ސުޕްރީމް ކޯޓުގެ ކުރީގެ އެސްޖީ ޑރ. ހުސެއިން ފާއިޒް (ފައިލް ފޮޓޯ/ ހަޔާ އެޑިއުކޭޝަން)
ފަނޑިޔާރުންނަށް ފާރަލާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އެސްޖީ ފާއިޒް ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައިފި
ފަނޑިޔާރުންނަށް ފާރަލާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.
އޭނާ މަގާމުން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހުގެ ނިޔަލަށް ދޭން ޖެހޭ ފައިސާ އާއި އިނާޔަތްތައް އެއް މަސް ދުވަހުގެ ތެރޭ ދިނުމަށް ވެސް ސްޕްރީމް ކޯޓުގެ މައްޗަށް އެ ޓްރައިބިއުނަލުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި ފާއިޒް މިދިޔަ އަހަރުގެ މާޗު މަހު ސަސްޕެންޑު ކުރުމަށް ފަހު، ނޮވެމްބަރު މަހު މަގާމުން ވަކިކުރި އެވެ. އޭނާ މަގާމުން ވަކިކުރީ އެ ކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުންކޮށްގެން ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތާއި، ކޯޓުން ބޭރަށް މައުލޫމާތު ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބެލުމަށް ފަހު އެެވެ.
އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ފާއިޒް ހުށަހެޅުއްވުމުން މިއަދު އެ ނިންމީ އޭނާ ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާއި، ވަޒީފާގެ އެއްބަސްވުމާ ވެސް ހިލާފަށް ކަމަށެވެ.
އެ ވަޒީފާ އަނބުރާ ހޯދަން ފާއިޒް އެދިވަޑައިގެންފައި ނުވާތީ، ޓުރައިބިއުނަލުން އަމުރުކުރީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މުސާރަ އާއި އިނާޔަތްތައް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭ ދިނުމަށެވެ.
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ އެސްޖީގެ މަގާމަށް ފާއިޒް އައްޔަންކުރީ 7 ޖެނުއަރީ 2019ގަ އެވެ.