ގާޒާއަށް އިޒްރޭލުން ދިން ހަމަލާއެއްގައި ދުން އަރަނީ.

ގާޒާއަށް އެހީ ދިނުން އަވަސް ކުރަން ރާއްޖޭން ގޮވާލައިފި

އިޒްރޭލުގެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައި

އިޒްރޭލުގެ އުދުވާނާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގާޒާގެ ހާލަތު ގޯސްވަމުންދާތީ، މިހާރުން މިހާރަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ މުޖުތަމައު އިން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާއްމު މަޖިލީހުގެ 78 ވަނަ ސެޝަނުގެ އިގްތިސޯދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި އިއްވި ބަޔާނެއްގަ އެވެ.

ތަފްސީލް - މި ބަޔާނުގައި ރާއްޖެ އިން ވަނީ ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދާ ދަތި ހާލު ފާހަގަކޮށް، ގާޒާގައި މިހާރު ހިންގަމުންދާ އުދުވާނާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގެ ބައިލެޓެރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު އ.ދގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަނީ

އެ ބަޔާނުގައި ރާއްޖެ އިން ވަނީ:

  •  ގާޒާގެ އާންމު ރައްޔިތުންނާއި އާއްމު ބޭނުންތަކަށް ބޭނުންކުރެވޭ އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާފައި

  • ގާޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ގާޒާގެ ދެކުނަށް ދިއުމަށާއި އެންމެ ހަ ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިޒްރޭލުން އެންގި އެންގުމަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކޮށްފައި

  • އެހެންކަމުން އިޒްރޭލުން އެ އަމުރު އަނބުރާ ގެންދިޔުމަށް ރާއްޖެއިން ވަނީ ގޮވާލާފައި

  • ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ރާއްޖެ އިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައި

އާންމުންނާއި ހަނގުރާމަވެރިންނާ ތަފާތުކުރުމެއްނެތި ދޭ ހަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް"ކަން ފާހަގަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ މަގުތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ. 

ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ގާއިމުކުރުން ހިމެނޭހެން، އެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެ އިން ތާއީދުކުރާކަން ތަކުރާރުކޮށްފަ އެވެ.

ދާއިމީ، ދެމެހެއްޓެނިވި ހައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރެވިގެންކަން ރާއްޖެ އިން އ.ދގައި މިއަދު ވެސް ފާހަގަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް