ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގޯތި ލިބުނު ބިން ބަދަލުވެދާނެ؛ އެކަމަކު ރަށް ބަދަލު ނުވާނެ: ހައިދަރު

ހައިދަރު ވިދާޅުވި ގޮތުގައި ގޯތި ލިބުނު މީހުންނާ ގުޅޭ ގޮތުން ޝަކުވާއެއް ލިބިއްޖެ ނަމަ އެކަން ބަލާނެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލެ ސަރަހައްދުން ގޯތި ދީ، ރަޖިސްޓްރީ ދިފައިވާ ބިންތައް ދީފައިވާ ސަރަަހައްދުތަކަކީ ގޯތި ދިނުމަށް އެންމެ އެކަށީގެންވާ ސަރަހައްދުތަކެއް ނޫން ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭ ނަމަ އެ ގޯއްޗެއް ލިބުނު ތަން ބަދަލު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާހަގަކޮށްލެވޭ - ނަމަވެސް އެގޮތަށް ބަދަލު ކުރާއިރު ވެސް، ދޭނީ ސީދާ ގޯތި ލިބުނު ރަށަކުން ނުވަތަ އަވަށަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން، ހައިދަރު ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސޯލިހްގެ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމުން ދިން ގޯތިތައް ދިން ސަރަހައްދު ބަދަލުވެދާނެ ކަމަށެވެ. ނަމަވެސް، އެ ސަރުކާރުން ހައްގުން ދީފައިވާ އެއްވެސް ގޯއްޗެއް އަތުނުލާނޭ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ. 

އެކަމާ ގުޅިގެން ނޫސްވެރިން އިތުރަށް ސުވާލު ކުރުމުން ސަރުކާރުން މިކަމުގައި ގެންގުޅޭ ވިސްނުން ހައިދަރު ކޮންމެވެސް ވަރަކަށް މިއަދު ހާމަ ކުރެއްވި އެވެ.

ތަފްސީލު - ދޮޅުގަޑިއިރަށް ދިގު ދެމިގެން ދިޔަ ނޫސްވެރިންގެ ބަދައްލުވުމުގައި ހައިދަރު ވިދާޅުވީ، ރައިސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ތެރޭގައި ވެސް ވިދާޅުވި ގޮތަށް ސޯލިހްގެ ސަރުކާރުން ދިން ގޯއްޗެއް އަތުނުލާނެ އެވެ. ނަމަވެސް ޝަކުވާއެއް ހުށަހެޅިއްޖެ ނަމަ، އެކަން މި ސަރުކާރުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[މާލެ ސަރަހައްދުން ހިއްކާ ފަޅުތަކަށް] އަޅުގަނޑުމެންގެ އާބަން ޑިވަލޮޕްންޓްތައް ތައްޔާރުކޮށްފައި ވަނީ އާބާދިއަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް. އެތަންތަނުން އަޅުގަނޑުމެން [ގޯތި ދިނުމަށް] ކަނޑައަޅާފައިވާ ސަރަހައްދުތަކުން ޝަރުތުހަމަވެގެން އެ [ސޯލިހްގެ ސަރުކާރުގެ ބިން ލިބޭ] ލިސްޓުން ގޯތި ނުދެވި ތިބި ހުރިހާ އެންމެންނަށް ގޯތި ދޭނަން އަޅުގަނޑުމެން،" ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ހައިދަރު، މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެ ގޯތިތައް ދޭނީ ސޯލިހްގެ ސަރުކާރުން ދޭން ނިންމި ސައިޒަށް ނުވަތަ އެއަށް ވުރެ ބޮޑުކޮށް ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަހުރި ސައިޒުތަކެއް ވެސް ކަނޑައަޅާފައި 1،600 އަކަ ފޫޓުގެ ތަންތަން ވެސް އެބަހުރި. އެ ހުރިހާ ހިދުމަތްތައް ލިބޭ ތަނުން އަދި އަޅުގަނޑުމެން [ސޯލިގެ ސަރުކާރުން] ގޯތި، ރީލޮކޭޓް ކުރަން ޖެހުނަސް ވެސް، ލިބިފަ ހުރި އެއްޗެއް ވިއްޔާ، އޭގެ ހެޔޮ ބަދަލެއް ދީގެން ރީލޮކޭޓް ކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

ލިބުނު ގޯތި އަތުނުލި ނަމަވެސް، ބިންތައް ދީފައި ހުރި ބައެއް ތަންތަން 'ރީލޮކޭޓް' ނުވަތަ އެހެން ތަނަކަށް ބަދަލު އަތުވެދާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ގޯތި ރިލޮކޭޓް ކުރަން ޖެހުނަސް، އެއީ ލިބިފަ ހުރި އެއްޗެއް ކަމަށްވަންޏާ، އޭގެ ހެޔޮ ބަދަލެއް ދީގެން އެހެން ތަނަކަށް ރީލޮކޭޓް ކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

ސޯލިހްގެ ސަރުކާރުން ގޯތި ދޭން ނިންމި ބިންތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 2 އަދި އެ ސަރުކާރުގެ ފަހުކޮޅު ހިއްކަން ފެށި ފޭސް 3 ވެސް ހިމެނެ އެވެ.

'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި ހައިދަރު ވިދާޅުވީ، އެ ތަނުން ލިބުނު ގޯތިތައް ވެސް ލޮކޭޝަން ބަދަލުވުމަކީ 'އެކަށީގެންވާ ކަމެއް' ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭނީ ބަލަން އެއީ، ކިހާވަރެއްގެ ބިމެއްތޯ، އެތަން ކުރިން ކަނޑައަޅާފައި ވަނީ ކޮން ކަމަކަށްތޯ، އެތަނަކީ މީހުން ދިރުއުޅެން ރަނގަޅު ތަނެއްތޯ ބަލަން. އަޅުގަނޑުމެންގެ މަސައްކަތަކީ ވީހާވެސް ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ކަންކަން ކުރިއަށް ދިޔުން،" ހުޅުމާލެ ފޭސް 2ގެ ހިއްކާ ސަރަހައްދާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހައިދަރު ވިދާޅުވި އެވެ.

"އެހެންވީމަ، ރައްޔިތުންނަށް ދަތިވާ ގޮތަކަށް އެތަނަށް [ފޭސް 3] ބައިވަރު ބިންތަކެއް ދީގެން، އާބާދުކޮށްގެން އަޅުގަނޑުމެން ކުރިއަކަށް ނުގެންދާނަން. ނަމަވެސް އޭގެ މާނައަކީ، އޭތި އަތުލާ ވާހަކައެއް ނޫން. އަޅުގަނޑުމެން ބަލާނަން، ގޯތި ދޭން ރަނގަޅު ކަމަށްވަންޏާ އެއާގެން ކުރިއަށް ދާނަން."

ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ހައިދަރު ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެކަން ކުރަނީ ގާނޫނީ ގޮތުން ކޮން ބާރެއް ލިބިގެންތޯ އާއި ރިލޮކޭޓް ކުރާއިރު، ބަދަލެއް ދޭނެތޯ އެހުމުން އޭނާ ވިދާޅުވީ:

  • ބަދަލު ދިނުމުގައި ބަލާނީ، އެތަނުގައި އިމާރާތެއްކޮށްފައި ހުރިތޯ؛ ވިދާޅުވީ 'އިމާރާތެއްކޮށްފައި ނެތިއްޔާ ކޮއްޗެއްތޯ ބަދަލުގެ ގޮތުގައި ދޭން އޮންނާނީ'

  • ސަރުކާރުގެ ވިސްނުމަކީ ހުރިހާ ރައްޔިތުން ވެސް ފަސޭހަ ގޮތަކަށް ބިން ބޭނުން ކުރުން

  • ލޮކޯޝަން ބަދަލު ކުރަން ޖެހޭނީ ހަމައެކަނި އެހެން ކަމަކަށް ކަނޑައަޅާފައިވާ ބިމެއް ކަމަށް އަޅުގަނޑުމެންގެ ޕްލޭންތަކުގައި އޮތިއްޔާ. އެހެން ނޫނިއްޔާ ނުކުރާނަން. އެހެން ނޫނީ، އެތަނުގައި ހަމަ އެ ގޯތި އޮންނާނެ ކަމަށް ވިދާޅުވި

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހަކަށް، ގިރާވަރު ނުވަތަ ފުށިދިއްގަރު ފަޅުން ހިއްކާ ބިމަކަށް ގޯތި ބަދަލު ކުރުމުން އެ ބިމުގެ އަގު ދަށްވާނެ ނޫންތޯ އެހުމުން އޭނާ ވިދާޅުވީ، ގޯތި ބަދަލު ކުރަނީ، ގޯތި ލިބުނު ސަރަހައްދަކުން ކަމަށެވެ. 

"މިސާލަކަށް ފޭސް ތިނަކުން ވެއްޖިއްޔާ، ފޭސް ތިނަކުން. ގުޅީފަޅުން ވިއްޔާ ގުޅީ ފަޅުން،" ހައިދަރު އިތުރަށް ސާފުކޮށްދެއްވަމުން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް