މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުﷲ (ފޮޓޯ/ މަޖިލިސް)

އެމްޑީޕީ

އީވާ ވަކިކުރަން 50 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅައިފި

އެ ގަރާރު ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އީވާ ރިޔާސަތުގައި އިންނަވައިގެން، ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ. 

ވީ ކިހިނެއް؟ - އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ހެނދުނު ފާސްކޮށްފައިވާ ގޮތަށް، އެ މައްސަލައިގެ ގަރާރު މިހާރު ހުށަހަޅާފައިވާކަން އެމްޑީޕީގެ މަޖިލިސް އިސް މެންބަރަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. އަދި އެ މައްސަލައިގެ ގަރާރުގެ ކޮޕީއެއް ވެސް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

ތަފްސީލު - އެ ގަރާރުގައި ސޮއިކުރައްވާފައި ވަނީ، އެމްޑީޕީގެ 49 މެންބަރަކާއި އަމިއްލަ މެންބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

އެ ގަރާރު ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް "ގަސްތުގައި މަޖލީހުގެ ގަވައިދާ ހިލާފަށް ހުރަސް އަޅަމުންދާ" މައްސަލަ އެވެ.

"ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އީވާ އަބްދުﷲ އަކީ މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށާއި އީވާ އަބުދުﷲގެ އާއިލީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކޮށް، އެ އިއްޒަތްތެރި މެންބަރާ ހާއްސަ ގުޅުމެއް އޮތް އާއިލީ ބޭފުޅެއްގެ މަސްލަހަތު ކުރިއެރުވުމަށް" އީިވާ މަސައްކަތް ކުރައްވަމުންދާ ކަމަށް އެ ގަރާރުގައި ތުހުމަތުކޮށްފައިވެ އެވެ.

އޭގެ އިތުރުން ގަރާރުގައި ފާހަގަކޮށްފައިވަނީ:

  • އީވާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި؛ ނަމަވެސް، މީހާރު އީވާ ވަނީ އަމިއްލައަށް އެ ޕާޓީން ވަކިވެވަޑައިގެންފައި

  • އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރެއްވިއިރު "ކެންޑިޑޭޓުންގެ އިގުރާރު"ގައި ޕާޓީގައި ދެމިހުންނަވާނެ ކަމަށް އިގުރާރުވެވަޑައިގެންފައިވޭ

  • އަމިއްލައަށް ޕާޓީން ވަކިވެވަޑައިގެންފައިވާތީ އެ އިގުރާރާ އިވާ ވަނީ ހިލާފުވެވަޑައިގެންފައި؛ އެހެންވެ، އެމްޑީޕީގެ މެންބަރުންގެ އިތުބާރު އީވާއަށް މިހާރު ވަނީ ގެއްލިފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް