ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށީ ބޭނުންވާ މީހުން ތަމްރީންކޮށްފައި (ފޮޓޯ/ހެލްތު މިނިސްޓްރީ)

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި؛ ހާއްސަ ނަންބަރަކީ 100

މި ހިދުމަތުގެ މަގްސަދަކީ މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓުތަކަށް އަވަހަށް އެޓެންޑުވެ، އެމަޖެންސީ ފަރުވާ ދިނުން
25 އޮކްޓޯބަރު 2023

ހެލްތު މިނިސްޓްރީން 24 ގަޑިއިރު ހިދުމަތް ލިބޭ ކޯލް ސެންޓަރަކާ އެކު ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށްދެއްވީ ހެލްތު މިިނިސްޓަރު އަހްމަދު ނަސީމް އެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ތައާރަފްކުރުން. (ފޮޓޯ/ހެލްތު މިނިސްޓްރީ)

ގައުމީ އެމްބިއުލާންސްގެ ހިދުމަތް

  • މި ހިދުމަތަށް ކަނޑައަޅާފައިވާ 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރުގެ ނަންބަރަކީ 100

  • ހިދުމަތް ދޭނީ އޮޕަރޭޝަންސް ސެންޓަރާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ގުޅިގެން

  • މި ހިދުމަތް އަތޮޅުތަކަށް ފުޅާކުރާއިރު ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތަކާއި ސީ އެެމްބިއުލާންސްތައް ވެސް މި ހިދުމަތަށް އިތުރުކުރާނެ

  • ސިއްހީ ފަރުވާ ދޭ ތަނަކަށް ގެންދިއުމާ ހަމައަށް ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް އެމްބިއުލާންސްގައި ހިމެނޭނެ

ގައުމީ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ އެމްބިއުލާންސްއެއް (ފޮޓޯ/ހެލްތު މިނިސްޓްރީ)

ބުނީ ކީކޭ؟ - އެ ހިދުމަތް ތައާރަފް ކޮށްދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ މި ހިދުމަތާ އެކު އެމަޖެންސީ ފަރުވާ ހޯދަން އާންމުން މީގެ ކުރިން އުފުލި ބުރަ އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ތަފާތު އެކި ނަންބަރުތަކަށް ގުޅުމުގެ ބަދަލުގައި 100 އަށް ގުޅައިގެން ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ އިންތިޒާމެއް މި ގާއިމްކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި އެ ހިދުމަތް ފަށަނީ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ އެކަމަށް ހާއްސަ ސޮފްޓްވެއާތަކާއި އާލާތްތައް އަދި އެ ތަކެތި ބޭނުންކުރަން ތަމްރީން ކޮށްފައިވާ ޓީމެއް ބިނާކޮށްގެން ކަމަށެވެ.

އެ ޓީމުގެ އެންމެ މުހިންމު ކަމަކަށް ވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ހިދުމަތަކީ ރައްޔިތުން އިތުބާރުކުރާ، ބަލައިގަންނަ އަދި ދެމެހެއްޓޭނެ ހިދުމަތަކަށް ހެދުން ކަމަށެވެ.

"މާތްﷲގެ އިރާދަފުޅުން 'އެކެއް ސުމެއް ސުމެއް' ވެގެންދާނީ ސަތޭކައިގެ ހިދުމަތް ލިބޭ، ސަތޭކައިގެ ނަންބަރަކަށް،" އޭނާ ވިދާޅުވި އެވެ.

ތަފްސީލު - ގައުމީ އެމްބިއުލާންސްގެ ހިދުމަތާ ބެހޭ އިތުރު ތަފްސީލު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ ގައުމީ އެމްބިއުލެންސްގެ ހިދުމަތް ތައާރަފް ކުރަނީ މި ހިދުމަތަށް ހާއްސަ ޕެރަމެޑިކް އެމްބިއުލާންސް ފްލީޓަކާއި 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރަކާ ވެސް އެކީގައި ކަމަށެވެ.

"މި ހިދުމަތުގެ މައިގަނޑު މަގްސަދަކީ މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓްތަކަށް އަވަހަށް އެޓެންޑްވެ، ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންދެވެންދެން ފްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދީ، ބަލިމީހާގެ ފުރާނަ ސަލާމަތް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން،" އޭނާ ވިދާޅުވި އެވެ.

މި ހިދުމަތް ފަށަނީ މާލެ ސަރަހައްދުން ކަމުގައި ވިޔަސް، އާދިލް ވިދާޅުވި ގޮތުގައި މުސްތަގްބަލުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރަން ވަނީ ރާވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް