މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދުގެ ޖަލްސާގައި.

އީވާ ރިޔާސަތުން ފައިބާވަޑައިގަތުމަށް ގާސިމް ވެސް ގޮވާލައްވައިފި

ގާސިމް ވިދާޅުވީ، ނަޝީދުގެ ގަރާރު ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދީ، މަޖިލީހުގައި ހަޅުތާލުކޮށް، މުޅި ނިޒާމު ނަގާލުމަކީ ރައްޔިތުންގެ މަސްލަހަތަށް އުނިވާ ކަމެއް ކަމަށް
13 ނޮވެމްބަރު 2023
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާތަކުގެ ރިޔާސަތު ނައިބު ރައީސް އީވާ އަބްދުﷲއަށް ނުބެލެހެއްޓެވޭނެ ކަމަށް ވިދާޅުވެ، އޭނާ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު އިތުރަށް ނުބެލެހެއްޓެވުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނުގެ ޖަލްސާގައި އޮތީ މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް އެޖެންޑާކޮށްފަ އެވެ. މިއަދު ހެނދުނު 11 ޖެހިއިރު ބާއްވަން ތާވަލުކޮށްފައި އޮތް ދެ ވަނަ ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމެވެ. އެގޮތުން:

  • ބަޖެޓު ހުށަހެޅުމުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "ބަލި ހާލަތު ހުރި ގޮތުން" ހާޒިރުވެވަޑައިނުގަތުމުންނާއި އެ ޖަލްސާގެ ކޯރަމް ހަމަނުވެގެން އެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި 

  • ރިޔާސަތުގައި އިންނެވި އީވާ ތިން ފަހަރަށް ޖަލްސާ މެދުކަނޑާލައްވައިގެން ވެސް ކޯރަމް ހަމަވާ ގޮތެއް ނުވި

  • އެއަށް ފަހު، 11 ޖެހިއިރު، ނަޝީދު މަގާމުން ވަކިރުމުގެ ޖަލްސާ ފެށި؛ އެ ޖަލްސާ ފެށުމާ އެކު، ރިޔާސަތު ވަށާލައި އެމްޑީޕީގެ މެންބަރުން އަޑުގަދަކުރައްވައި ރިޔާސަތު މޭޒު ކައިރީގައި އިހުތިޖާޖުކުރައްވަން ފެއްޓެވި

  • މެދުކަނޑާލުމަށް ފަހު އަލުން ޖަލްސާ ފެށި؛ އޭރު ޑިމޮކްރެޓްސްގެ މެމްބަރުން ގެންދެވީ އިހުތިޖާޖްކުރައްވައި ތަޅުމުގައި ދުންމާރި ފުމެ، އަޑުގަދަކުރައްވަމުން  

  • ޖަލްސާގެ އެ ބައި ވެސް ކުރިއަށް ގެންދެވުނީ ކުޑަ ވަގުތުކޮޅަކަށް؛ މެމްބަރުން  ރިޔާސަތާ ދެކޮޅަށް ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވި

ބުނީ ކީކޭ؟ - ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލީހުގެ އެންމެ ދުވަސްވީ މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ، ނަޝީދުގެ ގަރާރު ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދީ، މަޖިލީހުގައި ހަޅުތާލުކޮށް، މުޅި ނިޒާމު ނަގާލުމަކީ ރައްޔިތުންގެ މަސްލަހަތަށް އުނިވާ ކަމެއް ކަމަށެވެ.

އީވާ އަކީ ނަޝީދުގެ އާއިލީ ބޭފުޅަކަށް ވާއިރު، އެ މައްސަލަ ކުރިއަށް ގެންދިއުމުގައި އީވާގެ މަސްލަހަތު ފުށުއަރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ގާސިމް ގަބޫލުކުރައްވާ ގޮތުގައި، އީވާއަށް އެ މައްސަލައިގެ ރިޔާސަތެއް ނުބެލެހެއްޓެވޭނެ އެވެ.

"އަވަހަށް ތިތަނުން ފައިބައިވަޑައިގަންނަވާ. މަޖިލީހުގެ ނައިބު ރައީސަކަށް ތި މައްސަލަ ނުބެލޭނެ،" ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ ގާސިމްގެ ފަރާތުން ނިޒާމީ މައްސަލައެއް ފާހަގަކުރެއްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭރު ވެސް ޑިމޮކްރެޓްސްގެ މެމްބަރުން ގެންދެވީ ރިޔާސަތާއި މަޖިލީހުގެ އިދާރީ މޭޒުތައް ކައިރިއަށް ޖަމާވެ، އަޑުގަދަކުރައްވަމުންނެވެ.

ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބްގެ ނަން ވެސް އިއްވިއިރު، މެމްބަރުންގެ މެދުގައި މާރާމާރީ ހިންގި ކަމަށް ވިދާޅުވެ، އީވާ ވަނީ އަނެއްކާވެސް ޖަލްސާ މެދުކަނޑާލައްވާފަ އެވެ.

ކޮމެންޓް (1)

ނާސިރު

13 ނޮވެމްބަރު 2023
ދެން ކަނޑާލާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް