އާންމު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/މަޖިލިސް)

އޭޖީގެ ލަފާ އަމީން އާއްމަށް ފޮނުވުމަަށް ކޮމިޓީން ނިންމައިފި

އޭޖީގެ ލަފާ ފޮނުއްވުމާ މެދު ޑިމޮކްރެޓްސްގެ އިލްޔާސް މިއަދުވެސް ދެކޮޅު ހެއްދެވި
13 ނޮވެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިއްފަތު ކޮމިޓީއަށް ފޮނުއްވި ލަފާ އެ މަޖިލީހުގެ އަމީން އާއްމަށް ފޮނުވުމަށް އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސް ނެތި ވެސް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާއިރު، އިއްޔެ ބޭއްވި ދެ ޖަލްސާ ވެސް ކުރިއަކަށް ނުގެންދެވުނެވެ. އެ ގަރާރު ހުށަހަޅާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އިއްޔެ ރިޔާސަތު ބެލެހެއްޓެވި ޑިމޮކްރެޓްސްގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން:

  • ރިޔާސަތުން އަމަލުކުރީ މަޖިލީހުގެ އިދާރާގެ ލަފައާ ހިލާފަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައި

  • އެ މައްސަލައިގައި އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާ ކަމަަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ވަނީ ނިންމާފައި

  • ގަރާރާ މެދު ދެންެ އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އޭޖީގެ ލަފާ ހޯދުމަށް އިއްޔެ އާއްމު ކޮމިޓީން ނިންމި  

  • އޭޖީ ވިދާޅުވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިއްޔެ ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއ އެ މައްސަލަ ބެލުމުގައި ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާ އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމު ކަމަށް އިސްކަން ދޭން ޖެހޭ ކަމަށް

ތަފްސީލް- އޭޖީ ފޮނުއްވި ލަފާ މަޖިލީހުގެ އަމީން އާއްމަށް ފޮނުވުމަށް ކޮމިޓީއަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އޭނާގެ ހުށަހެޅުން ކޮމިޓީން ފާސްކުރީ އަގުލަބިއްޔަތުން ނަމަވެސް، އެ މައްސަލައިގައި ވޯޓު ދެއްވި މެމްބަރުންގެ އަދަދެއް ކޮމިޓީގެ މުގައްރިރު ވިދާޅެއް ނުވެ އެވެ.

އޭޖީ އެ ކުރަނީ ބަގާވާތެއް: އިލްޔާސް

އިލްޔާސް ކޮމިޓީ ބައްދަލުުވުމެއްގައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އޭޖީގެ ލަފާ ހޯދުމަށް ނިންމި އިއްޔެގެ ބައްދަލުވުމުގައި އެކަމާ ދެކޮޅު ހެއްދެވި ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބް ވަނީ މިއަދު ވެސް އެކަމާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ރައްޔިތުންގެ މަޖިލީސް ހިނގާ ގޮތާ ބެހޭގޮތުން އެޓާނީ ޖެނެރަލްއަށް ލަފާއެއް ނުދެވޭނެ

  • ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ ތުހުމަތު ކުރެއްވި؛ އޭނާ ވިދާޅުވީ އެކމާ ނުރުހުންވެ އޭޖީ އޮފީހުގެ ވަކީލުން ވެސް ތިއްބެވީ އިހުތިޖާޖހގައި

  • އޭޖީން ލަފާ ފޮނުވުން ގާނޫނު އަސާސީއާ ހިލާފް، އެ މައްސަލަ ކޮމިޓީގައި އެޖެންޑާވެސް ނުކުރެވޭނެ

"އެޓާނީ ޖެނެރަލްއަކާ ބެހޭ ކަމެއް ވެސް ނޫން، އެޓާނީ ޖެނެރަލް ބަގާވާތެއް އެ ކުރައްވަނީ. މި ދައުލަތް މިހާހިސާބަށް އައިސްފައި، ތިން ބާރު ވަކިވެފަ އޮތް ނިޒާމެއްގެ ތެރެއިން. އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަން، އެއް ބާރުން އަނެއް ބާރުގެ މައްޗަށް ކަން ކުރަން ޖެހޭ ގޮތް ލިޔުމުން ފޮނުވި ކަމަކީ ސީދާ ގާނޫނު އަސާސީއާ ހިލާފު ކަމެއް." އިލްޔާސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް