މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު. (ފޮޓޯ/ މުއިއްޒު ޓީވީ)

ސުޕްރީމް ކޯޓު

މުއިއްޒުގެ އަނބިކަނބަލުންނަށް ވުމުން ޑިރެކްޓަރުކަން ނުދިން ކަމަށް ބުނެ ސާޖިދާ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވެސް ބަލައެއް ނުގަތް

ވަޒީފާ އާ ބެހޭ ޓްރިބިއުނަލް އަދި ހައިކޯޓު އަދި ސްޕްރީމް ކޯޓުން ވެސް ބުނީ ވަޒީފާ ދިނުމުގައި މުއިއްޒުގެ އަނބިކަނބަލުންނަށް ވުމުން ސާޖިދާ އާމެދު ތަފާތުކޮށްފައި ނުވާ ކަމަށް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ޑިރެކްޓަ ޖެނަރަލް ކަމުގެ މަގާމު ނުދިނީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންނަށް ވުމުން ވަޒީފާ ދިނުމުގައި ތަފާތުކޮށްގެން ކަމަށް ބުނެ، ސާޖިދާ މުހައްމަދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައިފި އެވެ.

މައްސަލައިގެ ފެށުން - އެމްއެފްޑީއޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް 12 އޮގަސްޓު 2020ގައި ކޮށްފައިވާ އިއުލާނާ ގުޅިގެން، އޭރު ވެސް ހެލްތު މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ސާޖިދާ އެ މަގާމަށް ކުރިމަތިލެއްވި އެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ސާޖިދާ ވިދާޅުވެފައިވާ ގޮތުން، އިމްތިހާނާއި އިންޓަވިއު މަރުހަލާއަށް ފަހު އެ މަގާމަށް އޭނާ ހޮވިފައިވާ ކަމާއި، އެ ވަޒީފާއަށް އޭނާ އައްޔަންކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާ ކަމަށް އެ އަހަރުގެ 25 އޮކްޓޯބަރުގައި އޭނާއަށް އަންގާފައި ވެސްވެ އެވެ.

އޭގެ ފަހުން:

  • 8 ޑިސެމްބަރު 2020 - އެމްއެފްޑީއޭގެ ހިންގުމުގެ އޮނިގަނޑަށް 2021 ވަނަ އަހަރު ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ބުނެ، އެ އިއުލާން ބާތިލުކޮށްފައިވާކަން ހެލްތު މިނިސްޓްރީން ސާޖިދާއަށް އަންގާފައިވޭ

  • 11 މޭ 2022 - ހިންގުމުގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނެސް، އެ މަގާމަށް މީހަކު ހޯދުމަށް އަލުން އިއުލާންކޮށްފައިވޭ

  • އެ އިއުލާން އޭރު ބާތިލުކޮށްފައިވަނީ އޭނާއަށް ވަޒީފާ ނުދިނުމުގެ ބޭނުމުގައި ކަމަށް ބުނެ، އެ ވަޒީފާގެ ކަންކަން ހަމަޖައްސައިދިނުމަށް ސިވިލް ސާވިސްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ސާޖިދާ ހުށަހެޅުއްވި

  • ތަފާތުކޮށްފައިވަނީ ކޮން ހަމައަކުން އަދި ކޮން ދާއިރާއަކުންކަން މައްސަލާގައި ބަޔާންކޮށްދީފައި ނުވާތީ ވަޒީފާ ހަމަޖައްސައިދޭން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރުކުރެވެން ނެތް ކަމަށް ޓްރިބިއުނަލުން ނިންމި

  • 16 ޖުލައި 2023 - ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުމުން، އެއީ އިސްތިއުނާފް ކުރެވޭ ވަރުގެ ނިންމުމެއް ކަމަށް ނުފެންނާތީ ކަމަށް ބުނެ އެ މައްސަލަ ބަލައި ނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި

  • 18 ސެޕްޓެމްބަރު 2023 - އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ވެސް ނިންމާފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ކަމަށް

  • 18 އޮކްޓޫބަރު 2023 - ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް އިޖުރާއީ މައްސަލައެއް ހުށަހެޅި

ބުނީ ކީކޭ؟ - ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސާޖިދާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިޖުރާއީ މައްސަލާގައި ސާޖިދާގެ ފަރާތުން ފާހަގަކުރައްވާފައި ވަނީ، އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމުން ބާތިލުކުރަން ނުޖެހޭ ކަމަށް އެ ކޯޓުގެ ފަނޑިޔާރުން ނިންމަވާފައި ވަނީ، ސަބަބުތަކަށް ރިއާޔަތްކުރެއްވުމެއް ނެތި އަދި އެ ނިންމެވުމަށް ފަނޑިޔާރުން ވާސިލުވެވަޑައިގެންނެވި ސަބަބުތައް ވެސް ބަޔާންކުރެއްވުމެއް ނެތި ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުން ނިންމެވި ނިންމެވުން މުރާޖައާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ނިންމެވި ނިންމުމުގައި ވެސް ބުނެފައިވަނީ، އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.

ސާޖިދާގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، މައިގަނޑު ނުކުތާއެއްގެ ގޮތުގައި ސާޖިދާ ވާހަކަދައްކަވާފައިވަނީ ތަފާތުކުރުމާ ގުޅޭ ގޮތުން ކަމަށް ވާއިރު، ތަފާތުކޮށްފައި ވަނީ ކޮން ފަރާތްތަކެއްގެ މެދުގައި ކަމާއި ކޮން ގޮތަކުން ކަމެއް ބަޔާންކޮށްދެއްވާފައި ނުވާ ކަމަށެވެ.

"އަދި ވަޒީފާ ދޭ ފަރާތުގެ ނިންމުމަކީ އިސްތިއުނާފް ކުރާ ފަރާތް [ސާޖިދާ]، މާލޭގެ މޭޔަރުގެ އަނބިކަނބަލުންނަށް ވެފައި، އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅުން ހުރި ފަރާތަކަށް ވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް މި ނުކުތާގައި ދައްކާފައިވާ ވާހަކަތަކުން ބާރެއް ނުދެ އެވެ،" ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެނގުން މުހިންމު - އޭޕްރީލް 2021ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި ސާޖިދާގެ ފިރިކަލުން، މުއިއްޒު މާލޭގެ މޭޔަރުކަމާ ހަވާލުވެވަޑައިގަތީ 17 މޭ 2021ގަ އެވެ.

އެއަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި މި މަހުގެ 17ގައި ވެރިކަމުގެ ހުވާކުރައްވަން މުއިއްޒު މިހާރު ވަނީ ތައްޔާރުވެވަޑައިގެންފަ އެވެ.

ކޮމެންޓް (1)

ހޮހޯ

11 ނޮވެމްބަރު 2023
ޕީޕީއެމަށް މިނިސްޓްރީގެ ޖަރީމާތައް ރެޑުވާނެތީ ނުދިނީ މަގާމު. ޢޮޅުވައެއް ނުލެވޭނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް