އައިޖީއެމްއެޗް ކުރިމަތި.

އައިޖީއެމްއެޗް

ސިއްހީ ސާމާނު ނުހޯދިގެން ހިދުމަތްތައް ހުއްޓުމަކަށް ނާންނާނެ: ސަރުކާރު

ލިބޭ މައުލޫމާތުގެ އެއްބައި ބޭނުންކޮށްގެން ވާހަކަތައް ނުފެތުރުމަށް ސަރުކާރުން ގޮވާލި
16 އޮކްޓޯބަރު 2023

ސިއްހީ ސާމާނު ނުހޯދިގެން، އެ ދާއިރާގެ ހިދުމަތްތަކަށް ހުއްޓުން ނާންނާނެކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.

ވީ ކިހިނެއް؟- ސަރުކާރުން މިގޮތަށް ބުނީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލު، އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު ހިންގަމުން އަންނަ ބޭރުގެ ކުންފުންޏަށް ދައްކަން ޖެހޭ 5.3 މިލިއަން ޑޮލަރު ނުދައްކާ އޮތުމުން، އެ ކުންފުނީގެ ފަރާތުން ދެމުންދާ ހިދުމަތް ހުއްޓާލަފާނެ ކަމުގެ ކަންބޮޑުވުން އިންތިހާބީ ރައީސް އޮފީހުން މިއަދު ފާޅުކޮށްފައިވަަނިކޮށް، އެކަމަށް ދިން ރައްދުގަ އެވެ.

ބުނީ ކީކޭ؟- ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ސިއްހީ ހިދުމަތްތައް ހުއްޓުމަކަށް ނާންނާނެ ކަމަށާއި ކޮވިޑް-19 ދުވަސްވަރު ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއް ނެތި ގެނައި ގޮތަށް މިހާރުވެސް ލިބޭނެ ކަމަށެވެ.

"މިއަށް ވުރެ އުނދަގޫ ދުވަސްވަރެއްގައި، ކޮވިޑްގެ ތެރޭގައި ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއް ނެތި ގެނެވުނު ފަދައިން މިހާރުވެސް ލިބޭނެ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާ ހާސްކަން އުފެދޭ ގޮތަށް، ލިބޭ މައުލޫމާތުގެ އެއްބައި ބޭނުންކޮށްގެން މިފަދަ ވާހަކަތައް ނުފެތުރުން އެދެން," މިއުވާން ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ހިތުގެ ބަލިތަކަށް ހާއްސަ ސެންޓަރު(ފޮޓޯ/އައިޖީއެމްއެޗް)

އެނގުން މުހިއްމު- އިންތިހާބީ ރައީސްގެ އޮފީހުން މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިގާލީ ކޮމިޓީން ދީފައިވާ މައުލޫމާތަށް ރިއާޔަތްކޮށް އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އައިޖީއެމްއެޗުގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކުން ބޮޑެތި ކަންބޮޑުވުންތަކެއް އެ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ބައެއް ހާއްސަ ސެންޓަރުތައް ހިންގަނީ ބޭރުގެ އެކި ހޮސްޕިޓަލްތަކާއި ކުންފުނިތަކާ ގުޅިގެން 

  • އޭގެ ތެރެއިން ކިޑްނީގެ ބަލިތަކަށް ހާއްސަ ސެންޓަރާއި ހިތުގެ ބަލިތަކަށް ހާއްސަ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް

  • މި ދެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ކުންފުންޏަށް ނުދައްކާ އޮތް ފައިސާގެ ގޮތުގައި 5.3 މިލިއަން ޑޮލަރުގެ ބިލުތަކެއް އެބަހުރި

  • މި ބިލުތަކުގެ ތެރޭގައި ހިމެނެނީ އެ ކުންފުނިން ފޯރުކޮށްދީފައިވާ އެކިއެކި ސިއްހީ ސާމާނާ ގުޅޭ ހަރަދުތަައް

  • މި ތަކެތީގެ ހަރަދުތައް ނުދައްކާ އޮތުމުން، އެ ތަކެތި ފޯރުކޮށްދިނުން ހުއްޓާލާފާނެ ކަމުގެ ކަންބޮޑުވުން އިންތިގާލީ ކޮމިޓީން ފާޅުކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް