ކްރައިމް ސީނެއްގައި ފުލުހެއް ހަރަކާތްތެރިވަނީ: ފުލުހުންނަށް ގޭންގުތަކުން ހަމަލާދޭ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ފުލުހަކަށް ގްރޫޕަކުން އަނިޔާކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ބަންދުކުރަން ހައި ކޯޓުން ވެސް އަމުރެއް ނުދިން
ހުޅުމާލޭގައި މިދިޔަ މަހު ގޭންގަކުން ފުލުހަކު ހިފަހައްޓައި ބޮޑެތި އަނިޔާތަކެއްދިން މައްސަލާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި މީހާ، ފުލުހުން ހައްޔަރުކުރީ ގާނޫނީ އިންޒާރު ދިނުމެއް ނެތި ކަމަށް ބުނެ، އޭނާ ކްރިމިނަލް ކޯޓުން ދޫކޮށްލި އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
މައްސަލައިގެ ފެށުން - ހާދިސާ ހިނގި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ މަހުގެ 4 ވަނަ ދުވަހުގެ 01:16ގައި ސިނަމާލެ ފްލެޓް ސަރަހައްދުން، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ، ފުލުހަކު ގުރޫޕަކުން ހިފަހައްޓައި، "ކަލޭ އަހަރެމެންތިބޭ ތަނަށް ވަންނަން ޖެހޭހޭ" ކިޔާފައި އަނިޔާކޮށްފައިވެ އެވެ.
އެގޮތުން ދިން އަނިޔާތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:
-
މޫނު މަތީގައި ޖަހައި، ލަފުގައި ހިފައި، ގޮނޑިއެއްގައި ބައިންދައި ދެއަތް ފުރަގަހަށްގެންގޮސް، ބަނޑުގައި ޖަހައި، ކަރުގައި ހިފައި ނޭވާ ހާސްކޮށް ހެދި
-
ބިންމައްޗަށް ވައްޓާލައި އެ ގްރޫޕުން ފުލުސް މީހާގެ ގައިގައި އަތުންނާއި ކޮޅުފައިން ތަޅާ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ
-
'ވިސްކީ' ކަމަށް ބުނެ ގަދަކަމުން ބަނގުރާ ބޯންދިން ކަމަށް ފުލުސް މީހާ ބުނޭ؛ އަދި ހާދިސާ ހިންގި ތަނުން، ފުލުހުންނަށް އެފަދަ ފުޅިއެއް ފެނިފައިވޭ
-
ކޯޓަށް ހުށަހަޅާފައިވާ ފޮޓޯ ހެކިތަކުން މާރާމާރީގެ އަސަރުތައް އަނިޔާ ލިބުނު ފުލުސް މީހާގެ ގައިން ވެސް ފެންނަން ހުރި
ވީ ކިހިނެއް؟ - އެ މައްސަލާގައި ތުހުމަތުކުރެވިގެން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދިފައިވަނީ އަލީ ވިދާދު، ރިވެލި/ ލ.މާބައިދޫ އެވެ. އެގޮތުން:
-
5 ސެޕްޓެމްބަރު 2023 - ވިދާދު ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުމުން އެ އަމުރު ކޯޓުން ދިން ނަމަވެސް އޭނާ އުޅޭތަނެއް ފުލުހުންނަށް ހޯދިފައި ނުވާތީ އެ އަމުރަށް އޭނާ ހައްޔަރުކުރެވިފައެއް ނުވޭ
-
18 ސެޕްޓެންބަރު 2023 - ދެ ވަނަ ފަހަރަށް އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން ކޯޓުގައި އެދިފައިވޭ
-
22 ސެޕްޓެންބަރު 2023 - ކޯޓު އަމުރަކާ އެކު ރޭގަނޑު 10:35ގައި އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި؛ ކޯޓުން ނިންމީ އޭނާ ޝަރުތެއް ނެތި ބަންދުން ދޫކޮށްލުމަށް
-
5 އޮކްޓޫބަރު 2023 - އޭނާ ދޫކޮށްލަން ކުރި އަމުރު ފުލުހުން ހައި ކޯޓުގައި އިސްތިއުނާފު ކުރި؛ މި މައްސަލާގަައި ހައި ކޯޓުން އިއްޔެ ނިންމާފައިވަނީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް
ތަފްސީލް - ހައި ކޯޓުން އިއްޔެ ކްރިމިނަލް ކޯޓުގެ އަމުރު ދަމަހައްޓާފައި ވީނަމަވެސް، މި މައްސަލަ އެ ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ތަފާތެވެ.
ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައިވަނީ:
-
އަލީ ވިދާދު ފުލުހުން ހައްޔަރުކުރީ އިޖުރާއަތުތަކާ ހިލާފަށް ގާނޫނީ އިންޒާރު ދިނުމެއް ނެތި ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ގޯސްކޮށް ކަމަށް
-
ހައްޔަކުރި އިރު ގާނޫނީ އިންޒާރު ނުދޭ ކަމަށް އަލީ ވިދާދު ބުނިނަމަވެސް، މިމައްސަލާގައި، އޭނާ ހައްޔަރުކުރި އިރު، ނުވަތަ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރި އިރު، އޭނާ ހައްޔަރުކުރެވޭ ކަމާއި އޭނާ ހައްޔަރު ކުރެވޭ ސަބަބު އަދި ގާނޫނީ އިންޒާރުގައި ބަޔާންކުރާ އެހެން ކަންކަން އޭނާއަށް އަންގާފައިވާ ކަމަށް ބުރަވެވެން އެބައޮތް
-
ހައްޔަރުކުރި އިރު އަނގަބަހުން ގާނޫނީ އިންޒާރު ނުދީ އޮތުމަކީ، އޭގެ ޒާތުގައި ހައްޔަރުކުރި ކުރުމަށް އަސަރުކުރާނެ ކަމެއް ކަމަކަށް ބުރައެއް ނުވެވޭ
-
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް، މިމައްސަލާގައި، އަލީ ވިދާދުގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަންގަން ޖެހޭ ކަމަށް ފެނޭ
ނަމަވެސް ފަނޑިޔާރު ނިޔާޒުގެ މި ރައުޔު އާއި ފަނޑިޔާރު ދީބަނާޒް ފަހުމީގެ ރައުޔު ތަފާތުވެ، ދީބަނާޒުގެ ރައުޔަށް ފަނޑިޔާރު ހުސެއިން ޝަހީދު ތާއީދު ކުރައްވާފައިވާތީ ހައި ކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.
ދިބާނާޒުގެ ރައުޔުގައި ވިދާޅުވެފައިވަނީ:
-
ހައްޔަރުކުރާއިރު އެ މީހަކު ހައްޔަރު ކުރެވޭ ސަބަބު ބަޔާން ކޮށްދިނުމާ އެކު ގާނޫނީ އިންޒާރު ދޭންޖެހޭނެ ކަމާއި، އެއީ ހައްޔަރުގެ އިޖުރާއަތުގެ އެންމެ އަސާސީ ކަންތައްކަން އެނގޭ އިރު، އަނގަބަހުން ގާނޫނީ އިންޒާރު ދީފައިވާކަން ފަނޑިޔާރަށް ގަބޫލުކުރެވޭނެ ގޮތެއްނެތް ނަމަ، ހައްޔަރުގެ އިޖުރާއަތު ހިންގާފައިވަނީ ގާނޫނީ ހަމަތަކުގެމަތިންކަމަށް ފަނޑިޔާރަށް ކަނޑައެޅޭނެ ކަމަށް ނުދެކެން
-
ގާނޫނީ އިންޒާރު ދިންކަމަށް އެކަކު އަނެކަކު ގާތުގައި ބުނި ކަމަށް، ޝަރީއަތުގެ މަޖިލީހުގައި ބުނާ ބުނުމުން ފުދޭނެ ކަމަކަށް ނުދެކެން
-
ގާނޫނީ ހަމަތަކުގެ މަތިން ކޮށްފައިވާ ހައްޔަރެއް ނޫން ކަމަށް ފަނޑިޔާރަކު ކަނޑައަޅައި، އެމީހަކު ބަންދުން ދޫކޮށްލައިފި ނަމަ، މިފަދަ ހާލަތެއްގައި ދެން އޮންނާނެ މަގަކީ ތުހުމަތު ކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ހައްޔަރުގެ އިޖުރާތު އެމީހެއްގެ މައްޗަށް އަލުން ހިންގުން
-
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެމަތިން އަލުން ފަނޑިޔާރަކު ގޮތެއް ކަނޑައެޅުމަށް ދައުލަތުން ދެވަނަ ފަހަރަށް ހުށަހެޅުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް
-
އެހެންކަމުން އަލީ ދޫކޮށްލަން ކުރި ކްރިިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަންޖެހޭ ގާނޫނީ ހަމައެއް އޮތް ކަމަކަށް ނުދެކެން
އެނގުން މުހިންމު - ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރެވެން ނެތް ކަމަށް ނިންމައި ދޫކޮށްލި ކޯޓު އަމުރުގައި ސަބަބަކަށް ބުނެފައިވަނީ، އަލީ ވިދާދު ހައްޔަރުކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުން ކަމަށާއި ހައްޔަރުކުރި އިރު ދޭންޖެހޭ ގާނޫނީ އިންޒާރު ދިންކަމަށް ފުލުހުން ބުނިނަމަވެސް، ހައްޔަރުކުރި އިރު އެފަދަ އެންގުމެއް ނުވަތަ އިންޒާރެއް ދީފައިނުވާ ކަމަށް އަލީ ވިދާދު ކޯޓުގައި ބުނާތީ އެވެ. އަދި އެކަން އެނގޭނޭ ހާދިސާ ހިނގި ގޮތުގެ ރިޕޯޓެއް ނުވަތަ ސީނަށް ދިޔަ ފުލުހެއްގެ ބަޔާނެއް ފަދަ އެއްވެސް ލިޔުމެއް ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.
މި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ފުލުހުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފްގައި ފުލުހުން ބުނެފައިވަނީ، އަލީ ވިދާދު ދޫކޮށްލާފައިވަނީ، ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުއްޓާ ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބެލެވޭ ހާލަތު ވެސް ވުޖޫދުގައި އޮއްވަ ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނީ:
-
ބަންދުކުރަން ކޯޓަށް ހުށަހެޅިއިރު އެންމެހާ ލިޔުންތައް އެކޯޓަށް ހުށަހަޅާފައިވާނެ
-
ހައްޔަރުކުރި ވަގުތު އަލީ ވިދާދުއަށް ގާނޫނީ އިންޒާރު ދީފައިނުވާ ކަމަށް އޭނާ ބުނި ކަމުގައިވިޔަސް، 'ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމް'ގައި އަލީ ވިދާދު ސޮއިކޮށް އިނގިލީގެ ނިޝާން ޖެހި
-
އެފޯމުން، އޭނާ ހައްޔަރުކުރި ވަގުތު އަންގަންޖެހޭ އެންގުންތައް އެންގިކަން އެނގޭ، އަދި އެ ފޯމުގައި ސޮއިކުރި ވަގުތު 'ގާނޫނީ އިންޒާރު' ނުދޭ ކަމަށް ބުނެ، އަލީ ވިދާދު ޝަކުވާއެއް ކޮށްފައިނުވޭ
-
ހައްޔަރުކުރި ވަގުތު އަލީ އަށް ގާނޫނީ އިންޒާރު ދިންކަން އެނގޭނެ ލިޔުމެއް ނެތްކަމަށް ދަށު ކޯޓުގެ އަމުރުގައި ބަޔާން ކުރިނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ސާފުކޮށް ދެވެން ހުރި މައުލޫމާތު ދަށު ކޯޓުގައި ސާފުކޮށްދީފައިވާނެ