(ކ-ވ): އިބްރާހިމް ރަޝީދު، ނަޝީދު އަދި އަލީ އާޒިމް.

ދަ ޑިމޮކްރެޓްސް

ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅީ ކުރީގެ ހަރަދުތައް ފޫބައްދަން؛ މިއީ ވައްކަމުގެ ރަސީދެއް: ޑިމޮކްރެޓްސް

މި އަހަރުގެ ބާކީ އޮތް އެއް މަސްދުވަހުގެ ތެރޭގައި 7 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާނެ ގޮތަކާ މެދު އެ މެމްބަރުން ސުވާލު އުފެއްދެވި
15 ނޮވެމްބަރު 2023

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަށް ވުރެ އިތުރަށް ހަރަދުތައް ހިނގާނެތީ، މިދިޔަ މަހު ފިނޭންސް މިނިސްޓްރީން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ، މަޖިލީހުގެ ރުހުން ނުހޯދައި ސަރުކާރުން ކުރި ހަރަދުތައް ފޫބެއްދުމަށް ކަމަށާއި މިއީ ވައްކަން ކުރަން ލިބިދޭ ރަސީދެއް ކަމަށް ޑިމޮކްރެޓްސްގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސެވެ. މަޖިލީހުން ފާސްކޮށްފައިވަނީ މާދަމާ އެ ބަޖެޓުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް (ފޮޓޯ/ ރަައްޔިތުންގެ މަޖިލީސް)

ބުނީ ކީކޭ؟ - ބަހުސްކުރެއްވުމަށް ލިބިވަޑއިގެންނެވި ފުރުސަތުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތުހުމަތު ކުރެއްވީ، ސަޕްލިމެންޓްރީ ބަޖެޓު ސަރުކާރުން ހުށަހެޅީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ހިލާފަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާތި އެ ބައި ހަމަޖެއްސުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެ މަގާމުގައި އަދިވެސް ހުންނެވި ނަމަ، އެ މައްސަލަ އެޖެންޑާ ވެސް ނުކުރެއްވީހެވެ.

"ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅީމާ ސާފުވެގެން ގޮސްފި ކީއްވެގެންކަން ތި ގޮނޑިއަށް ގަދަކަމުން ވެސް ތިއަރާވަޑައިގަތީ. ހަމަ ޔަގީނުންވެސް ތިތާކު މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އިންނެވި ނަމަ، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފަހު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް މި ސަރުކާރު ބޭނުންކުރުމަށް ފަހު، ހަމަ ޔަގީނުން ވެސް އެ ފުރުސަތެއް ނުދޭނެ،" ނަޝީދު އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އާޒިމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ)ގައި ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓެއްގައިވާ މިންވަރަށް ވުރެ ހަރަދުތައް އިތުރުކޮށްގެން ނުވާނޭކަން އޮތްކަން ފާހަގަކުރައްވަމުން އާޒިމް ވަނީ މި އަހަރުގެ ބާކީ އޮތް މަސްދުވަހުން ގާތްގަނޑަކަށް 7 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފަ އެވެ.

"މި އަހަރު ނިމެން އެއް މަސްދުވަސް، އެހެންވީމާ މި ބަޖެޓު ބަލާލީމާ އެބަ އެނގޭ ކުރިން ހަރަދުކޮށްފައިކަން މި އޮތީ. ކުރިން ހަރަދުކޮށްފައިކަން މި ތަނަށް ފޮނުވާފައި މި އޮތީ. ގާނޫނުއަސާސީގައި އެބަ ބުނޭ އެހެން ނުކުރެވޭނޭ. ރައްޔިތުންގެ ފައިސާ، ރައްޔިތުން ނިކަމެތިވަނީ. އަންނަ ކޮންމެ ސަރުކާރަކުން އެ ދަނީ ކާލަމުން ކާލަމުން،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އާޒިމަށް ފަހު ވާހަކަދެއްކެވި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ސަޕްލިމެންޓްރީ ބަޖެޓު ސިފަކުރެއްވީ "ރީއިމްބާސްމެންޓް" ބަޖެޓެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުގެ ވިޔަފާރިތަކުން ނުއަގުގައި މުދާ ބަލައިގަތުމަށް ފަހު، އެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށް ހުށަހަޅާފައިވާ ބަޖެޓެކެވެ.

"މި ބަޖެޓަކީ ހޭދަކޮށް ނިންމާފައި އޮތް އެއްޗެއް. މިއީ ރީއިމްބާސްމެންޓެއް، ރީއިމްބާސްމެންޓް ބަޖެޓެއް، މި ބަޖެޓުގެ ފައިސާ ވަނީ މިހާރު ބޭސް އެތެރެކުރި ބަޔަކު މި ތާނގައި އެބަތިބި. 250ރ.އަށް ރާއްޖެ އެތެރެކުރި ބޭސްގުޅަ 7000ރ.އަށް ވިއްކައިފި ސަރުކާރަށް. އެ ފައިސާ އެބަ ދޭން ޖެހޭ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، އިންޖީނުގެ އަޅައިދީ، ފެނާ ނަރުދަމާގެ މަޝްރޫއުތައް ހިންގާ އަމިއްލަ ކުންފުނިތަކަށް ވެސް ދޭން ޖެހޭ ފައިސާ ނުދޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ވަނީ "ކާލާފަ" އެވެ.

"ފައިސާތައް ކައިފައި އަނެއްކާ ބަޖެޓު ފާސްކުރަނީ،" އޭނާ ވިދާޅުވި އެވެ.

މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ނަޝީދު މަޖިލީހުގެ ތަޅުމުގައި (ފޮޓޯ/ ނަޝީދު)

ކުރީގެ ރައީސް ނަޝީދު މި ބަޖެޓު ސިފަކުރެއްވީ "ވައްކަމުގެ ރަސީދެއް"ގެ ގޮތުގަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ނިމިގެން މިދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޭޝްފްލޯ މެނޭޖްނުކުރެވުމުގެ މައްސަލަ އެވެ.

އެގޮތުން، ކޮންމެ ހަފްތާއަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން ނެރެން ޖެހޭ 'ވީކްލީ ފިޒިކަލް ޑިވެލޮޕްމެންޓް ސީރީޒް' ނެރެފައިވަނީ މިި މަހުގެ 2ގެ ނިޔަލަަށްކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ދުވަހު ނެރުނު ރިޕޯޓާ އެކު ދައުލަތުގެ ބަޖެޓު ހުސްވިކަން އެނގިގެންދިޔަ ކަމަށެވެ.

"ބައްލަވާ މިނިސްޓްރީ އޮފް ނެޝަނަލް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޔޫޓިލައިޒްޑް މިންވަރާއި އަންޔޫޓިލައިޒްޑް މިންވަރު. އަން ޔޫޓިލައިޒްޑް މިންވަރެއް ނެތް. ސާޅީސް ހަތަރު ވަނަ ހަފްތާއަށް އައިއިރު. އެހެނެއް ނުހެއްދެވޭނެ މިއީ ދިވެހި ރައްޔިތުންގެ ފައިސާ،" ޑިމޮކްރެޓްސްގެ ބާނީ ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ފައިސާ އަކީ ގައުމުގެ ތަރައްގީއަށް، "ދަރިންނާއި ދަރިންގެ ދަރިންނަށް" ހުރި ފައިސާ އެވެ. އެހެންކަމުން، އެއީ ބޭކާރުކޮށް ނާޖާއިޒްކޮށް ބޭނުން ކުރެވޭނެ އެއްޗެއް ނޫންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އިއްޒަތްތެރި ރައީސް މިއީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން، މިއީ ވައްކަމުގެ ރަސީދެއް. ވައްކަމުގެ ރަސީދެއް. ވަރަށް މަދުން ވައްކަމުގެ ރަސީދެއް އަޅުގަނޑުމެންނަށް ލިބޭނީ،" ނަޝީދު ވިދާޅުވި އެވެ.

"މި އޮތީ މާލީ ވަޒީރާއި ރައީސުލްޖުމްހޫރިއްޔާ ވައްކަން ކުރައްވާފައި ރަސީދެއް މި ތަނަށް ފޮނުއްވާފައި ވައްކަމުގެ ރަސީދެއް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް