ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް 23 ޑިސެމްބަރު 2021ގައި ބޭއްވި ޖަލްސާ ފެއްޓުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ. (ފައިލް ފޮޓޯ/ މަޖިލިސް)

ސުޕްރީމް ކޯޓު

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހު ބާއްވަނީ

އެމްޑީޕީން އެދިފައި ވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް
1 ނޮވެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ބޭއްވުމަށެވެ. ކޯޓުން މިހާރު ވަނީ މި މައްސަލައިގެ ޗިޓު ފޮނުވާފަ އެވެ.

ތަފްސީލް - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދާއި ފާއިތުވެދިޔަ ތިން ދުވަހަށް އެެޖެންޑާ ކުރި ނަމަވެސް، އެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން، އެ މައްސަލަ އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ. 

އެ ކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް އެމްޑީޕީން މިދިޔަ އާދިއްތަ ދުވަހު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ބަލައިގެންފައި ވާއިރު، މައްސަލައިގެ ލިޔެކިއުންތަކާ ހަވާލުވާން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ އަންގާފަ އެވެ. އަދި މަޖިލީހުން ވަނީ އެ ލިޔެކިއުންތަކާ އިއްޔެ ހަވާލުވެފަ އެވެ.

އެނގުން މުހިންމު - މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ ރައީސް މަގާމުން ދުރުކުރާއިރު ކަން ކުރާނެ ގޮތުގެ އުސޫލުގައި، ނައިބު ރައީސް ނެތިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ނެތެވެ. ނަަމަވެސް، އެމްޑީޕީގެ މެމްބަރުން ބުނަނީ، އެ މާއްދާގައި އެކަން ކުރާނެ ގޮތް ނެތަސް، ޖަލްސާއެއްގެ ރިޔާސަތު ނައިބު ރައީސް ނެތް ހާލަތެއްގައި ބަލަހައްޓާނެ ގޮތް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަަނަ މާއްދާގައި ވާގޮތުގެ މަތިން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް

  • ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވާ ހާލަތުގައި އަމަލު ކުރާނެ ގޮތް ކަމަށް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ:

  • އެފަދަ ހާލަތެއްގައި، ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ

  • އެގޮތަށް ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން؛ އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް

  • އެ ފަސް މެންބަރުން ކަނޑައަޅަން އޮންނަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެ މަގާމަށް އިންތިހާބު ކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި؛ އެ ނަންތައް މަޖިލީހުގައި އިއުލާން ކުރަން ޖެހޭ

  • ރިޔާސަތު ބެލެހެއްޓުމަށް އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން؛ މެންބަރުކަމުގެ މުއްދަތު ހަމަހަމަ ނަމަ، ދެން ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް

  • ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ގޮތުގައި މިހާރު ކަނޑައަޅާފައި ތިއްބެވީ ވިލުފުށި ދާއިރާގެ ހަސަން އަފީފް، މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހައްމަދު، ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ އިބްރާހީމް ޝަރީފް އަދި މާމިގިލި ދާއިރާގެ ގާސިމް އިބްރާހިމް

  • ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ދުރާލާ ކަނޑައަޅާފައިނުވާ ހާލަތުގައި ނުވަތަ އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް