
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފޮނުވާފައި (ފޮޓޯ/ މަޖިލިސް)
އީވާ ވަކިކުރުމުގެ މައްސަލަ ބަލައިގެނެ، ނޯޓިސް ދީފި
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައިސް އިވާ އަބްދުﷲ މަގާމުން ވަކިކުރުމަށް މިހާރުގެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަނެ، އެ މައްސަލައިގެ ނޯޓިސް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން، އީވާގެ އަމަލުތައް ހުރި ގޮތުން އެމްޑީޕީ މެންބަރުން ނުރުހިގެން 50 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ ހަފްތާ ހޯމަ ދުވަހު އެވެ.
އެ މައްސަލަ ބަލައިގެންފައިވާ ކަން މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެންބަރުންނަށާއި އީވާއަށް ސިޓީއަކުން ދަންނަވައިފަ އެވެ.
ތަފްސީލު - މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އެ ގަރާރު މަޖިލީހަށް ލިބޭތާ ގިނަވެގެން ތިން ދުވަހުގެ ތެރޭ އެ މައްސަލައިގެ ނޯޓިސް އަމީން އާންމު ދޭން ޖެހެ އެވެ.
އެ މުއްދަތު ބުރާސްފަތި ދުވަހަށް ހަމަވި އިރު، އަމީން އާންމު މެންބަރުންނަށް ފޮނުއްވި ސިޓީގައި ބުނީ:
-
ގަވައިދުގައިވާ ގޮތުގެ މަތިން، އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭ
-
އެހެންކަމުން ގަވައިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރުމުގެ ގަރާރުގެ ނޯޓިސް މެންބަރުންނަށް ދެއްވި

ނޯޓިސް މުއްދަތު ހަމަވެ، އެ ގަރާރު ތާވަލް ކުރަނީ، އަންނަ ޖެނުއަރީ މަހު ދެ ވަނަ ދުވަހު އެވެ.
އީވާ ވަކިކުރަން ހުށަހެޅި ސަބަބުތައް:
-
އީވާއަކީ ނަޝީދާ ދެބެއިންގެ ދެދަރި ބޭފުޅަކަށްވާ އިރު، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކަންކަންކޮށްފައިވަނީ، އާއިލީ އަދި ޒާތީ މަސްލަހަތު ކުރެއްވުމަށް
-
އީވާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި؛ ނަމަވެސް މީހާރު އީވާ ވަނީ އަމިއްލައަށް އެ ޕާޓީން ވަކިވެވަޑައިގެންފައި
-
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރެއްވިއިރު "ކެންޑިޑޭޓުންގެ އިގުރާރު"ގައި ޕާޓީގައި ދެމިހުންނަވާނެ ކަމަށް އިގުރާރުވެވަޑައިގެންފައިވޭ
-
އަމިއްލައަށް ޕާޓީން ވަކިވެވަޑައިގެންފައިވާތީ އެ އިގުރާރާ އިވާ ވަނީ ހިލާފުވެވަޑައިގެންފައި؛ އެހެންވެ، އެމްޑީޕީގެ މެންބަރުންގެ އިތުބާރު އީވާއަށް މިހާރު ވަނީ ގެއްލިފައި
ކޮމެންޓް