ވ. ފެލިދޫ ޕިކްނިކް ސަރަހައްދުގައި އާއިލާތަކެއް މަޖާކުރަނީ (ފޮޓޯ/ބީއެމްއެލް)

އެލްޖީއޭ

ކުލި ނުދައްކާތީ އަނބިދަރިންނަށް ހިދުމަތް ދިނުން ހުއްޓައެއް ނުލެވޭނެ: އެލްޖީއޭ

ފެލިދޫ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބައެއް ބިންތަކަށް ކުލި ނުދައްކާ އަހަރުތަކެއްވުމުން، އެ ކައުންސިލުން ނިންމީ އެ ފަރާތްތަކުގެ އަނބިދަރިންނަށް ކައުންސިލުން ހިދުމަތް ނުދޭން
5 ނޮވެމްބަރު 2023

ވ. ފެލިދޫގައި ދޫކޮށްފައިވާ ބައެއް ބިންތަކަށް ކުލި ނުދައްކާތީ އެ ތަންތަން ކުއްޔަށް ނެގި މީހުންގެ އަނބިދަރިންނަށް ހިދުމަތް ނުދޭން އެ ރަށު ކައުންސިލުން ނިންމި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟- ފެލިދޫ ދޯނި އެހެލާ ސަރަހައްދުތަކުން ދޫކޮށްފައިވާ ބައެއް ބިންތަކަށް ދައްކަން ޖެހޭ ކުލި ނުދައްކާ އެތައް އަހަރެއް ވުމުން މިދިޔަ ބުދަ ދުވަހު އެ ކައުންސިލުން ނިންމީ ކުލި ނުދައްކާ މީހުންގެ ފިރިންނާއި އަނބިން އަދި ދަރިން ހިމެނޭ ގޮތަށް އެއްވެސް ހިދުމަތެއް ނުދޭ ގޮތަށެވެ.

ކައުންސިލުން ބުނިިގޮތުގައި އެގޮތަށް ނިންމީ، ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި އެ ފައިސާ ހޯދުމަށް އެކިގޮތްގޮތުން މަސައްކަތްކޮށް، އެކަން ނާކާމިޔާބުވުމުންނެވެ.

މިއީ ރާއްޖޭގެ ކައުންސިލަކުން މި ފަދަ ގޮތަކަށް ހިދުމަތް ނުދޭން ނިންމި ފުރަތަމަ ފަހަރެވެ. އެއާއެކު، މިއީ ކައުންސިލްތަކަށް ކުރެވިދާނެ ކަމެއްތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ.

ތަފްސީލު- އެ ސުވާލުތަކާ ގުޅިގެން އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ހިދުމަތްތަކާއި މަދަނީ މުއާމަލާތްތަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކީ އެތަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލްތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް މާލީ ގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް ބުންޏެވެ.

އެކަމަކު ފެލިދޫ ކައުންސިލުގެ ނިންމުމަކަށް އެ އޮތޯރިޓީއަކުން ތާއީދެއް ނުކުރެ އެވެ. އެތަނުން ބުނިގޮތުގައި ކައުންސިލަކުން ހަދަން ޖެހޭ ގަވައިދުތަކާއި ނިންމުންތައް ނިންމަން ޖެހޭނީ އެއްވެސް ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ނުލިބޭ ފަދަ ގޮތަކަށެވެ.

އެލްޖީއޭއިން ބުނީ:

  • ރަށެއްގެ ރައްޔިތުން އެއަށް އަމަލު ކުރުމަށް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާން ޖެހޭނީ ގާނޫނަކުން ނުވަތަ ގަވައިދަކުން އެއަށް ބާރުލިބިގެން ނިންމޭ ކަމަކަށް

  •  އަދި ކައުންސިލުން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކުން ރައްޔިތުން މަހުރޫމް ކުރެވޭނީ ގާނޫނު އަސާސީއާ ހިލާފުނުވާނެހެން ފާސްކޮށްފައިވާ ގާނޫނެއް ނުވަތަ ގަވައިދަކުން ބާރުލިބިގެން ކަމަށް

  • ކައުންސިލާއި އަމިއްލަ ފަރުދަކާ ދެމެދު ވެވޭ މަދަނީ މުއާމަލާތެއްގެ ސަބަބުން އެ ފަރާތަކުން އަދާކުރަން ޖެހޭ ކަމެއް ނުވަތަ ދައްކަން ޖެހޭ ފައިސާއެއް ނުދެއްކުމަކުން، ވަކި ފަރުދަކާ މެދު ފިޔަވަޅެއް އަޅަން ވާނީ އެ ފަދަ މުއާމަލާތަކާ ގުޅިގެން ހެދިފައި އޮންނަ އެއްބަސްވުމެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން ކަމަށް

"އެ ފަދަ މުއާމަލާތްތަކާ ނުގުޅޭ ފަރާތްތަކުގެ މަދަނީ ހައްގު ހިފެހެއްޓުމަކީ ކައުންސިލްތަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ." އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެތަނުން ވަނީ،  އެއްވެސް ރައްޔިތަކު އޭގެ މައްޗަށް އަމަލު ކުރަން ލާޒިމްވާ ނިންމުމެއް ކައުންސިލުން ނިންމުމުގެ ކުރިން، އެކަމަށް ބޭނުންވާ މުނިސިޕަލް ގަވައިދުތައް ފާސްކޮށް ގެޒެޓްކުރުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް