ބ. ހުރާފަރު: ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އިއްޔެ ވަނީ ކަނޑައަޅާފައި

ތިމާވެށި

ބ. އަތޮޅުން އެންމަޑި އާލާވާ ދެ ފިނޮޅެއް ހިމާޔަތްކޮށްފި

ކޮންމެ ތަނަކުން 600 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައި

ބ. އަތޮޅުގައި އެންމަޑި އާލާވާ ދެ ފިނޮޅެއް، ހިމާޔަތްކޮށްފައިވާ ސަރައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެ ދެ ތަން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައި، ދެ އިއުލާނެއް ގެޒެޓްކޮށްފަ އެވެ.

ތަފްސީލު - ހިމާޔަތްކުރި ދެ ސަރަހައްދަކީ:

  • ބ. ނެލިވަރު

  • ބ. ހުރާފަރު

ނެލިވަރު:

  • އެންމަޑި އެއްވާ އެ ސަރައްދު އޮންނަނީ، ބ. ކުންފުނަދޫގެ އިރުއުތުރަށްވާ ގޮތަށް، ބ. މާޅޮހާ ޖެހިގެން

  • މި ތަން ފާހަގަވެފައިވަނީ، އެންމަޑި ކާނާ ހޯދުމަށާއި ވިހާ އާލާވުމަށް މުހިންމު ސަރައްހައްދެއްގެ ގޮތުގައި؛ އެންމެ ހާއްސަ އެއް ސިފައަކީ، މި ތިލައިގައި، އެންމަޑި ސާފުކުރުމަށް ބޭނުން ކުރާ 'ކްލީނިން ސްޓޭޝަން'އެއް ހުރުން

  • ޕްލަންކްޓަންސް ޖަމާވެ، އެެންމަޑި މި ސަރައްދަށް އެއްވާ ކަމަށް ރެކޯޑް ކުރެވިފައިވޭ؛2020ގެ ނިޔަލަށް 105 އެންމަޑި 119 ފަހަރު ފެނިފައިވޭ

  • ހިމާޔަތް ކުރި ސަރަހައްދުގެ ބޮޑު މިނަކީ 665 ހެކްޓަރު

ބ. ނެލިވަރުގެ ހިމާޔަތްކުރި ސަރަހައްދު

ހުރާފަރު: 

  • މިއީ، ހިމާޔަތްކޮށްފައިވާ ހަނިފަރުގެ އުތުރަށް، ބ. ކިހާދޫ ކައިރީގައި އޮންނަ ސަރަހައްދެއް

  • މި ތަން ވެސް ހާއްސަ ވަނީ، އެންމަޑީގެ ބޮޑު އާބާދިއެއް އޮންނަ ސަރަހައްދެއްގެ ގޮތުގައި؛ އެގޮތުން އެންމަޑި ކާނާ ހޯދުމަށާއި ވިހާ އާލާވުމަށް މި ސަރަހައްދު މުހިންމު

  • ޕްލަންކްޓަންސް ޖަމާވެ، އެެންމަޑި މި ސަރައްދަށް އެއްވާ ކަމަށް ރެކޯޑް ކުރެވިފައިވޭ؛ 2020ގެ ނިޔަލަށް 436 އެންމަޑި 1،239 ފަހަރު ފެނިފައިވޭ

  • ހިމާޔަތް ކުރި ސަރަހައްދުގެ ބޮޑު މިނަކީ، 639 ހެކްޓަރު

ހިމާޔަތް ކުރަން ނިންމި ހުރާފަރު ސަރަހައްދު

މިނިސްޓްރީގެ އިއުލާންގައި ބުނެފައިވާ ގޮތުގައި، އެ ދެ ސަރަހައްދުގެ އޮއިވަރު ދެމެހެއްޓުމަށް އެ ދެ ފިިނޮޅަށް ބަދަލެއް ނުގެނެސް، ހިމާޔަތްކުރުމަކީ މުހިންމު ކަމެެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކުރި އެ ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރާނީ، ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަން ތަންތަނާ ބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި - ބ. އަތޮޅުގެ އެހެން ދެ ސަރަހައްދެއް ވެސް މި މަހު 2ގައި ހިމާޔަތްކުރި ކަމަށް ކަނޑައަޅާފައިވެ އެވެ. އެއީ:

  • ބ. ދަރަވަންދޫ ތިލަ: ބ. ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ މި ތިލަ އަކީ އެކި ބާވަތްތަކުގެ މުރަކަ އާއި ފަރުމަހުގެ ދިރުންތައް ފެންނަ، ފީނާ މީހުންގެ މެދުގައި މަޝްހޫރު ސަރަހައްދެއް؛ އެ ތަން ހާއްސަވަނީ އެންމަޑި ސާފުކުރުމަށް ބޭނުންކުރާ 'ކްލީނިން ސްޓޭޝަނެއް' ވެސް ހިމެނޭތީ

  • ބ. އިންނަފުށި ސަރަހައްދު: ބ. ފުޅަދޫގެ އިރުއުތުރަށް އޮންނަ ރަށަކާއި ފިނޮޅުތަކަކާއި ވަށައިގެން އޮންނަ ކަނޑުގެ މި ސަރަހައްދުގެ އިރުމަތި ފަރާތުގައި ހިމާޔަތްކޮށްފައިވާ 'ކޯބިން ރެކް' ސަރަހައްދު ވެސް އޮވޭ؛ އިންނަފުއްޓަކީ ހިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުން ކުރަމުންދާ ރަށެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް