އައްޑޫގެ ޒުވާނުންތަކެއް ބޭއްވި މަސްދަތުރަކުން ބޭނި އެންމެ ކުޑަ މަސް: މި މަސް 12،000 ރުފިޔާއަށް ވަނީ ވިކިފައި

ފަލަސްތީން

އެއް ކިލޯގެ މި މަސް، ފަލަސްތީނަށްޓަކައި 12،000 ރުފިޔާއަށް

އައްޑޫގެ މި މަސްވެރިން ރޭ ވަނީ 30،000 ރުފިޔާ އެއްކޮށްފައި
21 އޮކްޓޯބަރު 2023

އާދައިގެ ދުވަހެއްގައި، އާއްމު ރޭޓުން ނަމަ މި ކުޑަކުޑަ މަހުގެ އަގު 40 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ އެވެ. އެކަމަކު ކިލޯއެއް ކިރިޔާ ހަމަނުވާ މި ކަންނެލީގެ އަގު، ރޭ 12،000 ރުފިޔާއަށް އަރައިގެން ދިޔަ އެވެ. އަގުބޮޑުކޮށް މަސް ގަތް މީހާގެ ހަމައެކަނި މަގްސަދަކީ އެ ފައިސާއިން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ އަމާޒުފަތްގަނޑަކަށްވެ، ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުވަމުން ދާއިރު ދިވެހިން ތިބީ އެ މީހުންނާ އެކުގަ އެވެ. އެ މީހެއްގެ އަތުގައި އޮތް މިންވަރެއް ދީގެން، އިތުރަށް ތަފާތު ކަންކަން ކޮށްގެން ފައިސާ އެއްކޮށްގެން، މިހާރު ވެސް އެތައް މިލިޔަން ރުފިޔާގެ އެހީ ގާޒާގެ ރައްޔިތުންނަށް ދިވެހިން ވަނީ ހަދިޔާކޮށްފަ އެވެ.

އައްޑޫގެ ސްޕޯޓް ފިޝިން ކޮމިއުނިޓީން، ރޭ މަހަށް ގޮސް ފައިސާ އެއްކުރަން ނިންމީ ވެސް ފަލަސްތީނަށް އެހީވުމުގެ ގޮތުންނެވެ. އެ ހަރަކާތުގައި އިސްކޮށް ބައިވެރިވި 'ރެޑް ސްނެޕާ' ލޯންޗުގެ މަސްވެރިން ބޭނި ހުރިހާ މަހެއް ބޮޑު އަގުގައި ވިކި، ހީކުރި ވަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އެ މީހުންނަށް ވަނީ ލިބިފަ އެވެ.

ފަލަސްތީނަށް އެހީވުމަށްޓަކައި އައްޑޫގެ ޒުވާނުންތަކެއް ބޭއްވި މަސް ދަތުރެއްގައި ބޭނި މަސްތައް ވިއްކާލަނީ
ފަލަސްތީނަށް އެހީވުމަށްޓަކައި އައްޑޫގެ ޒުވާނުންތަކެއް ބޭއްވި މަސްދަތުރެއްގައި ބޭނި މަސްތައް ވިއްކާލަނީ

"އަޅުގަނޑުމެންނަށް ބޭނުނީ ވަރަށް ކުދިކުދި، ފަންސާހަކަށް ކަނޑު މަސް. އުއްމީދުކުރީ އެ ވިއްކާލައިގެން މަދުވެގެން 6،000 ރުފިޔާވަރު ލިބޭނެ ކަމަށް،" ހޮބީއެއްގެ ގޮތުގައި މަސްވެރިކަން ކުރަމުން އަންނަ، ހިތަދޫ ޕޮލިސް ކޮމާންޑަރު އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.

ހަތް ވަރަކަށް މީހުންނާ އެކު އަބްދުﷲމެން މަހަށް ފުރީ، ރަށަށް އަންނާނެ ވަގުތާއި އައިސް ހުރިހާ މަހެއް ވިއްކާނެކަން އިއުލާންކުރުމަށް ފަހުގަ އެވެ. އަދި އެތަނުން މަހެއް ގަނެގެން، ފަލަސްތީނަށް އެހީވުމުގެ ފުރުސަތު އޮތް ކަމަށް އިޝްތިހާރުކުރުމަށް ފަހު އެވެ.

މަސް ގަންނަން އެއްވި އައްޑޫ މީހުން ދީލައްޗެވެ؛ ކިތަންމެ ކުޑަ މަހެއް ވެސް އެ މީހުން 100 ރުފިޔާއަށް ވުރެ ދަށް އަގަކަށް ނުގަނެ އެވެ. ގިނަ މީހުން މަހެއް ގަތީ 200 ރުފިޔާ އަށެވެ. ބައެއް މަސްތައް، 500 ރުފިޔާއިން އަދި ހާހުން ވިކުނެވެ.

ފަލަސްތީނަށް އެހީވުމަށްޓަކައި އައްޑޫގެ ޒުވާނުންތަކެއް ބޭއްވި މަސްދަތުރަކުން ބޭނި މަސް ގަނެގެން، އާއްމުން އެހީތެރިކަން ފޯރުކޮށްދެނީ
ފަލަސްތީނަށް އެހީވުމަށްޓަކައި އައްޑޫގެ ޒުވާނުންތަކެއް ބޭއްވި މަސްދަތުރެއްގައި ބޭނި މަސްތައް ވިއްކާލުމަށް އަތުރާފައި

"އަޅުގަނޑުމެންނަށް އެއްކުރެވުނު 30،000 ރުފިޔާ. މިއީ އުއްމީދުކުރި ވަރަށް ވުރެ ބޮޑު އަދަދެއް،" އަބްދުﷲ ވިދާޅުވި އެވެ.

ބޭނި މަސްތަކުގެ ތެރެއިން އެންމެ ބޮޑު އަގުގައި ވިކުނީ، އެތަނުގައި އޮތް އެންމެ ކުޑަ ކަންނެއްޔެވެ. ކިރިޔާ ކިލޯއެއް ހަމަވާ އެ މަސް، 12،000 ރުފިޔާއަށް ގަތީ، މަހަށް ދިޔަ ޓީމުގެ މެމްބަރެކެވެ.

ކުއްލި ގޮތަކަށް ރޭވި މި ހަރަކާތަށް ލިބުނު ތަރުހީބަށް ބަލައި، އަބްދުﷲމެން މިހާރު ނިންމާފައިވަނީ ފަރުމަހަށް ނުކުންނާށެވެ. ރެއަށް ވުރެ ބޮޑު ޓީމަކާ އެކު، ފުރިހަމަ އިންތިޒާމުތަކާ އެކު އެވެ.

އެ މީހުންގެ މަގްސަދަކީ ވީހާވެސް ގިނަ އަދަދެއްގެ ފައިސާ އެއްކޮށް، ހާލުގައި ޖެހިފައިވާ ފަލަސްތީނުުގެ އާއްމުންނަށް ވެވުނު އެހީތެރިކަމެއް ވެދޭށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް