މަމްދޫހު އާއި ކޭޕާކްގެ މައި ހިއްސާދާރު ޗައިނާގެ ޖިންއާ އެކު ހަފްލާއެއްގައި.

ކޭޕާކުގެ ތަހުގީގަށް މަމްދޫހުގެ މުދާތަކެއް ހިފަހައްޓައިފި

ފުލުހުން ވަނީ މަމްދޫހު ދިރިއުޅޭ 'އެފްޑަބްލިއު ރެސިޑެންސް'ގެ އެޕާޓްމަންޓް ދެ ވަނަ ފަހަރަށް ބަލައި ފާސްކޮށްފައި؛ ހިފެހެއްޓި ތަކެތީގެ ތެރޭގައި އޭނާގެ އެޕާޓްމަންޓުތަކަކާއި އޭނާގެ އަންހެނުންގެ ނަން މަތީގައި ހުރި ބައެއް ތަކެތި ވެސް ހިމެނޭ ކަމަށްވޭ

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން އެ ކުންފުނީގެ ކުރީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކެއް މިއަދު ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ރޭ ފުލުހުން ވަނީ މަމްދޫހު ދިރިއުޅޭ 'އެފްޑަބްލިއު ރެސިޑެންސް'ގެ އެޕާޓްމަންޓް ދެ ވަނަ ފަހަރަށް ބަލައި ފާސްކޮށްފަ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މުދާތައް ހިފެހެއްޓީ އެއީ ކުށް ކޮށްގެން ހޯދާފައިވާ މުދާކަން ތަހުގީގަށް ތުހުމަތުކުރެވޭތީ، ކޭޕާކު މައްސަަލައިގެ ތަހުގީގަށެވެ. މުދާތައް ހިފަހައްޓާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް އެނގިފައިވެ އެވެ.

އޭގެ ތެރޭގައި އޭނާގެ އެޕާޓްމަންޓުތަކަކާއި އޭނާގެ އަންހެނުންގެ ނަން މަތީގައި ހުރި ބައެއް ތަކެތި ވެސް ހިމެނޭ ކަމަށްވެ އެވެ. ނަމަވެސް، އެއީ ސީދާ ކޮން އެއްޗެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެނގުން މުހިންމު - ހުޅުމާލޭގައި ކޭޕާކް ފްލެޓްތައް ހަދަމުން އަންނަ ހަންބޯ މޯލްޑިވްސް ކުންފުނީގެ ކަސްޓަމަރުންނަށް ނުއަގުގައި ފްލެޓް ވިއްކައި އެ ކުންފުންޏަށް ނޭނގި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ. އެ ކުންފުނިން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ މައްސަލައިގައި މިހާރު ވަނީ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ. އެގޮތުން:

  • ހަންބޯ މޯލްޑިވްސް އިން ތުހުމަތުކުރި ގޮތުގައި، މަމްދޫހު އާއި އިތުރު މީހަކު ވަނީ ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައި

  • މިކަން ކޮށްފައިވަނީ އެ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ކަމަށް ހަންބޯ އިން ބުނި

މި މައްސަލާގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ރާއްޖެއިން ބޭރަށް ފުރަން މަސައްކަތް ކުރަނިކޮށް، މިދިޔަ 5 ޖުލައިގައި ދުވަހު މަމްދޫހު ހައްޔަރުކުރި އެވެ. ނަމަވެސް، އެ މަހުގެ 30ގައި ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު، އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. 

މި މައްސަލާގައި ތަހުގީގަށް އެއްބާރުލުން ނުދީ ހެކި ނައްތާލުމަށް މަމްދޫހު މަސައްކަތް ކުރަމުންދާ ކަމަށް ހަންބޯ ކުންފުނިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް