ރަށެއްގެ އަތިރިމަތީގައި ކުޑަކުދިންތަކެއް ކުޅެނީ: ކުޑަކުދިން ބަލިވާ މިންވަރު މި ފަހަކުން އިތުރުވާ ކަމަށް ބައެއް ބެލެނިވެރިން ބުނޭ. (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ސިއްހަތު

ބެލެނިވެރިންގެ ޝަކުވާ: ދަރިން ރޯގާއިން ސަލާމަތެއް ނުވި

ބައެއް ބެލެނިވެރިން ބުނާ ގޮތުގައި، ދަރިން ބަލިން ރަނގަޅުވެ، މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ބަލިވޭ
31 އޮކްޓޯބަރު 2023

"އެއް ހަފުތާ ރަނގަޅިއްޔާ އަނެއް ހަފުތާ ދަރިފުޅު އުޅެނީ ބަލިވެ. ގައިން ރޯގާ ނުފިލާ،" އުމުރުން 3 އަހަރުގެ ކުއްޖެއްގެ މަންމަ ސޯޝަލް މީޑިއާގައި ލިޔުނެވެ.

އެއާ އެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޕޯސްޓް ގިނަ ބަޔަކު ޝެއާކުރަން ފެށީ އެ ކަމަށް އެއްބަސްވަމުންނެވެ. މި ފަހަކަށް އައިސް ކުޑަކުދިން ބަލިވާ މިންވަރު އިތުރުވަމުންދާ ކަމަށް އެ މީހުން ބުނާއިރު، ގިނަ މީހުންގެ ކަންބޮޑުވުމަކީ މާ އަވަސް އަވަހަށް ކުދިން ބަލިވުމެވެ.

ރޯގާ ޖެހުމާއި ހުން އައުމާއި އިންފްލުއެންޒާގެ ބަލިމަޑުކަމެވެ. ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ކޮންމެވެސް ބައްޔެއްގައި އަބަދުވެސް އުޅެން ޖެހޭ ކަމަށް އެ މީހުން ބުނެ އެވެ.

"މި ފަހަކަށް އައިސް ކުދިން އެއްގޮތަކަށް ވެސް ރަނގަޅެއް ނުވޭ. ގިނައީ ސްކޫލަށް ސަލާމްބުނާ ދުވަސްތައް،" ޕްރީ ސްކޫލަށް ދާ އުމުރުގެ ކުއްޖެއްގެ ބެލެނިވެރިޔަކު ބުންޏެވެ.

"އަބަދު ޖެހެނީ ބޭސް ދީދީ ހުންނަން."

ކުދިން ބަލިވާ މިންވަރު ހަމަ އިތުރުވީތަ؟

ނޭވާލާ ނިިޒާމުގެ ރޯގާތައް މި ފަހުން އިތުރުވެފައިވާ ކަމަށް ބައެއް ޑޮކްޓަރުން ވެސް ވިދާޅުވެފައިވެ އެވެ. ހާއްސަކޮށް، ދިރާސީ އާ އަހަރުގެ ކިޔެވުން މިދިޔަ އޮގަސްޓު މަހު ފެށުނު ފަހުން، ސްކޫލަށް ދާ އުމުރުގެ ކުދިންގެ މެދުގައި ހަލުއި ކަމާއެކު ރޯގާ ފެތުރެމުންދާ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

މިހާރު ކުޑަކުދިންނަށް ޖެހެމުން މިދާ ހުމާ ގުޅޭ ގޮތުން މީހަކު އެކްސްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވީ، މި ދުވަސްވަރު ވަކި ވައްތަރެއްގެ ހުމެއް އުޅޭ ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

އެކަމަކު، ޑޮކްޓަރު ވިދާޅުވި ގޮތުގައި، މިހާރު އެންމެ ގިނައިން ފެންނަނީ:

  • އިންފްލުއެންޒާ ރޯގާ

  • ރެސްޕިރޭޓަރީ ސިންޝިއަލް ވައިރަސް (އާރުއެސްވީ)

  • ޑެންގީ ހުން

"ވަކި އެއްބައްޔެއް ފެތުރެނީއޭ ބުނަން ދަތި. ފަހަރެއްގައި އެކި ރަށްރަށުގައި މިކަން ތަފާތު ވެދާނެ. ވަކި ބައްޔެއް އިސްވެ އުޅެނީ ކަމަށް ވެސް ވެދާނެ،" އޯޑިއޯ މެސެޖެއްގެ ގޮތުގައި ޖަވާބު ދެއްވަމުން ނިޔާފް ވިދާޅުވި އެވެ.

މި ބަލިތަކުގެ ތަފްސީލު ވެސް އޭނާ ދެއްވެވި އެވެ.

އިންފްލުއެންޒާ ހުން

ވައިރަސްއަކުން ޖެހޭ މި ބަލީގައި، ޑޮކްޓަރު ވިދާޅުވި ގޮތުގައި، އާއްމުކޮށް ފެންނާނީ ހުމުގެ އަލާމާތްތަކެވެ. އެކަމަކު ބައެއް ކުދިންނަށް ހުމާއެކު ނޭވާލާ ނިޒާމުގައި އަރުދަފުސް ރޯގާގެ އަލާމާތްތައް ފެނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވި ގޮތުގައި:

  • މި ބަލީގައި ނަގާނެ ދުވަސް ބުނަން ދަތި

  • އާއްމު ގޮތެއްގައި ފަސް ދުވަހާއި ހަފުތާއެއްގެ މުއްދަތު ބަލީގައި ހޭދަވޭ

އާރުއެސްވީ

މިއީ ވައިރަސްއަކުން ޖެހޭ، ބޮޑަށް ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަނެކެވެ. މި ބަލީގައި ހުމާ އެކު އަރިދަފުސް ފަދަ އަލާމާތްތައް، އިންފްލުއެންޒާއަށް ވުރެ ބޮޑަށް ފާޅުވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވި ގޮތުގައި:

  • ބަލީގެ އަސަރު ބޮޑަށް ކުރަނީ އުމުރުން ހަގު ކުދިންނަށް

  • މޭގައި އަރިދަފުސް ހިފާފައި ހުންނަ ގޮތްވެ، ކުޑަކުދިން ނޭވާލުމުގައި ދަތިކަމެއް ކުރިމަތިވޭ

  •  އާރުއެސްވީ ޖެހޭ ތުއްތު ކުދިން ހަފުތާއެއް ނުވަތަ 10 ދުވަހަށް ބަލި ދިގުލައިގެން ދޭ 

  • ބޮޑަށް ބަލިވާ ކުދިން އެއަށް ވުރެ ގިނަ ދުވަހަށް ބަލި ދިގުލައިގެން ދޭ

ޑެންގީ ހުން

މަދިރީގެ ސަބަބުން ޖެހޭ މި ބައްޔަކީ ރާއްޖޭގައި އާއްމު ހުމެކެވެ. ހާއްސަކޮށް ވިއްސާރަ މޫސުން އަލިކޮށްލާއިރަށް، މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ އެވެ.

ނިޔާފް ވިދާޅުވި ގޮތުގައި ޑެންގީގައި، ގަދައަށް ހުން އައުމާ އެކު، ބޮލުގައި ރިއްސުމާއި ވަރުދެރަވެ، ބަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވެ އެވެ.

އޭނާ ވިދާޅުވީ:

  • މި ބަލިން ރަނގަޅުވާން އެކި ކުދިން އެކި މުއްދަތު ނަގާ ކަމަށް

  • ބައެއް ކުދިން، 3-5 ދުވަހުގެ ތެރޭގައި ހުން ވިހެލާ. އަނެއް ބައި ކުދިންގެ ހުން އަށެއްކަ ދުވަހަށް ދެމިގެން ދޭ

  • ހުން ފިލުމަށް ފަހު، އާއްމު ގޮތެއްގައި 48 ގަޑިއިރުގެ ތެރޭގައި ބަލި ފިލައިގެން ދޭ

ކުދިން އަވަސް އަވަހަށް ބަލިވުމާ ގުޅޭ ގޮތުން ސީދާ ވަކި ޖަވާބެއް އޭނާ ނުދެއްވަ އެވެ. އެކަމަކު ނިޔާފް ވިދާޅުވީ އެއް ބަލި، ކައިރިކައިރީގައި ދެ ބުރަށް ޖެހުން ގާތް ނޫން ކަމަށެވެ.

"ނަމަވެސް އެއް ބަލި ރަނގަޅުވާއިރު އަނެއް ބަލި ލައްވާލަފާނެ. ކޮމިއުނިޓީ ތެރޭގައި މިހެން ދެތިން ބަލި ފެތުރޭއިރު އިތުރު ބަލިތަކަށް ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރަށް ދައްކަންވީ ކިހާ އަވަހަކަށް؟

ނިޔާފް ވިދާޅުވި ގޮތުގައި، ހުން ނުވަތަ އަރިދަފުސް ރޯގާ އެޅިޔަސް، އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭ ހާލަތްތަކެއް ހުންނާނެ އެވެ. އެއީ ކުއްޖާގެ ފަރާތުން 'މިއީ އާދައިގެ ބައްޔެއް ނޫނޭ ބުނަން އެނގޭ ފަދަ ތަފާތު ކަންކަން' ފެނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ދެއްކެވީ، ހުން އައުމުން އާއްމުކޮށް ކުދިން ނޫޅޭ ގޮތަށް އުޅުމެވެ. މާ ބޮޑަށް ވަރުދެރަވުމާއި ހުން މަޑުވެލާ ވަގުތުތަކުގައި ވެސް މާ ބަލިކޮށް އުޅުން ފަދަ ކަންކަން ފެންނަ ނަމަ، އެއީ އާދައިގެ ބައްޔަކަށް ނުވެދާނެތީ ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ހުން އައުމުން، އާއްމުކޮށް ވާ ގޮތް ނޫން އެހެން ގޮތެއް ނުވާ ނަމަ، ޕެނަޑޯލާއި އުފަމޯލް ފަދަ ހުން ބޭސް ގަޑިން ގަޑިއަށް ދީ، ގިނައިން ދިޔާ އެއްޗެހި ދީ މޮނީޓާ ކުރެވިދާނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބުނެފަ އެވެ. އެގޮތުން، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި 22،500އަށް ވުރެ ގިނަ މީހުން ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް