ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް. (ފޮޓޯ/ އެމްއާރުއެމް)

ގަބޫލު ކުރޭ، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ ހަގީގަތެއް: މައުމޫން

ސެޓެލައިޓުތަކުގެ މައުލޫމާތަށް ރިއާޔަތް ކުރައްވައި މައުމޫން ވިދާޅުވީ ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހަ 3.4 މިލިމީޓަރު އުފުލިފައިވާ ކަމަށް
18 އޮކްޓޯބަރު 2023
2

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ ސައިންޓިފިކް ހަގީގަތެއް ކަމަށާއި އެފަދަ ހަގީގަތްތައް އެންމެން ވެސް ގަބޫލުކުރަން ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - މައުމޫން މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހައަށް ބަދަލު އައިސްފައިވާ ގޮތް ދައްކުވައިދޭ ސެޓެލައިޓް މައުލޫމާތު ވަނީ ހިއްސާކުރައްވާފަ އެވެ.

"އެންމެންވެސް ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ހަގީގަތެއް،" އެ ޕޯސްޓުގައި މައުމޫން ވިދާޅުވި އެވެ.

"ސެޓެލައިޓް މައުލޫމާތު ދައްކާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހަ 3.4 މިލިމީޓަރު އުފުލިއްޖެ."

ގުޅުންހުރި ކަމެއް - ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭގޮތުން މައުމޫން ކުއްލިއަކަށް ހިޔާލު ކުރެއްވި އިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރުގެ އަލް-ޖަޒީރާއަށް މިފަހުން ދެއްވި އިންޓަވިއުގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރާވަރުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަނީ

އެ އިންޓަވިއު ބެއްލެވުމަށް ފަހު 'އެކްސް'ގައި ކުރިން ކުރެއްވި ޕޯސްޓެއްގައި މައުމޫން ވަނީ މުއިއްޒުއަށް ތައުރީފު ކުރައްވައި، ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

އަލް-ޖަޒީރާއަށް މުއިއްޒު ދެއްވި އިންޓަވިއުގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވުމާ އެކު އާންމުންގެ ބައެއް މީހުންގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ. އޭގެ ފަހުން މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މޫސުމީ ބަދަލުތަކާ މެދު މުއިއްޒުގެ ކަންބޮޑުވުން ހުރި ކަމަށާއި އެ މައްސަލަ ހައްލުކުރަން ވެސް އިސްކަން ދެއްވާނެ ކަމަށެވެ.

ކޮމެންޓް (2)

ނަފީީސާާއަލީީ

19 އޮކްޓޯބަރު 2023
ކަނޑުގެ ލޮނުގަނޑު އުފުލުމާާދެކޮޅަށް އިންސާާނުންނަށް ކުރެވޭނެ ކަމެއް އެ ބައޮތްބާ؟
0 0

އަފުނޯސްކަށި

19 އޮކްޓޯބަރު 2023
ރާއްޖެ އަޑިއަށް ދިއުމާބެހޭ ވާހަކަ އެހާ ގަބޫލުނުކުރެވޭ ކަމަށް ޑރ މުއިއްޒު ވިދާޅުވީ. ތިމާވެށީގެ އެހެން އެއްވެސް ކަމަކާ ޑިނައެއް ނުކުރައްވާ. ތެދުފުޅެއް ރާއްޖެ އަޑިއަށް ދިއުމަކީ ހަގީގަތެއް ނޫން!! އަދި އަމްދުން ރާއްޖޭގައި އެތައް ބިލިޔަން ރުފިޔާގެ ބޭރުގެ ބޮޑެތި އިންވެސްޓުމެންޓު ހިންގާ އިރު، ރާއްޖޭގެ ސަރުކާރުގެ ފަރާތުން ރާއްޖެ އަޑިއަށް ދާކަމަށް ވާހަކަ ދައްކައި ޕްރޮމޯޓުކުރުމަކީ ރާއްޖެއަށް ދެން އިންވެސްޓަރުން ނައުމަށް ރާއްޖެއިން ވަކާލާތު ކުރުން ފަދަ ކަމެއް. ނަމަވެސް ކްލައިމެޓް ޗޭންގްއާ ގުޅޭ މައްސަލަތަކުގައި ޑރ. މުއިއްޒު ގެ ވިސްނުން ކުރީގެ ސަރުކާރުތަކާ ތަފާތެއް ނޫންކަމަށާ ތިމާވެއްޓަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވި. އެކަމަކު ތިމާވެށީގެ ޗެމްޕިއަނަކަށް ވެގެން މަޝްހޫރުކަން ހޯދާ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ގުޑްގަވަރނަންސް އަށް ފައިން އެރިގެންދާވަރަށް އެކަމުގަ އުޅުއްވާނެ ވާހަކަ އެއް ޑރ. ޟުއުއްޒު ވިދާޅެއް ނުވޭ. ތަކުރާރުކޮށް އިންޓަރވިއު އަޑުއަހާލައިފިން!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް