ޖީއެމް ފޯރަމްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސެން ސުނޭން)
ސިންދަފާތު ކުރަންވީ ޓޫރިޒަމް؛ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން: މުއިއްޒު
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ހޯދައިދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބަނޑޮސް ރިސޯޓްގައި މިއަދު ބޭއްވި ޖީއެމް ފޯރަމް 2023ގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ މަނިކުފާނު ބައިވެރިވެވަޑައިގަތް ފަތުރުވެރިކަމުގެ ފުރަތަމަ ހަރަކާތެވެ.
ބުނީ ކީކޭ؟ - އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ އެ މަނިކުފާނުގެ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަން ކުރިއަރުވަން ކުރަން ރާވާފައިވާ ބައެއް މަސައްކަތްތައް ސިނާއަތުގެ އިސް ބޭފުޅުންނާ ހިއްސާކުރައްވާފަ އެވެ.
މިކަމުގައި ސަރުކާރުން މަސައްކަތްތަކެއް ކުރުމުގެ އިތުރަށް، ޓޫރިޒަމް ސިނާއަތުން ކުރާ ކަންކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީން މުއިއްޒު ވަނީ ދެއްވާފަ އެވެ.
"މިނިސްޓްރީ އާއި ކުންފުނިތަކުން އެކަންޏެއް ނޫން، ދުނިޔޭގެ އެކި ކަންކޮޅުތައި ތިބި ޑިޕްލޮމެޓިކް މިޝަންތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް [ފަތުރުވެރިކަމުގެ ޕްރޮމޯޝަނަށް] ސަރުކާރުން ހޯދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
ތަފްސީލު - ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވި ބައެއް ކަންތައްތަކަކީ:
-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ވީ އެންމެ އަވަހަށް ނިންމަން ކޮންޓްރެކްޓަރުންނާ ވާހަކަދެއްކުން؛ އަމާޒަކީ އަންނަ އަހަރުގެ ޓޫރިޒަމް ސީޒަނަށް އާ ޓާމިނަލް ހުޅުވުން
-
ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކޮށް، ފަތުރުވެރިން ގެނެވޭ އަދަދު އިތުރުކުރަން ދުރަށް ދަތުރުކުރެވޭ ވައިޑް ބޮޑީ އެއާ ކްރާފްޓުތަކެއް ގެނައުން
ފަތުރުވެރިކަން ސިންދަފާދު ކުރަން ޖެހޭ
މުއިއްޒު ވިދާޅުވި ގޮތުގައި، އަބަދުވެސް ދެކެވެނީ އިގްތިސާދު ސިންތަފާދު ނުވަތަ ފުޅާ ކުރާނެ ކަމުގެ ވާހަކަ ކަމަށެވެ. އެއާ ހިލާފަށް ދައްކަން ޖެހޭ، އެހެން ނަމަވެސް ނުދެއްކޭ ވާހަކަ އަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ޕްރޮޑަކްޓް ސިންތަފާދު ކުރާ ވާހަކަ އެވެ.
"ކޮވިޑް-19ގެ ބަލިމަޑުކަމާއި މާކެޓަށް މިފަހުން އަންނަ ބޮޑެތި ބަދަލުތަކާއި ދުނިޔޭގެ ސެކިއުރިޓީ ކަންކަމާ މެދު ހުރި ކަންބޮޑުވުންތަކަކީ 'ވޭކް އަޕް ކޯލް'އެއް ކަމަށް ބަލަން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
"މި ކަންކަމުން ދޭހަކޮށް ދެނީ، ތިޔަބޭފުޅުން ކުރެއްވި ބުރަ މަސައްކަތުން ރާއްޖެއަށް ލިބިފައިވާ ފަތުރުވެރިކަމުގެ މާކެޓް ލީޑަރެއްގެ ލަގަބު ދަމަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން."
މިކަމަށް ކުރާ މަސައްކަތްތަކާއި ދިވެހި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރާ ހުރިހާ މަސައްކަތްތަކަށް ވެސް، މުއިއްޒު ވިދާޅުވި ގޮތުގައި އަލަށް އުފެދޭ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ އެވެ.