ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް (ފޮޓޯ/ އިންތިގާލީ އޮފީސް)
މިދިޔަ ފަސް އަހަރު އިންޑިއާއާ އެކު 100 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރި: ރައީސް އޮފީސް
މަޝްރޫއުތައް ހިންގަން ވެފައިވާ އެއްބަސްވުންތައް ނުހިމަނާ ވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާއާ އެކު ރާއްޖެއިން 100 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރު ހިންގުމުގެ ކަންކަން ކުރިއަށްދާ ގޮތް ހިއްސާކުރަން ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް މިހެން ވިދާޅުވީ، ރާއްޖޭގެ އިސްތިގުލާލަށް އަސަރުކުރާ ކަންކަމާ ގުޅޭ ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ފިރުޒުލް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ކެމްޕޭންގެ ތެރޭގައި ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދޭދޭ ގައުމުތަކާ މެދު ވެފައިވާ އެއްބަސްވުންތަކުގައި ހުރި އެފަދަ މާއްދާތައް އުވާލުމުގެ މަސައްކަތް އާ ސަރުކާރާ އެކު ފެށޭނެ ކަމަށެވެ.
"އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން އައި ކަމަކީ، އިންޑިއާއާ އެކުގައި ވެފައިވާ އެއްބަސްވުންތައް،" ފިރުޒުލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި:
-
މިހާތަނަށް އެއްކުރެވި، ޔަގީންކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ބައިލެޓަރަލް އެއްބަސްވުންތަކުގެ ގޮތުގައި އިންޑިއާއާ އެކު އެކަނި 100 އަށް ވުރެ ގިނަ އެއްބަސްވުން ވެފައި އެބަހުރި
-
މިއީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ވެފައިވާ އެއްބަސްވުންތައް ނުހިމަނާ، އޭގެ އިތުރުން ވެފައިވާ އެއްބަސްވުމުގެ އަދަދު
އެއްބަސްވުންތަކުގެ އަދަދު ގިނަ ވުމުން، ވަކިވަކި އެއްބަސްވުންތައް އިތުރަށް ދިރާސާކޮށް، އެކަމާ ބެހޭ ތަފްސީލީ މައުލޫމާތު ހިއްސާކުރަން މަސައްކަތް ކުރަން ޖެހޭނެ ކަން ވެސް ފިރުޒުލް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި އެއްބަސްވުންތައް ނުވަތަ އެއްބަސްވުންތަކުގައި ހުރި ވަކިވަކި މާއްދާތައް އުވާލާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"މިވަގުތު އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަން ދެނީ އަޅުގަނޑުމެންގެ ކުރިމަތީގައި މި ހުރި އެއްބަސްވުންތައް ދިރާސާ ކުރުމަށް. ދިރާސާ ކުރުމަށް ފަހު އެއްބަސްވުންތައް ހާމަކުރާނެ،" ފިރުޒުލް ވިދާޅުވި އެވެ.
އޭގެ މާނައަކީ، އޭނާ ތަފްސީލް ކޮށްދެއްވި ގޮތުގައި، ރާއްޖޭގެ "ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި ނުކުތާތައް" އެކަނި ހާމަކުރުމެވެ. ނަމަވެސް އޭގެ ތެރޭގައި ހުރި އަސްކަރީ އެކި ތަފްސީލް ހިމެނޭ، ގައުމީ ސަލާމަތާ ގުޅޭ ކަންކަން ހާމަނުކުރައްވާނެ ކަން" ފިރުޒުލް ފާހަގަކުރެއްވި އެވެ.
އެނގުން މުހިއްމު - ރައީސް މުއިއްޒުއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަން ފަސޭހަވި އެއް ސަބަބަކީ އިންޑިއާއާ އެކު އޭރުގެ ސަރުކާރުން ބޭއްވި ގާތް ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅިދާނެ ކަމަށް، އާންމުންނަށް ވިސްނައިދިން ވިސްނައިދިނުން ކަމަށް ބެލެވެ އެވެ. އެގޮތުން ބައެއް އެއްބަސްވުންތައް ހުރީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ގާއިމްކުރެވޭ ގޮތަށް ކަމަށް ވެސް، ޕީޕީއެމް/ޕީއެންސީ ތުހުމަތުކުރި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާ، ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ގޮތަށް ވެފައިވާ ހުރިހާ އެއްބަސްވުމެއް އުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.