ވ. ކަށަވަރުފަޅު

ތިމާވެށި

ބ. އަދި ވ. އަތޮޅުގެ ގިނަ ސަރަހައްދުތަކެއް ހިމާޔަތްކޮށްފި

މިނިސްޓްރީން ވަނީ ވ. އަތޮޅުން އަށް ސަރަހައްދެއް އަދި ބ. އަތޮޅުން ދެ ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައި
2 ނޮވެމްބަރު 2023

ބ. އަތޮޅާއި ވ. އަތޮޅުން ގިނަ ސަރަހަައްދުތަކެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ، ވ. އަތޮޅުން އަށް ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅައި އެކަން އިއްޔެ އިއުލާނުކޮށްފަ އެވެ. އަދި އެ މިނިސްޓްރީން މިއަދު ވަނީ ބ. އަަތޮޅުގެ ދެ ތަނެއް ވެސް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅައި އިއުލާނުކޮށްފަ އެވެ.

ތަފްސީލް - ތިމާވެށީގެ ގާނޫނުގެ ދަށުން ވ. އަތޮޅުން ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައެޅި ސަަރަހައްދުތަަކަކީ:

  • ވ. ކަށަވަރުފަޅު: ވ. ކެޔޮދޫގެ ދެކުނުގައި އޮންނަ މި ފަޅުގެ ދެކުނުފަޅީގެ ބޭރުފަރާތުގައިވާ ފަރުގެ ފާރަކީ ފތުރުވެރިންގެ މެދުގައި މަޝްހޫރު ޑައިވް ސައިޓެއް؛ އެ ސަރަހައްދު މަޝްހޫރުވެފައިވަނީ ރީނދޫ ކުލައިގެ މަޑު މުރަކައިގެ ބާވަތްތަކެއް ފަރުގެ ފާރުގައި އުފެދިފައިވާ ގޮތުގެ ސަބަބުން

  • ވ. ހުރަޅުކަނޑު ސަރަހައްދު: މި ސަރަހައްދުން ގިނަ އަދަދަކަށް ފަރުގެ ދިރުންތައް ފެނޭ؛ މިޔަރުތަކުގެ ތެރެއިން ފަރުގައި ދިރިއުޅޭ ބަވަތްތަކާއި މާކަނޑުގައި ދިރިއުޅޭ ބާވަތްތަކުގެ އިތުރުން މުރަކައިގެ ދިރުން ވެސް މުއްސަނދި ސަރަހައްދެއް؛ ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ މަސްމަހާއި ވެލާ ކަހަނބު މުރަކަ އަދި ކަނޑުމަތީގެ ދޫންޏާއި ހިޖުރަކުރާ ދޫނީގެ ބާވަތްތައް ވެސް ފެނޭ

  • ވ. ހިނގާކުޅީފިނޮޅު ސަރަހައްދު: ވ. ދިއްގަރުފަޅުގެ ދެކުނުފަޅީގައި ކުދިކުދި ގިނަ ފިނޮޅުތަކެއް އުފެދޭ ސަރަހައްދެއް؛ މި ފިނޮޅުތަކަށް ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ގިނަ ދޫނިތަކެއް އަރާމުކޮށްލުމަށާއި ކާނާ ހޯދުމަށް މަޑުކުރޭ

  • ވ. ތުނޑުހުރާ: ބޮޑު މޮހޮރާގެ ކައިރީގައިވާ ގާމަތީ ރަށެއް؛ މި ރަށުގައި ކުރެދި ގަސްތައް ހެދިފައިވާ ކަމަށް ރެކޯޑުކުރެވިފައި ވާާއިރު، އެއީ ކަނޑުމަތީގެ ދޫންޏާއި ހިޖުރަކުރާ ދޫނި އަރާމުކޮށްލުމަށާއި ކާނާ ހޯދުމަށާއި ބިސް އަޅައި ފީ ކުރަން މަޑުކުރާ ރަށެއް

  • ވ. ރުއްހުރި ހުރާ: ވ. އަތޮޅުގެ އެތެރެވަރީގައި ވަކިން އޮތް ފަރެއްގައި ހެދިފައި އޮތް މީހުން ދިރިނޫޅޭ މި ރަށުގެ މެދުގައި ކުޑަ ޗަސްބިމެއްގައި ގިނަ އަދަދަކަށް ކަނޑޫގަސް ހެދިފައި ވާއިރު، ރަށުގެ ވަށައިގެންވާ ސަރަހައްދުގައި ގިނަ އަދަދެއްގެ މުރަކަ އާއި ފަރުގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ހުއިފިލަނޑާ ދިރިއުޅޭ؛ ރަށުގައި އޮންނަ ކުޅިފާ، ޗަސްބިން ސަރަހައްދަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށް ގިރުމުގެ ފުރުސަތު ކުޑަކޮށް ދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެއް

  • ވ. ރަކީދޫ ކޯނާ ސަރަހައްދު: އެއީ ރަކީދޫގެ ދެކުނު ފަރާތުގައިވާ ފުން ކަނޑެއް؛ އެ ކަނޑުގެ ބޭރު ފަރާތާއި ރަކީދޫގެ ފަރު ގުޅޭ ހިސާބަކީ މުރަކައިގެ ދިރުން މުއްސަނދި ސަރަހައްދަކަށް ވާއިރު، އެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މަޑި އާއި މިޔަރު ފެންނަ މަޝްހޫރު ސަރަހައްދެއް

  • ވ. ފުއްސަރު ފަރު ސަރަހައްދު: ގިނަ ފަރުތަކަކާއި ފަޅުތަކާއި ފިނޮޅުތައް ހިމެނޭ މި ސަރަހައްދުން ފަރުމަސްގެ ގިނަ ބާވަތްތަކާއި ފަރުގައި ދިރިއުޅޭ އެހެނިހެން ދިރުންތައް ފެނޭ؛ އެ ސަރަހައްދުން މިޔަރުގެ އެކި ބާވަތްތައް ވެސް ފެނޭ

  • ވ. ހުރާ ފަޅު ސަރަހައްދު: ވ. އަތޮޅު ފުލިދޫ ކައިރީގައި އޮންނަ މި ފަޅަކީ އެންމަޑި އެއްވެއުޅޭ ސަރަހައްދެއް؛ އެ ސަރަހައްދުގެ ފަރުތައް އުފެދިފައިވާ ގޮތުން އެ ތަނަކީ އެންމަޑީގެ ކާނާ އެއްވާ ސަރަހައްދަކަށްވުމުން އެ ތަނުން އެކި މޫސުންތަކުގައި އެންމަޑި ގިނަ އަދަދަކަށް އެއްވެއުޅޭ

ބ. އަަތޮޅުން ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި މިއަދު ކަނޑައެޅި ސަަރަހައްދުތަަކަކީ:

  • ބ. ދަރަވަންދޫ ތިލަ ސަރަހައްދު: ބ. ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ މި ތިލަ އަކީ އެކި ބާވަތްތަކުގެ މުރަކަ އާއި ފަރުމަހުގެ ދިރުންތައް ފެންނަ، ފީނާ މީހުންގެ މެދުގައި މަޝްހޫރު ސަރަހައްދެއް؛ އެ ތަން ހާއްސަވަނީ އެންމަޑި ސާފުކުރުމަށް ބޭނުންކުރާ 'ކްލީނިން ސްޓޭޝަނެއް' ވެސް ހިމެނޭތީ

  • ބ. އިންނަފުށި ސަރަހައްދު: ބ. ފުޅަދޫގެ އިރުއުތުރަށް އޮންނަ ރަށަކާއި ފިނޮޅުތަކަކާއި ވަށައިގެން އޮންނަ ކަނޑުގެ މި ސަރަހައްދުގެ އިރުމަތި ފަރާތުގައި ހިމާޔަތްކޮށްފައިވާ 'ކޯބިން ރެކް' ސަރަހައްދު ވެސް އޮވޭ؛ އިންނަފުއްޓަކީ ހިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުން ކުރަމުންދާ ރަށެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް