ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ރ. ފައިނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މުއިއްޒު އެދިވަޑައިގަތީ ވެރިކަން ދަމަހައްޓަން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް
ވެރިކަން ހޯދުމުގައި ދެއްކި އެކުވެރިކަން ވެރިކަން ދެމެހެއްޓުމުގައި ވެސް ދައްކައި ދިނުމަށާއި އެެކަން އެގޮތަށް ކުރުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މުއިއްޒު މިގޮތަށް އެދިވަޑައިގަތީ، މިދިޔަ ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގެ ކެމްޕެއިންތަކުގައި މަސައްކަތް ކުރެއްވި ޓީމުތަކާ ބައްދަލުކުރެއްވުމަށް މިރޭ މާފަންނު ޔޫތް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ކުރިއަށް މިއޮތީ ވަރަށް މުހިންމު ހައްސާސް ދުވަސްތަކެއް. ގައުމު ހަމަ މަގަށް އެޅުވުމުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެކުވެރިކަމާ އެކު ކުރިއަށްދާން ޖެހޭ. އެކުވެރިކަމަކީ ގަދަފަދަ ބާރެއް.
ބުނީ ކީކޭ؟ - ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއް ގެނައުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އިޝާރާތް ކުރައްވާ ދެެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ ކަމެއް ހާސިލުކުރުމަކީ އެކަން ދެމެހެއްޓުމަށް ވުރެ ފަސޭހަ ކަމެއް ކަމަށެވެ. އުނދަގޫ ވާނީ އެކަން ދެމެހެއްޓުން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ވެރިކަން ހާސިލުކުރުމަށް ދެއްކި ހިތްވަރާއި އެކުވެރިކަން ވެރިކަން ދެމެހެއްޓުމުގައި ވެސް ކުރިއަށް އޮތްތަނުގައި ދައްކައިދިނުމަށް މުއިއްޒު އެދިވަޑައިގަތެވެ.
"އެކަމުގައި އަޅުގަނޑު ތިބޭފުޅުންނަށް ޝައްކެއް ނުކުރަން. އެކަމުގައި ޔަގީންކުރަން. ކުރިއަށް މިއޮތީ ވަރަށް މުހިންމު ހައްސާސް ދުވަސްތަކެއް. ގައުމު ހަމަ މަގަށް އެޅުވުމުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެކުވެރިކަމާ އެކު ކުރިއަށްދާން ޖެހޭ. އެކުވެރިކަމަކީ ގަދަފަދަ ބާރެއް،" މުއިއްޒު ވިދާޅުވި އެވެ.
ކުރުކޮށް ދެއްކެވި މުއިއްޒުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، އެގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ރާއްޖެއަށް އޮތީ އުޖާލާ މުސްތަގުބަލެއް ކަމަށެވެ.