މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މީޑިއާތަކާއި ވާހަކަދައްކަވަނީ؛ ކައިރީގައި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު (ދައުރު ފޮޓޯ/ހުސެއިން ސުނޭން)
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ޕީޕީއެމުންވެސް ތަދައްހުލްވާން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅާފައިވާ މައްސަލައަށް ޕީޕީއެމް-ޕީއެންސީން ވެސް ތަދައްހުލްވާން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިދިޔަ އާދީއްތަ ދުވަހަށް އެެޖެންޑާ ކުރި ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން މައްސަލަ އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.
އެހެން ނަމަވެސް އެމްޑީޕީއިން ބުނަނީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް ގަވައިދުގައި އޮންނަ ކަމަށެވެ. އެހެންވެ، އެ އުސޫލުން މަޖިލީހުގެ ރައީސް ވަކިކުރާ ޖަލްސާ ވެސް ބޭއްވޭނޭ ކަމަށް އެ ޕާޓީއިން އަންނަނީ ބުނަމުންނެވެ.
އެހެންވެ އެ އުސޫލުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުން އެދި އެމްޑީޕީން ވަނީ މިދިޔަ އާދީއްތަ ދުވަހު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
-
އެ މައްސަލަ އެ ކޯޓުން ބަލައިގަނެ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:45 އަކަށް މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ތާވަލްކޮށްފައި
-
އެ މައްސަލައަށް ތަނާޒުލްވާނެކަން ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން އިއްޔެ ވަނީ ހާމަކޮށްފައި
މިއަދު ޕީޕީއެމްގެ ރަސްމީ އެކްސްގެ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް އެ ޕާޓީން ވެސް ތަދައްހުލްވާނެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް [މުހައްމަދު ނަޝީދު]ގެ އިތުބާރު ނެތް މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް-ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ތަދައްހުލް ވާން ވަނީ ނިންމާފައި،" ޕީޕީއެމް އިން ކުރި ޕޯސްޓުގައި ވެއެވެ.
އެނގުން މުހިންމު - އެމްޑީޕީން ބުނަނީ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ސިދާ މަޖިލީހުގެ ނައިބު ރައީސް ކަމަށް އަމީން އާންމު ފާތުމަތު ނިޔުޝާ ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު ނިންމެއް ކަމަށެވެ. އަދި އަމީން އާންމު މިކަމާ ގުޅުން ހުރި މާއްދާތައް މާނަކުރައްވާފާ ވަނީ ރަނގަޅަށް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ:
-
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަަނަ މާއްދާގައި ވާގޮތުގެ މަތިން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވާ ހާލަތުގައި އަމަލު ކުރާނެ ގޮތް ކަމަށް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ:
-
އެފަދަ ހާލަތެއްގައި، ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ
-
އެގޮތަށް ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން؛ އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް
-
އެ ފަސް މެންބަރުން ކަނޑައަޅަން އޮންނަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެ މަގާމަށް އިންތިހާބު ކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި؛ އެ ނަންތައް މަޖިލީހުގައި އިއުލާން ކުރަން ޖެހޭ
-
ރިޔާސަތު ބެލެހެއްޓުމަށް އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން؛ މެންބަރުކަމުގެ މުއްދަތު ހަމަހަމަ ނަމަ، ދެން ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް
-
ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ގޮތުގައި މިހާރު ކަނޑައަޅާފައި ތިއްބެވީ ވިލުފުށި ދާއިރާގެ ހަސަން އަފީފް، މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހައްމަދު، ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ އިބްރާހީމް ޝަރީފް އަދި މާމިގިލި ދާއިރާގެ ގާސިމް އިބްރާހިމް
-
ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ދުރާލާ ކަނޑައަޅާފައިނުވާ ހާލަތުގައި ނުވަތަ އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެއް