ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގު: މަގުތައް ބެލެހެއްޓުން ހިމެނޭ ގޮތަށް ހުޅުމާލޭގެ ޕުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ހުޅުމާލެ

100 ދުވަސް ތެރޭ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރާނަން: މުއިއްޒު

ހުޅުމާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް، ޕާކިން އިމާރާތްތައް ވެސް ވަރަށް އިސްކަމެއް ދެއްވައިގެން ގާއިމްކޮށްދެއްވާނެ އިންތިހާބީ ރައީސް ވިދާޅުވި

ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންދިއުން ހިމެނޭކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިވަގުތު މާލޭގެ މޭޔަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވެސް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެއްވުމުގެ ވައުދު 100 ދުވަސް ތެރޭ ފުއްދަވާނެކަން އެ މަނިކުފާނު ހާމަކުރެއްވީ މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުގެ ހަރަކާތެއްގެ ތެރެއިންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ކެމްޕެއިންގައި ވައުދުވި ގޮތަށް، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ، އެހެން ނަމަވެސް މިހާތަނަށް ކުންފުންޏަކުން ދެމުންދާ [ނުވަތަ] އާބަންކޯއިން ދެމުންދާ ހިދުމަތްތައް ފުރަތަމަ 100 ދުވަސް ތެރޭ ކުރާ ކަންކަމުގެ ތެރޭގައި އެންމެ ފުރަތަމަ ކުރާ އެއް ކަމެއްގެ ގޮތުގައި ހުޅުމާލެ ދެ ފިޔަވަހީގެ ވެސް މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލު ކުރާނަން،" ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ކައުންސިލްގެ ދަށަށް އެ ހިދުމަތްތައް ނުގެންދާތީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ މުއިއްޒު ވިދާޅުވި އެވެ.

ކެމްޕެއިން ހަރަކާތެއްގެ ތެރެއިން މުއިއްޒު (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލު - މުއިއްޒު ވަނީ ކަންސިލްގެ ދަށަށް ގެންދާނެ މުނިސިޕަލް ބައެއް ހިދުމަތްތަކުގެ ތަފްސީލު ވެސް ދެއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މަގުމަތި ސާފުކޮށް ބެލެހެއްޓުން

  • ފަޅުތެރެ އަދި މަގުމަތި ދިއްލުން

  • ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށް، މިހާތަނަށް ކައުންސިލާ ހަވާލުނުކޮށް ހުރި އެންމެހާ އިދާރީ ހިދުމަތްތައް

"އޭރުން ރައްޔިތުންނަށް ކައުންސިލާ އެކު ރައްޔިތުން އެދޭ ގޮތަށް، މާލެއެކޭ އެއްގޮތަށް ބަދަލުވެގެންދާނެ. [އެއާ އެކު،] ރައްޔިތުންނަށް ފަސޭހަވެގެންދާނެ. އެގޮތަށް ބަދަލުކުރާއިރު އެ ކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާ އެކު ހަމަޖައްސާނަން،" މުއިއްޒު ވިދާޅުވި އެވެ.

'ހުޅުމާލޭގައި ޕާކިން އިމާރާތްތައް ގާއިމް ކުރާނަން'

މުއިއްޒު ވިދާޅުވީ، ހުޅުމާލެއަށް ދެން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޕާކިންގެ މައްސަލަ ކަމަށެވެ. އެކަން ހައްލު ކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން ހުޅުމާލޭގައި ޕާކިން އިމާރާތްތައް އެޅުމަށް ނިންމި ނަމަވެސް، އެކަން ނުވެ އޮތީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ހުޅުމާލޭގެ ޕާކިން [މައްސަލަ] ހައްލުކުރުމަށްޓަކައި އެކަށީގެންވާ އިމާރާތް އަދި އިމާރާތްތަކެއް ދެތިން ސަރަހައްދެއްގައި، [އެއީ] ދެ ފިޔަވަހި ހިމެނޭ ގޮތަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެކަން ވެސް ވެރިކަމުގެ ފުރަތަމަ ކޮޅުގައި ފައްޓަވާނެ ކަމަށެވެ.

"މި ހުޅުމާލޭގެ މަގުމައްޗަކީ ވެސް ތަރުތީބުކުރެވިފައިވާ [އަދި] ޕާކިންއާ ހެދި އުނދަގޫވެފައިވާ ތަނަތަކަށް އޮތް އޮތުން އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން،" އެއީ ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް