މަމްދޫހު: ތުހުމަތުތަކުގައި އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި
ކޭ ޕާކުގެ މައްސަލަ: ތަހުގީގަށް އެއްބާރުލުން ނުދީ މަމްދޫހު ހެކި ނައްތާލަން އުޅޭ ކަމަށް ތުހުމަތުކޮށްފި
ހުޅުމާލޭގައި ލަގްޒަރީ ކޭ-ޕާކް ރެސިޑެންސް ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ފްލެޓް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ތަހުގީގަށް އެއްބާރުލުން ނުދީ އޭނާ ހެކި ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަންބޯ ކޮމްޕެނީން މިރޭ ބުނެފި އެވެ.
ވީ ކިިހިނެއް؟ ހަންބޯ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަމްދޫހު އާއި އިތުރު މީހަކު ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވަނީ ހަންބޯ ކޮމްޕެނީގެ މައި ހިއްސާދާރުގެ ފަރާތުން ނެވެ.
ތަފްސީލް - މިއަދު އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، "ކޭ-ޕާކް" ރެސިޑެންސްގެ އެޕާޓްމަންޓްތައް ކުންފުންޏަށް އެނގުމެއްނެތި ވިއްކުމުގައި ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ހިންގާފައިވާ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބޭއްވި، ކުންފުންޏަށް ލިޔެކިޔުންތައް ހިއްސާކުރި ފަރާތްތައް ހިމެނޭ ގޮތުން ގަވާއިދުން މައުލޫމާތު ބަދަލުކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކ-ޭޕާކް މަޝްރޫއު އާ ގުޅިގެން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނީގެ ބޯޑު ބައްދަލުވުން ބޭއްވުމަށް މަމްދޫހުގެ ފަރާތުން ކުރިމަތިކުރުވި ގޮންޖެހުންތައްކަން ފާހަގަކޮށް މިއަދު އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު އެކުންފުނީގެ ހާއްސަ ބައްދަލުވުމެއް ބާއްވައި، ނިންމި ނިންމުންތަކުގެ ސަބަބުން މަމްދޫހުގެ ފަރާތުން ކުރިމަތިވަމުންދިޔަ ހުރަސްތައް ނައްތާލެވިފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ނިންމާފައިވަނީ:
-
ކުންފުނީގެ ހިއްސާ އަށް ބަދަލުތަކެއް ގެނެސް އާ ހިއްސާދާރެއް އިތުރުކުރަން
-
ކުންފުނީގެ ބޯޑަށް ޑިރެކްޓަރަކު އިތުރުކޮށްފައިވޭ
-
މިކަމުގެ ސަބަބުން، ކޭ-ޕާކް މަޝްރޫއު އާ ގުޅިގެން އެޗްޑީސީ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތް ބާރުދުވެލީގައި ކުރެވޭނެ ކަމަށް ކުންފުނިން ބުނޭ
ބަޔާނުގައިވާ ގޮތުން، އެ ކުންފުނީގެ ފަރާތުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މި މަހުގެ 2 ވަނަ ދުވަހު އެކުންފުނީގެ ފަރާތުން އާންމުކުރި އިއުލާނަށް އިޖާބަދީ، ކުންފުންޏަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމެވެ. އެ ގޮތުން އެ ކުންފުނިން ބުނީ:
-
މަމްދޫހުގެ ފަރާތުން ކުންފުނީގެ ލިޔެކިޔުންތައް ހިފަހައްޓައި އެލިޔުންތައް ލިބިފައިނުވާ ކަމަށް
-
ތަހުގީގަށް އެއްބާރުލުންނުދީ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް
-
ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް އެ ލިޔެކިޔުންތައް ފުރިހަމައަށް ލިބޭގޮތް ވެފައިނުވާތީ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް
-
އެހެންވެ، އެ ކުންފުނިން އެދެނީ ފުލުހުންގެ ހިދުމަތުން އެދިފައިވާ ފަދައިިން އެ އިދާރާއަށް ރިޕޯޓުކޮށް މައުލޫމާތު ހިއްސާކޮށްދިނުމަށް
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ވެސް އެކުންފުނީގެ ބޯޑުން ނިންމާފައިވާތީ، ކޭ -ޕާކް ރެސިޑެންސް އާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާ ހުށަހެޅުމަށް މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ކ-ޭޕާކް މައްސަލާގައި އެކުންފުނި ތަމްސީލުކުރުމަށް ކުންފުނީގެ ބޯޑުން އައްޔަންކޮށްފައިވަނީ ލޯކްރާފްޓް ލޯފާމް އެވެ. އަދި އެ އެލޯފަމްގެ އީމެއިލް އަށް ޝަކުވާ ހުށަހެޅުމަށް އެ ކުންފުނިން އެދެ އެވެ.
ހަންބޯގެ ބަޔާނުގައި އިތުރަށް ބުނީ، ކުންފުނީގެ ހިންގުމަށް މަމްދޫހުގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް މިހާރު ނައްތާލެވިފައިވާތީ، ކުރީގައި ވެސް އިއުލާނުކޮށްފައިވާ ގޮތަށް މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ނިންމާލުމަށް، ކޯޓާ އިތުރުކޮށް ލޭބަރުން ގެނައުމަށް ކުންފުނީގެ ފަރާތުން ފާސްކުރަންޖެހޭ ކަންކަން ފާސްކޮށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އެކަންކަން ކުރަމުން އަންނަ ކަމަށެވެ.