޭނާ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ކޯޓުން ނިންމާފައިވަނީ އަމީން ވަޒީފާ އިން ވަކިކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
ސިވިލް ކޯޓުން އެ ފަހަރު ދައުލަތަށް އެންގީ:
-
އެ މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް ހަމަޖެއްސުމަށާއި އަމީނަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށް
-
އޭނާ ވަޒީފާއިން ވަކިކުރި 2 ޖޫން 2019ގެ ފަހުން މުސާރަ އާއި އިނާޔަތާއި އެލަވަންސް ދީފައިވާ ނަމަ އެ ފައިސާ އާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކޮށްދިނުމާ ހަމައަށް ވަޒީފާއެއް އަދާކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް އާމްދަނީއެއް ހޯދާފައިވާ ނަމަ އެ ފައިސާ އުނިކުރުމަށް ފަހު، ވަޒީފާ އަނބުރާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތާއި އެލަވަންސް ދިނުމަށް
ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައިވާތީ، ހައި ކޯޓުން އިއްޔެ ބާތިލުކޮށްފައިވަނީ، ސިވިލް ކޯޓުގެ މި ހުކުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން 31 ޖުލައި 2022ގައި އިސްތިއުނާފް ކުރި މައްސަލަ އެވެ.
ތަފްސީލް - މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް، ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. ބޭރުކޮށްލި ސަަބަބެއް ކަމަށް އެ ކޯޓުން ބުނެފައިވަނީ، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އައިއޭއެސްގެ ފަރާތުން ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދި މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހުށަހަޅާފައިވާތީ ކަމަށެވެ.
އައިއޭއެސް އިން ކޯޓުގައި ބުނެފައިވާ ގޮތުގައި، އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް، ބަދަލުގެ ގޮތުގައި 2.2 މިލިއަންގެ ބަދަލެއް ދިނުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވެ އެވެ.
އެނގުން މުހިންމު - އާ ރައީސް މުހައްމަދު މުއިއްޒުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އަމީން މިހާރު ހުންނެވީ މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުގަ އެވެ.
ފަސްމަންޒަރު - 1 ޖެނުއަރީ 1993 އިން ފެށިގެން އައިލެންޑް އޭވިއޭޝަންގައި ވަޒީފާ އަދާކުރައްވަމުން ގެންދެވި އަމީން ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމަށް އައްޔަންކޮށްފައިވަނީ 24 އޮކްޓޫބަރު 2006ގަ އެވެ. އެ މަގާމުން އޭނާ ވަކި ކުރުމުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އެ މަގާމުން ވަކިކޮށްފައިވަނީ 2 ޖޫން 2019ގައި ކަމަށެވެ.
އެކަމަކު އައިލެންޑް އޭވިއޭޝަނުން ބުނަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ނުވާ ކަަމަށާއި ޑިރެކްޓަރުގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، ކެޕްޓަނެއްގެ ޒިންމާތަކަށް ބަދަލުކުރީ ކަމަށެވެ. އެކަން 2 ޖޫން 2019ގައި އެންގުމަށް ފަހު، ޖެހިގެން އައި ދުވަހު އެ ބަދަލާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކުރައްވަން ވަޑައިގަތުމަށް އަންގާފައިވާނެ ކަމަށެވެ.
އެކަމަކު އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހާޒިރުވެވަޑައިގަންނަވަން އެންގުމުން ވެސް ހާޒިރުވެވަޑައިގެންފައި ނުވާތީ، އޭނާ ވަޒީފާއިން 6 އޮގަސްޓު 2019ގައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން އޭރު ބުނެފައިވެ އެވެ.