އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޔާމީނަށް ހުއްދަ ނުނަގަައި ގޭގައި ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަަ ދީފައިވާކަން ހާމަވެއްޖެ

ޔާމީން އެންމެ ފުރަތަމަ ގެއަށް ބަދަލުކުރީއިރު ހުއްދަ ނެތި މީހުންނާ ބައްދަލުކުރުން އޮތީ މަނާކޮށްފައި؛ ނަމަވެސް ފަހުން އެ އުސޫލު ބަދަލުކުރި

ގޭބަންދެއްގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުއްދަ ނުނަގާ ގޭގައި ކޮންމެ މީހަކާ ވެސް ބައްދަލުކުުރުމަށް ކަރެކްޝަންސްއިން ހުއްދަ ދީފައިވާކަން 'ދައުރު'އަށް ކަށަވަރު ވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ފަހު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހަމަ އެރޭ ޔާމީން ގެއަށް ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލެއްވި އެވެ. އެއާ އެކު، ޖެހިގެން އައި ދުވަހު ސަރުކާރުން ޔާމީން ގޭބަންދަށް ބަދަލުކުރި އެވެ.

ތަފްސީލު - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ޔާމީން ގެއަށް ބަދަލުކުރި އިރު، އެންމެ ފުރަތަމަ ކަރެކްޝަންއިން ހަމަޖައްސާފައި އޮތީ ގޭގައި މީހުންނާ ބަދަލުކުރުމަށް ކުރިއާލާ ކަރެކްޝަންސްގެ ހުއްދަ ނަގަން ޖެހޭ ގޮތަށެވެ. ނަމަވެސް ޔާމީންގެ ފަރާތުން އެދިގެން، މީހުންނާ ބަދަލު ކުރާއިރު، ކުރިއާލާ ހުއްދަ ނުނަގާ ބައްދަލު ކުރެވޭ ގޮތަށް ކަރެކްޝަންސްއިން މިހާރު ވަނީ ޔާމީންއަށް ހުއްދަ ދީފަ އެވެ. އަދި އެކަން ލިޔުމުން ވެސް އަންގާފައިވެ އެވެ.

"މުހިންމު ކަންކަމުގައި މި ސާވިސްއަށް [ކަރެކްޝަންސްއަށް] ކުރިން އެންގުމަކާ ނުލައި، މއ. ކާމިނީހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދުކޮށްފައިވާ ގޭގައި (ހ. ދޫވެހިގެއަށް) ބައްދަލުކުރުމުގެ ހުއްދަ ދީފައިވާ ވާހަކަ ދެންނެވީމެވެ،" ކަރެކްޝަންސްއިން ޔާމީނަށް ދިން ލިޔުމުގައި ބުނެފައިވެ އެވެ.

އެއީ، ސައްހަ ލިޔުމެއްކަން، ސަރުކާރުގެ ބައެއް މަސްދަރުތަކުންނާއި ޔާމީންއާ ގާތް މީހަކު 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއީ، ގޭބަންދުގައި ހުންނަ އެހެން ކުށްވެރިންނާ މެދު އަމަލުކުރާ އުސޫލެއް ނޫނެވެެ. މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީންއާ ސުވާލު ކުރުމުން ވިދާޅުވީ، ޔާމީން ގޭ ބަންދަށް ބަދަލުކުރީ ތިން ޝަރުތެއް ކުރުމަށް ފަހު ކަމަށެވެ. އެއީ:

  • ގެއިން ބޭރަށް ނުދިޔުން

  • މިޑިއާއަށް އިންޓަވިއު ނުދިނުން

  •  ކޮންމެ ހާލަތެއްގައި ޔާމީން މޮނީޓާކުރުމަށް އެއްބާރުލުން ދިނުން

އިންތިހާބުގެ ނާތީޖާއަށްފަހު، ޔާމީން ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެ ގެނެސް ވެހިކަލްއަށް އަރުވަނީ (ދައުރު ފޮޓޯ/އިފާޒު)

ފާހަގަކޮށްލެވޭ ކަމެއް - ޕީޕީއެމް-ޕީއެންސީގެ އިސް ބައެއް މެންބަރުން 'ދައުރު'އަށް ވިދާޅުވީ ޔާމީންއަށް މީހުންނާ ބަދަލުކުރުމަށް ހުރަހެއް ނެތަސް، އިންތިހާބީ ރައީސްއާ ދެ ބޭފުޅުން އަދި މިހާތަނަށް ބައްދަލުކުރައްވާފައެއް ނުވެ އެވެ. 

އެކަމާ ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ:

  • ޔާމީން މި ވަގުތު ގޭބަންދުގައި ހުންނެވުމާއި މުއިއްޒު ވެސް އިންތިގާލީ މަސައްކަތްތަކުގެ ތެރެއިން ގިނަ ބަޔަކާ ބައްދަލުކުރައްވަން ވަގުތު ހުސްކުރައްވަން ޖެހިވަޑައިގަންނަވާތީ ދެ ބޭފުޅުން ބައްދަލުކުރެއްވުމުގައި ދަތިތަކެއް ދިމާވާ ކަމަށް

  • އޭގެ އިތުރުން، ގޭބަންދެއްގައި ހުންނެވުމުން ގާނޫނީ ހާލަތަކީ ވެސް ބައްދަލުވުންތައް ބޭއްވުމުގައި ދަތިކަމެއްގެ ގޮތުގައި ފާހަގަކުރެއްވި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީޕީއެމް-ޕީއެންސީ ހިންެގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމްއާ އެ ސުވާލު ކުރުމުން ވިދާޅުވީ، މުއިއްޒު އާއި ޔާމީންގެ ގުޅުން ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް ދެ ބޭފުޅުން ބައްދަލުވެވަޑައިގެންނެވި ކަމަށް އަދި ނުގަންނަވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ މަޝްވަރާތައް ހިނގާކަން އެނގޭނީ އެ ދެ ބޭފުޅުންނަށް ކަމަށް ވެެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިގާލީ މަރުހަލާގެ އިސްވެރިޔާ އަބްދުއްރަހީމް އަބްދުﷲ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފަސް މަންޒަރު - ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އައީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ އެވެ. އެ ހުކުމްގެ ސަބަަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވެސް ފުރުސަތު ނުލިބުނެވެ. އެހެންވެ، އެމަނިކުފާނުގެ ތާއީދާ އެކު، މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގަ އެވެ. މުއިއްޒު ވިދާޅުވެފައިވާ ގޮތުން، ގާނޫނީ އިމުގެ ތެރެއިން އެމަނިކުފާނުގެ ސަރުކާރެއްގައި ޔާމީން މިނިވަން ވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް