ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީއިން ހުށައަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން ނިންމުމަށް ފަހު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް މެމްބަރުން ސުޕްރީމް ކޯޓުން ނުކުންނަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ސުޕްރީމް ކޯޓުގައި އޮތް މަޖިލިސް މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމާ ހަމަޔަށް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހަށް ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭގޮތް ނުވެފައިވަނީ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ނެވެ. އަދި އެއަށް ފަހު މިހާރު ކޯޓުގައި އެ މައްސަލަ ކުރިއަށްދާތީ ރިޔާސަތު ބަލަހައްޓަންވަން އުޒުރުވެރިވާތީ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު މަޖިިލީހުގެ މެމްބަރަކަށް ބެލެހެއްޓޭނެ ކަމަށް ކަނޑައަޅައިދިނުން އެދި އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ 10 ޖެހި އިރު ބޭއްވުމަށް ފަހު، މިއަދު ވެސް އިތުރު އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ.
ތަފްސީލް - މައްސަލައިގެ އަޑުއެހުންތައް ނިންމާލަން މިއަދު ހެނދުނު 9 ޖެހިއިރު ބޭއްވި އަޑުއެހުމުގައި އެ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ހުށަހެޅުންތަކާއި ރައްދުތައް ދީ މުޅި މައްސަލައިގެ އަޑުއެހުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ނިންމާލައިފަ އެވެ.
އަޑުއެހުން ނިންމަވާލައްވަމުން އެ މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް އޮންނާނެ ތާރީހެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އިއްޔެ ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ މިއަދު ބާއްވާ އަޑުއެހުމުގައި މުޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލާއި ވީހާ ވެސް އަވަހަށް އެ މައްސަލާގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލައަށް ތަދައްހުލްވެފައިވާ، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްއިން ވެސް އެދިފައިވަނީ، އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލުކުރެވެން އޮތް މައްސަލައެއް ކަމުން، އެ މައްސަލައިގެ ތެރެއަށް ކޯޓުން ވަންނަން ޖެހޭ ހާލަތެއް ނެތް ކަމަށް ނިންމަވައިދިނުމަށެވެ. އަދި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ހުއްޓާލައިގެން ތިބެން ޖެހޭ ހާލަތެއް ވެސް އަދި ނެތުމުން، އެ މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެ އެވެ.
ނަމަވެސް އެމްޑީޕީ އާއި މަޖިލިސް ތަމްސީލުކުރައްވާ ބަންޑާރަ ނައިބުގެ އޮފީހުން އަދި މި މައްސަލައަށް ތަދައްހުލްވެފައިވާ ޕީޕީއެމް/ޕީއެންސީން ވެސް އެދިފައިވަނީ، އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް އެކަމަށް ކޯޓުން ހައްލެއް ހޯދައިދިނުމަށެވެ.