ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީއިން ހުށައަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން ނިންމުމަށް ފަހު މެމްބަރުން ސުޕްރީމް ކޯޓުން ނުކުންނަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސުޕްރީމް ކޯޓު

އީވާ ނެތަސް ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓު

ނަމަވެސް، ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނުނިންމައި އެހެން ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން އެމްޑީޕީން އެދުނު އެދުމާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ، އެ ގަރާރުގެ މައްސަލަ ކުރިއަށް ނުދިޔައަސް އެހެން މަސައްކަތްތައް މަޖިލީހުގައި ކުރަން ޖެހޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި އެ މަޖިލީހުގެ އާންމު މެމްބަރަކު ރިޔާސަތު ބަލަހައްޓަވާ ގޮތަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި އެ މަޖިލީހުގެ އާންމު މެމްބަރަކު ރިޔާސަތު ބަލަހައްޓަވާ ގޮތަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވަނީ، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އޭގެ އިތުރުން، ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނުނިންމައި އެހެން ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން އެމްޑީޕީން އެދުނު އެދުމާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ، އެ ގަރާރުގެ މައްސަލަ ކުރިއަށް ނުދިޔައަސް އެހެން މަސައްކަތްތައް މަޖިލީހުގައި ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ނުކުތާގައި ސުޕްރީމް ކޯޓުގެ ބެންޗުން އެ ގޮތަށް ކަނޑައެޅީ އަގުލަބިއްޔަތުންނެވެ.

ބުނީ ކީކޭ؟ - މި މައްސަލާގައި މިއަދު ބޭއްވި ހުކުމް އިއްވުމުގެ މަޖިލީހުގައި، ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، މައްސަލައަށް ތަނާޒުލްވެފައިވާ ޑިމޮކްރެޓްސް ފިޔަވައި މި މައްސަލާގައި ހިމެނޭ އެހެން ހުރިހާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން، މަޖިލިސް ހިންގުމަށް ބުރޫއަރާފައިވާކަން އެނގޭ ކަމަށެވެ. މިއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސޯސް ލިބިގެންވާ މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިގެންނެވި އެވެ.

އެހެންކަމުން، ސުޕްރީމް ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެ ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ އިއުތިރާޒުތައް ބަލައިނުގަނެވޭނެ ކަމަށް މަހާޒު ވިދާޅުވި އެވެ. 

މީގެ އިތުރުން، ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ދެން އަމަލު ކުރަން ޖެހޭ ގޮތެއް ގަވާއިދުގައި ނެތުމުން، އެ ހާލަތުގައި ކަންކުރާނެ ގޮތެއް ހޯދަން ޖެހޭކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

މަހާޒުގެ ރައުޔުގައި މި މައްސަލަ ނިންމަން ފެނިވަޑައިގަންނަވާ ގޮތް ކަމަށް ވިދާޅުވީ:

  • ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅަން

  • ނައިބު ރައީސް ނެތް ހާލަތުގައި އާންމު މެމްބަރުން ރިޔާސަތު ބަލަަހައްޓާ ގޮތަށް އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅަން

  • މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލާގައި ދޭން ޖެހޭ 14 ދުވަހުގެ ނޯޓިހަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި އެ ގަރާރު ހުށަހަޅަން ޖެހޭނެ ކަމަށާއި އެއަށް ފަހު އެ ވަގުތު ހުށަހެޅިފައިވާ އެއްވެސް މައްސަލައެއް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ގަވާއިދު ބުނާތީ، އެ މައްސަލައަށް ގޮތެއް ނުނިންމައި އެހެން މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅަން

ސުޕްރީމް ކޯޓުގައި އޮތް މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން.

މަހާޒު ނޫން ފަނޑިޔާރުން ނިންމެވީ އެހެން މަސައްކަތް ކުރެވޭނެ ކަމަށް

މަހާޒުގެ ރައުޔުގައިވާ، ނައިބު ރައީސް ނެތް ހާލަތުގައި އާންމު މެމްބަރުން ރިޔާސަތު ބަލަަހައްޓަވާ ގޮތަށް އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބަޔާންކުރައްވާފައި ބަޔަށް، އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދު ކުރައްވާފަ އެވެ.

އެކަމަކު، ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމައި އެހެން މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަށް މަހާޒުގެ ރައުޔުގައިވާ ބަޔާއި ހުސްނުއްސުއޫދުގެ ރައުޔު ތަފާތެވެ.

ހުސްނުއްސުއޫދުގެ އެ ރައުޔަށް، ބެންޗުގައި ދެން ބާކީ ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި އަލީ ރަޝީދު އަދި މުހައްމަދު އިބްރާހީމް ވަނީ ތާއިދުކުރައްވާފަ އެވެ.

ހުސްނުއްސުއޫދު ވިދާޅުވީ، އެކަމާ މެދު ވަކި ގޮތަކަށް ގަވާއިދުގައި ބަޔާންކޮށްފައި ވާއިރު، ކޯޓުން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފި ނަމަ، އެއީ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތުން ކަމަށް ވެދާނެ ކަމަށެވެ. އެގޮތަށް މަޖިލީހުގެ ކަންކަމުގެ ތެރެއަށް ވަންނަ ނަމަ، ހުކުމްތައް ސިޔާސީވެ، ކޯޓާ މެދު އޮންނަ އިތުބާރު ގެއްލިދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ހުސްނުއްސޫއުދު ވިދާޅުވީ:

  • މަޖިލީހުގެ އިދާރާ އިން ބުނާ ގޮތުން، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައިވާ ހާލަތު ނުވަތަ އެހެން މަސައްކަތެއް ނުކުރެވޭ ހާލަތު ކުރިމަތިވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމުން ކަމަށާއި، އެހެންވެ، އެ ހާލަތު އަދި ވުޖޫދުވެފައި ނެތް ކަމަށް؛ އެ މާއްދާ މަޖިިލީހުގެ އިދާރާއިން މާނަކޮށްފައިވަނީ ރަނގަޅަށް

  • ގަރާރުގެ މައްސަލަ ކުރިއަށް ނުދިޔައަސް، މަޖިލީހުގައި އެހެން މަސައްކަތްތައް ކުރަން އެއްވެސް ހުރަހެއް ނެތް

  • ދައުލަތުގެ ބަޖެޓު ފާސްކުރުމާއި އާ ރައީސް ހުވާ ކުރެއްވުމާއި ވަޒީރުންނަށް ރުހުން ދިނުމަށް ހުރަހެއް ނެތް؛ އެކަން ނުކުރަން މަޖިލީހުގެ އިދާރާއަށް ނޭނގޭނެ

ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ރައުޔު އިއްވަވަނީ.

އެނގުން މުހިންމު - ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދުނީ:

  • އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސްއަށް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް

  • މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި، މަޖިލީހުގެ ގަވާއިދުގެ 44 ވަަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން މެމްބަރަކު ރިޔާސަތު ބަލަހައްޓަވާ ގޮތަށް އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް

  • ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ނިންމައިދިނުމަށް 

ފަސް މަންޒަރު - ނަޝީދު ވަކިކުރުމުގެ މައްސަލަ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުން ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކުރި ހޯދުމުން، ދެ ވަނަ ބުރުގައި ނަޝީދުގެ އެހީތެރިކަން ބޭނުންވެގެން ދެ ޕާޓީގެ ދެމެދުގައި ހެދި "ޑީލަކަށް" ފަހު، އެ މައްސަލަ އަނބުރާ ނެގި އެވެ.

އޭގެ ފަހުން:

  • ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އަލުން ފެށި

  • މިދިޔަ މަހުގެ 9ގައި އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު މައްސަލަ ދެ ވަނަ ފަހަރަށް މަޖިލީހަށް ވެއްދި

  • މިދިޔަ މަހުގެ 12ގައި މަޖިލީހުން މައްސަލަ ބަލައިގަނެ، 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވޭ؛ ނަމަވެސް، މިހާތަނަށް އެ މައްސަލައިގައި ތާވަލުކުރި އެއްވެސް ޖަލްސާއެއް ބޭއްވިފައެއް ނުވޭ

ކޮމެންޓް (1)

ޓނ އަދުރޭ

9 ނޮވެމްބަރު 2023
މަގުމަތީ ރައީސް މީހާއަށް ހީވޭމިހާރު އެއްޗެއް ވިސްނޭނެކަމަށް. އުފެދުމާ ނެތިދިއުން މީ އޮތް އެއްޗެއްކަން. އަރާއިރާއި އޮތްސޭ އިރު.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް