ސިނަމާލެ ބްރިޖުގައި ޓްރެފިކް ބަލަހައްޓާ ފުލުހެއް. ވައަތްފަރާތުން ފެންނަނީ ސޯލާ ޕެނަލް ހަރުކޮށްފައި ހުރި ތަން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސޯލާ ޕެނަލްތައް ހައިވޭއިން ނަގައި 2 ރަށަކަށް ބަދަލުކުރާނަން: މުއިއްޒު

ވޯލްޑް ބޭންކުގެ އެހީގައި މި ސަރުކާރުން މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަމުން އަންނައިރު، ޕެނަލްތައް ހަރުކޮށް ނިންމައި ކަރަންޓު ވިއުގައާ ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ވަނީ ދާދި ފަހުން ބުނެފައި
28 އޮކްޓޯބަރު 2023

މާލެ-ހުޅުމާލެ ހައިވޭގައި މި ސަރުކާރުން ހަރުކުރަމުން އަންނަ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި ރާއްޖޭގެ އެހެން ރަށަކަށް ނުވަތަ ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ތައިލޭންޑުގެ އެންސިސް ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ-މާލެ ހައިވޭގައި ގާއިމުކުރާ ސޯލާ ނިޒާމުގެ ދަށުން:

  • ދުވާލަކު 5 މެގަވޮޓުގެ ސޯލާ ހަކަތަ އުފައްދާނެ

  • އަހަރެއްގެ މައްޗަށް 7.3 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނެ

  • ތެލަށް ކުރާ ހޭދައިން 20 މިލިއަން ރުފިޔާއާ ހަމައަށް ކޮންމެ އަހަރަކު ސަލާމަތް ކުރެވޭނެ

  • މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ސޯލާ ޕެނަލް ހަރުކޮށްގެން ގާއިމުކުރާ ނިޒާމު

  • ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކާ ރޭޓަކީ ޔުނިޓަކަށް 10.09 ސެންޓު (1.681ރ.)

ބުނީ ކީކޭ؟ - ހުޅުމާލޭ ފޭސް އެކެއްގައި ދިރިއުޅޭ މީހުންނާ އެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ-ހުޅުމާލެ ހައިވޭގެ އަރިމަތީގައި ޖަހަމުން އަންނަ ސޯލާ ޕެނަލްތަކުގެ ސަބަބުން އެ މަގު މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެއީ މުޅި މި ސަރަހައްދުގައި ވެސް އަދި ފަހަރުގައި މުޅި ރާއްޖޭގައި ވެސް އެންމެ ރީތިކޮށް މޫދު ފެންނަ އެއް ދިމާ ނަމަވެސް، އެ މަންޒަރު މިހާރު ވަނީ ބަދަލުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބައްދަލުވުމެއްގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"އަޅުގަނޑު ގަސްތުކުރަނީ އެ ދިގު ރާސްތާގައި ޖަހާފައި އެހެރަ ސޯލާ ޕެނަލްތައް އެ ތަނުން ނަގަން، ނަގަން. [ އެ ތަނުން] ނަގައި ރާއްޖޭގައި ކުޑަ އަދި މެދު ސައިޒުގެ އެއް ރަށް ނޫނީ ދެ ރަށަކަށް، އެއްކޮށް އެ ދެ ރަށް ނޫނީ އެއް ރަށް، [އެ ރަށް ނޫނީ ދެ ރަށަށް އަޅުގަނޑު ހިތުން ފުދޭނެ]، އެއްކޮށް ސޯލާ ޕަވާއިން ހިންގޭ ގޮތަށް އެ ތަކެތި ގެންގޮސް، އެ ކަމަށް ފަންޑުކުރި ފަރާތާ ވެސް މަޝްވަރާކޮށްގެން، ނަގައިގެން ގެންގޮސް އެއް ރަށް ނޫނީ ދެ ރަށް އެއްކޮށް ސޯލާ ޕަވާއިން ހިންގާ ގޮތަށް ބަދަލުކުރުމަށް މި ތަކެތި މި ތަނުން ނަގައިގެން ގެންދަން،" މުއިއްޒު ވިދާޅުވި އެވެ.

"މިހާރު މި އޮތް އޮތުން ނިމުމަކަށް ގެންނާނަން."

މުއިއްޒު ވިދާޅުވީ އިއާދަކުރަނިވި ހަކަތައަކީ މުހިންމު ކަމެއް ކަމަށާއި އަންނަން އޮތް ސަރުކާރުގެ ސިޔާސަތުތަކުގައި ވެސް އެ ކަމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

"އެހެން ނަމަވެސް، އެކަން ކުރުމަށް، ހަމަ ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅު އޮންނަ ގޮތް ފަދައިން އެ ކަމުގައި ވެސް އެންމެ ރަނގަޅު ގޮތް އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

އެނގުން މުހިންމު - ސޯލާ ޕެނަލްތައް ހައިވޭ އިން ނަގައި އެހެން ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، އެ ޕެނަލްތައް ހަރުކޮށް ނިންމައި ކަރަންޓު ވިއުގައާ ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ވަނީ ދާދި ފަހުން ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް