އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ (ފޮޓޯ/އަސްލަމް)

އެމްޑީޕީ

މުއިއްޒު ހުވާ ކުރެއްވުމަށް ހުރަހެއް ނާޅާނަން: އެމްޑީޕީ

ނަމަވެސް، ނަޝީދުގެ ރިޔާސަތުގައި މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ ބާއްވާ ނަމަ، އެމްޑީޕީގެ މެމްބަރުން އެ ޖަލްސާއަށް ވަޑައިނުގެންނެވުމުގެ ފުރުސަތު އޮތް މޭރުމަކުން ވެސް އަސްލަމް ވާހަކަދެއްކެވި
31 އޮކްޓޯބަރު 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އެމްޑީޕީން ހުރަސްނާޅާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓަށް ނާހައި ނަޝީދު ރިޔާސަތު ބަލަހައްޓަވާ ގޮތަށް އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާ ބާއްވައިފި ނަމަ، އެ ހުވާކުރެއްވުން ބަލައިނުގަންނާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ކުރިން ބުނެފަ އެވެ. 

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މި ހަފްތާގައި އެޖެންޑާ ކުރި ދެ ޖަލްސާ ވެސް ނުބޭއްވުނެވެ. އެހެންވެ އެމްޑީޕީ މެމްބަރުން ގެންދަވަނީ ތަޅުމުގައި ނުރުހުން ފާޅުކުރައްވައި އިހުތިޖާޖު ކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިންމައި މުއިއްޒު ހުވާ ކުރެއްވުމަށް ޖަލްސާއެއް ބޭއްވުމަކީ ގަވާއިދާ ހިލާފުވުން ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތައް ހުއްޓުވާ ގޮތަށް އެފަދަ ޖަލްސާއެއް ހުއްޓުވުމުގެ ވިސްނުމެއް އެ ޕާޓީން ނުގެންގުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނެއް މަޖިލީހުގެ ގަވާއިދާ ހިލާފަށް ބާއްވާ ޖަލްސާއަކަށް، ދެން އެފަދަ ޖަލްސާއެއްގައި ވަކި ގޮތަކަށް ނުނިންމަން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގެ ރޫހެއް ނެތް އެފަދަ ޖަލްސާއަކަށް ހުރަސް އަޅަން،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް، ނަޝީދުގެ ރިޔާސަތުގައި މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ ބާއްވާ ނަމަ، އެމްޑީޕީގެ މެމްބަރުން އެ ޖަލްސާއަށް ވަޑައިނުގެންނެވުމުގެ ފުރުސަތު އޮތް މޭރުމަކުން ވެސް އޭނާ ވާހަކަދެއްކެވި އެވެ. އެގޮތުން، އަސްލަމް ވިދާޅުވީ:

  • އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިންމައި ބާއްވާ ޖަލްސާއެއްގައި ހުވާ ކުރުން ގާނޫނުއަސާސީއާ ހިލާފު 

  • އެމްޑީޕީގެ މެމްބަރުންނާ ނުލާ ވެސް އެ ޖަލްސާގެ ކޯރަމް ހަމަކޮށްގެން ކުރިއަށް ގެންދެވޭނެ

"އަޅުގަނޑުމެން ވާނީ ދަންނަވާފައި އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އެފަދަ ޖަލްސާއެއްގައި ކުރައްވާ ހުވަޔަކީ ގާނޫނާ، ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކުރެވޭ ހުވައެއް ކަމަށް. ދެން އެފަދަ ޖަލްސާއެއް އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގައި ތިއްބެވި 55 މެމްބަރުން ނުހިމަނާ ވެސް ކޯރަމް ލިބޭނެ،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މައްސަލަ ހައްލުކުރުމަށް ފަހު، އަޅުގަނޑުމެންނަށް ވެސް އެ ތަނުގައި ރީތިކޮށް އިށީނދެ، ރަސްމިއްޔާތުގައި ތިބެވޭނެ ގޮތަކަށް، އަޅުގަނޑުމެން ގަބޫލުކުރާ އަދި މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީގެ ވެސް ރޫހާ އެއްގޮތްވާ ގޮތުގެ މަތިން އިތުބާރު ހިފޭތޯ ނުވަތަ ނޫންތޯ ބެލުމަށް ފަހު ހުންނަވާ ރައީސަކާ އެކު އެކަން ކުރެއްވުމަކީ އެއީ އެންމެ ރަނގަޅު، އެންމެ ފުރިހަމަ ގޮތަކީ ވެސް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް