ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހއ. ވަށަފަރުގައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިންތިހާބުތައް

އިންތިހާބީ މައްސަލަތަކުގައި ސުޕްރީމް ކޯޓުން 10 ދުވަސް ތެރޭ ގޮތެއް ނިންމުން ލާޒިމުކޮށްފި

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ކުރިން އޮންނަ ގޮތުން، އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ގޮތް ނިންމުމަށް ވަކި މުއްދަތެއް ނޯވޭ

އިންތިހާބުތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި 10 ދުވަހުގެ ތެރޭގައި ގޮތް ނިންމަން މަޖުބޫރުވުން ހިމެނޭހެން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހް މިއަދު ތަސްދީގުކުރެއްވި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 16ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، އެ ގާނޫނުގެ 65 ވަނަ މާއްދާ (އިންތިހާބު ބާތިލުކުރުން)އަށް އަކުރެއް ވަނީ އިތުރުކޮށްފަ އެވެ.

ތަފްސީލް - އެ އަކުރުގައި:

  • އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ހައި ކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ މުއްދަތު ކަނޑައަޅާފައިވޭ 

  • ސުޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތު ވެސް ބަޔާންކޮށްފައިވޭ

މި މާއްދާގެ (ށ)ގައި އޮންނަ ގޮތުން، އިންތިހާބާ ގުޅިގެން ހައި ކޯޓަށް ހުށަހަޅާ މައްސަލައަކާ މެދު، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންވާނެ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައި އިތުރުކޮށްފައިވާ އަކުރުގައި ބުނަނީ:

  • ހައި ކޯޓުން ނިންމާ ނިންމުމެއް އިސްތިއުނާފް ކުރަން އެދޭ ނަމަ، އެ މައްސަލައެއް ހައި ކޯޓުން ނިންމާތާ ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ވާނެ

  • އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައަޅަންވާނެ

މިއަދުން ފެށިގެން އަމަލުކުރަން ފަށާ މި އިސްލާހުތަކުގެ ތެރޭގައި ދެން ހިމެނޭ ކަންކަމަކީ:

  • ކޮންމެ އިންތިހާބަކަށް ފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަންވާނެ

  • އެ މާލީ ބަޔާނަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާން ވާނެ 

  • އިންތިހާބު އިއުލާންކުރާ ތާރީހުން ފެށިގެން 60 ދުވަހުގެ ނިޔަލަށް ވޯޓު ކަރުދާހާއި ވޯޓު ނެގުމަށް ބޭނުންކުރި ތަކެތި ރައްކާތެރިކަމާ އެކު ބަލަހައްޓަން ޖެހޭނެ

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހް ތަސްދީގުކުރައްވާ މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާއިރު، މިއަދުން ފެށިގެން މި ގާނޫނަށް ގެނައި އިސްލާހުތަކަށް ވަނީ އަމަލުކުރަން ފަށާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް