ވިލާ ކޮލެޖުގެ ސައިކޮލޮޖީ ސިމްޕޯސިއަމްގައި ބޭއްވި މަޝްވަރާ/ބަހުސް ސެޝަން. (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ ސައިކޮލޮޖީ ސިމްޕޯސިއަމް އާއި އެގްޒިބިޝަންގައި ދަރިވަރުންގެ އިލްމާއި ހުނަރު ދައްކާލައިފި

މިއީ ވިލާ ކޮލެޖުން ސައިކޮލޮޖީ ސިމްޕޯސިއަމް އަދި އެގްޒިބިޝަން ބާއްވާ ދެ ވަނަ ފަހަރު
11 އޮކްޓޯބަރު 2023

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ވިލާ ކޮލެޖުގެ ދެ ވަނަ ސައިކޮލޮޖީ ސިމްޕޯސިއަމް އާއި އެގްޒިބިޝަން ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ވިލާ ކޮލެޖުގެ މައި ހޯލްގައި އެ ސިމްޕޯސިއަމް އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އެވެ. އެ ކަމަނާ ވަނީ ސައިކޮލޮޖީ އެގްޒިބިޝަނަށް ޒިޔާރަތްކުރައްވައި އެ އެގްޒިބިޝަން ބައްލަވާލައްވާފަ އެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ ސިމްޕޯސިއަމް އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު. (ފޮޓޯ/ވިލާ ކޮލެޖު)
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިލާ ކޮޮލެޖުގެ ސައިކޮލޮޖީ އެގްޒިބިޝަން ބައްލަވާލައްވަނީ. (ފޮޓޯ/ވިލާ ކޮލެޖު)

ތަފްސީލު - އެ ސިމްޕޯސިއަމް އާއި އެގްޒިބިޝަންގެ މައިގަނޑު މަގްސަދަކީ ވިލާ ކޮލެޖުގެ ސައިކޮލޮޖީ ދަރިވަރުންނަށް ވިލާ ކޮލެޖުން ދަސްވި އިލްމާއި ހުނަރުތައް ދައްކާލާނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

ސައިކޮލޮޖީ ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރު އަދި އެމްއެސްސީ ކައުންސެލިން ކޯޑިނޭޓަރު ޑރ. އައިޝަަތު ނަޝީދާ ދެއްކެވި ވާހަކައިގައި ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ ގާބިލު މީހުން މަދުކަން ފާހަގަކުރެއްވި އެވެ.

އެ ކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ނަޝީދާ ވިދާޅުވީ ވިލާ ކޮލެޖުން މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ސިމްޕޯސިއަމްއިން އެ ކޮލެޖުގެ ދަރިވަރުންގެ ހުރި ގާބިލުކަން ފެންނާނެ ކަމަށެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ ސިމްޕޯސިއަމްގައި އެ ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރު އަދި އެމްއެސްސީ ކައުންސެލިން ކޯޑިނޭޓަރު ޑރ. އައިޝަަތު ނަޝީދާ ވާހަކަ ދައްކަވަނީ. (ފޮޓޯ/ވިލާ ކޮލެޖު)

އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ ދެއްކެވި ވާހަކަފުޅުގައި ވެސް ނަފްސާނީ ދުޅަހެޔޮކަމާއި އެ ދާއިރާއާ މެދު އެކަމަނާގެ ހުންނެވި ކަންބޮޑުވުންތައް ހިއްސާކުރެއްވި އެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ އެމްއެސްސީ ކައުންސެލިން ދަރިވަރުންގެ ހާއްސަ ޕްރެޒެންޓޭޝަންއަކާއި މަޝްވަރާ ނުވަތަ ބަހުސް ސެޝަނެއް ވެސް ވަނީ ބާއްވާފަ އެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ ސިމްޕޯސިއަމްގައި އެމްއެސްސީ ކައުންސެލިން ދަރިވަރުން ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެނީ. (ފޮޓޯ/ވިލާ ކޮލެޖު)

ސިމްޕޯސިއަމް ނިންމާލުމުގެ ގޮތުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ދެއްކެވި ވާހަކައިގައި މީގެ ތިން އަހަރު ކުރިން އެ ކޮލެޖުން ފެށި ބެޗެލާ އޮފް ސައިކޮލޮޖީ ޕްރޮގްރާމްގެ ކާމިޔާބީއަށް އަލިއަޅުވާލެއްވެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • އެ ޕްރޮގްރާމުގެ ދަށުން 197 ދަރިވަރުން ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް އަމަލީ ގޮތުން ނުކުންނަން އަންނަނީ ތައްޔާރުވަމުން

  • އޭގެ ތެރޭގައި ބެޗެލާ އޮފް ސައިކޮލޮޖީ ކިޔަވާ 183 ދަރިވަރުންގެ އިތުރަށް މާސްޓާ އޮފް ސައިންސް އިން ކައުންސެލިން ކިޔަވާ 14 ދަރިވަރުން ހިމެނޭ

ވިލާ ކޮލެޖުގެ ސައިކޮލޮޖީ ސިމްޕޯސިއަމްގައި އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވާހަކަ ދައްކަވަނީ. (ފޮޓޯ/ވިލާ ކޮލެޖު)

އިތުރު އާޓިކަލް

އިތުރު އާޓިކަލް