އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު މަޖިލީހުގައި. (ފޮޓޯ/މަޖިލިސް)
ނަޝީދުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާ މެދު ކޮމިޓީން އޭޖީގެ ލަފައަކަށް އެދެނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މިއަދު ބޭއްވި ދެ ޖަލްސާ ވެސް ނިންމާލުމުން ދެން އެ މައްސަލައިގައި އަމަލުކުރާނެ ގޮތަކާ މެދު އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިއްފަތުގެ ލަފައެއް ހޯދުމަށް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމާ އެކު، މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހެޅި ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.
މަޖިލީހުގެ ނައިބު ރައީސް ނެތި ވެސް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާއިރު، މިއަދުގެ ޖަލްސާއަށް ވެސް ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާމް ވިދާޅުވެފަ އެވެ. އެހެންވެ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފް އެވެ.
-
ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ އަފީފް ނިންމެވީ އެ ޕާޓީގެ ޕީޖީން ނިޒާމީ މައްސަލަ ނަގައި އެދުނު ގޮތަށް، އެމްޑީޕީން ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް؛ އެ ގަރާރު އަލުން ހުށަހެޅުމަށް ވެސް އެންގެވި
-
ގަރާރު އަލުން ހުށަހެޅުމަށް މިއަދު 11:30އަށް އެ ގަރާރާ ގުޅޭ އިތުރު ޖަލްސާއެއް ތާވަލުކުރި؛ އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އީވާ ނިންމެވީ ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައިވާ ކަމަށާއި، އެހެންވެ އެ ގަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް
-
ރިޔާސަތުން އަމަލުކުރީ މަޖިލީހުގެ އިދާރާގެ ލަފައާ ހިލާފަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައި
-
އެ މައްސަލައިގައި އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާ ކަމަަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ވަނީ މިއަދު ނިންމާފައި
ވީ ކިހިނެއް؟ - މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި އޭޖީގެ ލަފާ ހޯދުމަށް ނިންމީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ހަތް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ތަފްސީލް - އޭޖީގެ ލަފާއަކަށް އެދެން ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މުހައްމަދު ރަޝީދު ވިދާޅުވީ، އޭނާ ބޭނުންވެވެވަޑައިގެންނަވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ގޮތަކާ މެދު ބަންޑާރަ ނައިބުގެ ލަފާ އަމީން އާއްމަށް އަރުވައި އޭނާއަށް ގޮތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"... މަޖިލިސްގެ އަމީން އާއްމަށް މިކަމާ ގުޅޭ ގޮތުން ކުރިއަށް ދިއުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން އާއްމު ކޮމިޓީއަށް ލިބިދީފައިވާ އިހުތިޔާރުގެ ތެރޭގައި މެންޑޭޓުގެ ތެރޭގައި މަޖިލިސް ރައީސްގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ގޮތަކާ މެދު ބަންޑާރަ ނައިބުގެ ލަފާފުޅަކަށް އެދި ކޮމިޓީން ލަފާއެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.
"އެ ލަފާފުޅު އަމީން އާއްމުގެ އެހީތެރިކަމަށް، ޖަލްސާ ކުރިއަށް ގެންދިއުމަށް އެހީތެރިކަން، އެ ލިބުނު މައުލޫމާތު އަމީން އާއްމަށް ފޯރުކޮށްދިނުމުގެ ނިޔަތުގައި އަޅުގަނޑު ހުށަހެޅީ."
އެ ހުށަހެޅުން ފާސްވި ނަމަވެސް، މުހައްމަދު ރަޝީދުގެ ހުށަހެޅުމާ ދެކޮޅަށް ނަޝީދުގެ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވާހަކަދެއްކެވި އެވެ. އެގޮތުން:
-
މަޖިލީހުގެ ތަޅުމުގައި ހިނގާ ކަންކަމުގެ ތެރެއަށް ވަނުމަކީ ކޮމިޓީއަށް ލިބޭ ބާރެއް ނޫން ކަމަށް އިލްޔާސް ވިދާޅުވި؛ އެ ކޮމިޓީއަށް ކުރެވޭނެ ކަމަކީ ގަވާއިދުގައި އުނިކަމެއް ހުރި ނަމަ، އެ ކަމެއް އިސްލާހު ކުރަން ތަޅުމަށް ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި
-
އިލްޔާސަށް ރައްދު ދެއްވަމުން މުހައްމަދު ރަޝީދު ވިދާޅުވީ އަމީން އާއްމަށް ލަފާ ދިނުމަކީ ކޮމިޓީގެ މެންޑޭޓެއް ކަމަށް އަދި ބަންޑާރަ ނައިބުގެ ލަފަޔަށް އެދުނީ އަމީން އާއްމަށް ލަފާ އެރުވުމުގެ ގޮތުން ކަމަށް
-
އިލްޔާސް އެކަމާ ދެކޮޅު ހެއްދެވި؛ އޭނާ ވިދާޅުވީ އަމީން އާއްމަށް ލަފާދެވޭނީ އިދާރާ ހިންގުމުގެ ކަންކަމުގައި ކަމަށް މަޖިލިސް ހިންގުމުގައި ލަފާ ދިނުމުގެ ބާރެއް ނުލިބޭނެ ކަމަށް
އިލްޔާސް އެ ގޮތަށް ވިދާޅުވި ނަމަވެސް، އަމީން އާއްމު، ކައުންސެލް ޖެނެރަލް، ސާޖަންޓް އެޓް އާމްސް އަދި އެހެން އިސް މުވައްޒަފުން މަސައްކަތްތައް ހިންގަމުންގެންދާ ގޮތާއި އެކަންކަން ތަންފީޒުކުރެވެމުންދާ ގޮތާ ގުޅިގެން ސިޔާސަތުތައް އެކަށައަޅައިދީ، ދައްކަން ޖެހޭ މިސްރާބު ދެއްކުމަކީ އާއްމު ކޮމިޓީގެ މެންޑޭޓެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުން އެކަން ފާހަގަ ވެސް ކުރެއްވި އެވެ.