ރިޔާސަތު އެހެން މެމްބަރަކާ ހަވާލުކުރުމުން އީވާ ނުރުހުން ފާޅުކުރައްވަނީ.
އީވާ ހުއްޓައި ޝަރީފްއާ ރިޔާސަތު ހަވާލުކުރި ކަމަށް ބުނެ ނުރުހުން
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ތަޅުމުގައި އިންނަވަނިކޮށް، އެހެން މެމްބަރަކަށް މިއަދުގެ ޖަލްސާގެ ރިޔާސަތު ހަވާލުކުރި ކަމަށް ބުނެ، އޭނާ މަޖިލީހުގައި ނުރުހުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންދުރު ފަހަަށް ޖަލްސާ މެދުކަނޑާލުމުގެ ކުރިން ރިޔާސަތުގައި އިންނެވީ މިދިޔަ ހޯމަ ދުވަހުގެ ރޭ އިންތިހާބުކުރި މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް އެވެ. އޭނާ ރިޔާސަތުން ފައިބައިވަޑައިގެން، ރިޔާސަތު ހަވާލުކުރެއްވީ މަޖިލީހުގެ އެންމެ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފްއާ އެވެ.
ތަފްސީލް - ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރެއްގެ ހުވާކުރުމަށް ވަޑައިގެންނެވުމަށް އަސްލަމް ޖަލްސާގެ ރިޔާސަތު އިބްރާހީމް ޝަރީފާއި ހަވާލުކުރެއްވީ އެ ވަގުތު ތަޅުމުގައި އީވާާ ނެތްކަން އިއުލާނުކުރެއްވުމަށް ފަހު އެވެ.
"ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ މާއްދާގެ މަތިން އަޅުގަނޑު އިއުލާނުކުރަން. އަޅުގަނޑު ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ހުވާކުރުމަށް ރައްޔިތުންގެ މަޖިލީސްގެ ރައީސްގެ ހައިސިއްޔަތުން ދާން ޖެހޭ. މި ވަގުތު މަޖިލީހުގެ ފްލޯގައި މަޖިލީހުގެ ނައިބު ރައީސް ނެތުމާ އެކު ވެސް ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ މާއްދާގެ ދަށުން ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިދެއްވުން އެދެން. އެގޮތުން، މިވަގުތު ވަޑައިގެން އިންނެވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ރިޔާސަތާ ހަވާލުވެވަޑައިގެންނެވުން އެދެން،" އަސްލަމް އިއުލާނުކުރެއްވި އެވެ.
ޝަރީފް ރިޔަސަތާ ހަވާލުވެވަޑައިގެން ބަހުސްކުރުމުގެ ފުރުސަތު ދެއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމަށެވެ. އޭނާގެ ވާހަކައަށް މާ ގިނަ އިރެއް ނުވަނީސް، ޝަހީމްގެ މޭޒު ކައިރިއަށް ވަޑައިގެން ނިޒާމީ ނުކުތާއެއް ކަމަށް ވިދާޅުވެ، އީވާ އަޑުގަދަކުރައްވަން ފެއްޓެވި އެވެ.
"އަޅުގަނޑު މަޖިލީހުގައި ހާޒިރުވެ ހުއްޓައި އަޅުގަނޑަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް. އެހެން މީހަކާ ރިޔާސަތު ހަވާލުކުރެވޭނެ ގޮތެއް ވިދާޅުވެދެއްވުން އެދެން،" ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހަަޅާފައިވާ އީވާ ވިދާޅުވި އެވެ.
އެއާ އެކު، ޝަރީފް އީވާގެ ނަން އިއްވަވައި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. ނަމަވެސް، އަނެއްކާވެސް ޝަހީމް ވާހަކަ ފެއްޓެވުމުން ވެސް އީވާ ތަކުރާރުކޮށް ސުވާލުކުރައްވަމުން ގެންދެވީ އޭނާ ތަޅުމުގައި ހުންނަވަނިކޮށް އެހެން މެމްބަރަކަށް ރިޔާސަތު ހަވާލުކުރެވުނީ ކިހިނެއްތޯ އެވެ.
ރިޔާސަތު ޝަރީފާ ހަވާލުކުރެއްވީ އީވާ ތަޅުމުގައި ހުންނެވި ވަގުތުގައި ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އެވަގުތު މަޖިލީހުގެ ތަޅުމުގައި ހުންނަ އޭނާގެ މޭޒުކޮޅުގައި އިންނެވި މަންޒަރެއް މަޖިލީހުގެ ލައިވް ފީޑަކުން ނުފެނެ އެވެ.
ރިޔާސަތުގެ ނަސޭހަތަށް ކިޔަމަންތެރިނުވެ، އީވާއާ އެކު އޭނާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެމްބަރުން ގެންދެވީ އިޒްރޭލު ބޮއިކޮޓް ކުރުމަށް ގޮވާލާ ޕޯސްޓަރުތަކެއް ވެސް ހިފައިގެން އަޑުގަދަކުރައްވަމުންނެވެ. އެހެންވެ، ޝަރީފް ވަނީ ޖަލްސާ މި ވަގުތަށް މެދުކަނޑާލައްވާފަ އެވެ.
އެނގުން މުހިއްމު - މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ ގޮތުން، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރެއްވި މެމްބަރުންނާއި ރިޔާސަތު ހަވާލުކުރެވޭނީ ނައިބު ރައީސް އެ ކަމަށް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތެއްގަ އެވެ.
ކޮމެންޓް (1)
އެނގުން މުހިއްމު