ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (މ) ފުލުހުންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވުން. (ފޮޓޯ/ފުލުހުން)

ކޮމިޝަނަރު ހަމީދު ރިޓަޔާކޮށްފި؛ އެދުނީ ފުލުހުންގެ ޝަރަފާއި ގަދަރު ނަގަހައްޓައިދިނުމަށް

އޭނާ ވިދާޅުވީ ރާއްޖެއަކީ ކުށް މަދު، އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށް

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު މިއަދު ރިޓަަޔާ ކުރައްވައިފި އެވެ. ރިޓަޔާ ކުރައްވަމުން އޭނާ ފުލުހުންގެ ކިބައިން އެދިވަޑައިގަތީ ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަށެވެ.

ވީ ކިހިނެއް؟ - ހަމީދު ރިޓަޔާ ކުރެއްވުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ ރަސްމިއްޔާތުގެ ފުލުހުންގެ އިސްވެރިންނާއި ހަމީދުގެ އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަ ދައްކަވަނީ. (ފޮޓޯ/ޕޮލިސް)

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާ އެކު މަސައްކަތް ކުރެއްވުނު ކަމަށާއި ކޮންމެ ފުލުހަކު ވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާ އެކު މަސައްކަތް ކޮށްފައިވާ ތަން ކަމަށެވެ.

"ހިތާ އެންމެ ގާތް ހިދުމަތުން ވަކިވެގެން ދާއިރު، މި މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް އިލްތިމާސް ކުރަން،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ކުށް މަދު، އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ހަމީދަށް ވަނީ ޝަރަފުގެ ހަނދާނީ ފިލައަކާއި ރިޓަޔަމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފަ އެވެ.

ގުޅުން ހުރި ކަމެއް - ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަަމީދު އައްޔަން ކުރެއްވީ 26 މާޗު 2019 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ކ-2) ފުލުހުންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވުން. (ފޮޓޯ/ފުލުހުން)
  • ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ހަމީދު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ކުއްލި ގޮތަކަށް ބަދަލުވުމަށް ފަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން، އޮގަސްޓް 2012ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރި

  •  އޭނާއަށް އަލުން ފުލުހުންގެ ވަޒީފާ ދީފައިވަނީ 2 ޑިސެމްބަރު 2018 ދުވަހު ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން

  • ކޯޓުން ހުކުމް ކުރީ ހަމީދު ވަޒީފާއިން ވަކިކުރިއިރު ހުންނެވި މަގާމާ އެއް ފެންވަރުގެ ވަޒީފާއެއް ހަމަޖައްސައިދިނުމަށް؛ އެއާ އެކު، އޭނާއަށް ވަޒީފާ ދިނީ 4 ޑިސެމްބަރު 2018ގައި

ކޮމެންޓް (3)

އާސްނާ

15 ނޮވެމްބަރު 2023
ކޮން ގަދަރެއްތަ...
0 1

އިންސާފު

15 ނޮވެމްބަރު 2023
ތިމެޑަލެން ހައްގެން ނުވާނެ
3 1

އިންސާފު

15 ނޮވެމްބަރު 2023
ހަމީދު އަކީ ޕޮލިސް ސަރވިސް މީހުން ބަލައިގަންނަ މީހެން ނޫން، ޕޮލިސް ގެ ހަލާކު ، މީގެ ކުރިން މީނާ އަކީ ދައުލަތުގެ ސިއްރު ލީކުކޮށްފައިވާ މީހެން
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް