މަނާކުރި ބޭސް

ޕާކިސްތާނުން އެތެރެކުރާ ސިޓްރިޒަންގެ ދިޔާ ބޭހުގެ ހުރިހާ ބެޗެއް މަނާކޮށްފި

މި ބޭހުގެ އެއް ބެޗު މިދިޔަ އަންގާރަ ދުވަހު މަނާކުރި؛ އެމްއެފްޑީއޭއިން ބުނީ މި ބޭހުގެ އިތުރު ބެޗުތައް ސްކްރީން ކުރިއިރު، ހުރިހާ ބެޗެއްގައި ވެސް ކެމިކަލް ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށް

ނުރައްކާތެރި ކެމިކަލް މާއްދާއެއް ހުރެގެން ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުން މި ފަހުން މަނާކުރި، ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ އާންމު ބޭހެއް ކަމަށްވާ ސިޓްރިޒަންގެ ދިޔާ ބޭހުގެ ޕާކިސްތާނުން ގެންނަ ހުރިހާ ބެޗެއް ރާއްޖޭގައި މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ 'ޑައިއީތައިލިން ގްލައިކޯލް' އަދި 'އިތައިލީން ގްލައިކޯލް' ހިމެނޭތޯ ކަށަވަރު ކުރުމަށް، މާކެޓުން ސާމްޕަލް ނަގައި ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ޕާމިކްސް ލެބޯޓަރިން އުފައްދާ 'ސިޓްރިޒިން އޯރަލް ލިކުއިޑް'ގެ ބްރޭންޑެއް ކަމަށްވާ 'އެލާޖޯ'ގެ އެއް ބެޗެއްގައި ކެމިކަލް ހުރިކަން ކަށަވަރުވެފައިވާތީ، އެކަމާ ގުޅިގެން ހަދަމުންދާ ތަހުލީލުތައް ނިމެންދެން އެ ބެޗުގެ ދިޔާ ބޭސް ބޭނުންކުރުމާއި ރާއްޖެއަށް އެތެރެކުރުން މިދިޔަ އަންގާރަ ދުވަހު ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.

ބުނީ ކީކޭ؟ - މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، އެއަށް ފަހު މި ބޭހުގެ އިތުރު ބެޗުތައް ވެސް ސްކްރީން ކުރިއިރު، ހުރިހާ ބެޗެއްގައި ވެސް އެ ކެމިކަލް ހުރިކަން ވަނީ ކަށަވަރުވެފަ އެވެ.

"ވީމާ، މިއަދުން ފެށިގެން މި ބޭހުގެ، މި ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ،" އެމްއެފްޑީއޭގެ އިއުލާންގައިވެ އެވެ.

އެ ކަމަށް ބޭސް ވިއްކައި ބޭސް ގަންނަ އަދި ހުރިހާ އެންމެން ސަމާލުވުމަށް މިއަދު އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ. އަދި މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވެސް ވަނީ އަންގާފަ އެވެ.

ކެމިކަލް މާއްދާ ހުރި ބެޗެއްގެ ތަފްސީލު

މި ބޭހުގެ ބެޗު ނަންބަރުތައް:

  • K222 

  • G204

  • L210

  • J242

އިތުރު އާޓިކަލް

އިތުރު އާޓިކަލް