މަހާޒް ލިޔުއްވި ގުރުއާނުގެ ހުލާސާ ތަފްސީރު

ގުރުއާން

ރާއްޖެ އިސްލާމްވި ދުވަހު ފަނޑިޔާރު މަހާޒް ދެއްވީ ގުރުއާނުގެ ފަސޭހަ ތަފްސީރެއް

މިއީ އޭނާ މީގެ 7 އަހަރު ކުރިން ފެއްޓެވި މަސައްކަތެއް
17 އޮކްޓޯބަރު 2023

ފަސޭހައިން ދޭހަވާ ގޮތަށް ލިޔުއްވާފައިވާ ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރެއް، ސުޕްރީމް ކޯޓުގެ ފަނޑިިޔާރު މަހާޒް އަލީ ޒާހިރު ނެރުއްވައިފި އެވެ.

ވީ ކިހިނެއް؟- މަހާޒް މި ފޮތް ނެރެދެއްވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގަ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މިއީ، މީގެ ހަތް އަހަރު ކުރިން އޭނާ ފެއްޓެވި މަސައްކަތެކެވެ.

މަހާޒް ވިދާޅުވި ގޮތުގައި މި ފޮތް ލިޔުއްވާފައިވަނީ:

  • ކޮންމެ އާޔަތެއް ވެސް، އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެން

  • ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ އިބާރާތް ބޭނުން ކުރުމަށް ބާރު އެޅުއްވި

  • ލިޔުމުގައި ދެތިން ތަންކޮޅެއްގައި ނޫނީ މުޅިން ވެސް ވެސް ބޭނުން ކުރެއްވީ ތާނަ އަކުރު

  • އަރަބި ލަފުޒުތައް ލިޔުއްވީ ތިކިޖެހި ތާނައިން. މިއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުންކުރުމުގެ ފަސޭހަ އާއި ދިވެހިބަހަށް އިސްކަން ދިނުމުގެގޮތުން ކަމަށް

ކީރިތި ގުރުއާންގެ ތަފްސީރެއް ލިޔުއްވުމަކީ ކުރިން ހިޔާލުކުރެއްވި ކަމެއް ނޫން ނަމަވެސް، މަހާޒް ވިދާޅުވި ގޮތުގައި 2015ގައި ކޮއްކޮ ނިހާޒް އަލީ  ނެރުއްވި ގުރުއާންގެ ތަރުޖަމާގެ މޮބައިލް އެޕްލިކޭޝަނަށް ފަހު، އެއާ މެދު ތަފާތު ހިޔާލުތަކާއި ޝަކުވާތައް އާއްމުންގެ ފަރާތުން ލިބުނެވެ. އަދި ތަރުޖަމާގައި ހުރި އެކި ކަހަލަ އައިބުތައް ފާހަގަވެ، އެ އިސްލާހުކޮށް މުރާޖައާ ކުރުމުގެ ހިޔާލު ލިިބިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

މަހާޒް ވިދާޅުވި ގޮތުގައި:

  • ގުރުއާނަކީ ހަމައެކަނި ލަފްޒީ ތަރުޖަމާއަކުން ފުއްދާލެވޭނެ އެއްޗެއް ނޫން ކަމުގައި ވިސްނިވަޑައިގެން. އެގޮތުން އާޔަތްތަކުގެ މާނަ ގެނެސްދިނުމުގައި، އެ އާޔަތުގެ ތަފްސީރު ގެނައުމަކީ މުހިއްމުކަމެއްކަން އިހުސާސްވެ ވަޑައިގެން

  • ދިވެހި ބަހުން ލިޔެފައިވާ ތަފްސީރުތަކަށް ބަލާއިރު، އާޔަތްތަކުގެ މާނަ ކުރުކޮށް ބުނެ ނުދެވިގެން ބްރެކެޓްތަކުގައި އިތުރު ތަފްސީލު ބަޔާންކޮށްފައިވުމުން، އެ މަސައްކަތް ކުރެއްވި ފަރާތްތައް އުފުއްލަވާފައިވާ ބުރަ އިހުސާސްވެ ވަޑައިގެން

"މި ސަބަބުތަކާ ހުރެ ލިޔަން ފަށާނީ ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރެއް ކަމުގައި ނިންމީމެވެ." މަހާޒް، އޭނާގެ ބްލޮގްގައި ލިޔުއްވި އެވެ.

މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ 4 ނޮވެމްބަރު 2019ގައި ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މަހާޒް މިއަދު ނެރެދެއްވީ ގުރުއާނުގެ ފުރަތަމަ ފަސް ފޮތް ހިމެނޭ ފުރަތަމަ ވޮލިއުމެވެ. އަދި 10 ވަނަ ފޮތާ ހަމައަށް ހިމެނޭ ވޮލިއުމް2، އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ އިރު، 3 ވަނަ ވޮލިއުމް ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. މުޅި ގުރުއާން ބަހާލާފައިވަނީ 6 ވޮލިއުމަކަށެވެ.

މި ވަގުތު ނޮވެލްޓީ ބުކްޝޮޕުން ލިބެން ހުރި މި ފޮތުގެ އަގަކީ 390ރ. އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް