މަޖިދީއްޔާ ސްކްލޫ ސަރަހައްދުގައި ދަރިވަރުންތަކެއް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ތައްޔާރުނުވެވޭތީ، އޭލެވެލް ކިޔެވުން ފެށީ އެޑްއެކްސްސެލް ސިލަބަހުގައި

އޭލެވްލް އިމްތިހާނަށް ކެމްބްރިޖް ސިލަބަހުގައި ކިޔަވައިދިނުމަށް މިދިޔަ އަހަރު ސަރުކާރުން ނިންމި ނިންމުމަށް އަމަލުނުކުރުމަށް ވަނީ ނިންމާފައި

އޭލެވްލް އިމްތިހާނަށް ކެމްބްރިޖް ސިލަބަހުގައި ކިޔަވައިދިނުމަށް މިދިޔަ އަހަރު ސަރުކާރުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކޮށް، މި އަހަރުގެ ދިރާސީ އަހަރު ވެސް ކިޔަވައިދެނީ ކުރިއެކޭ އެއްގޮތަށް، އެޑްއެކްސްސެލް ސިލަބަހެވެ.

ވީ ކިހިނެއް؟ - އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހު ވަނީ، މި އަހަރުގެ ދިރާސީ އަހަރު އޮގަސްޓު މަހު ފެށޭއިރު، އޭލެވެލްއަށް ކިޔަވައިދިނުން ކެމްބްރިޖު ސިލަބަހަށް ބަދަލުކުރުމަށް ނިންމައިފަ އެވެ. އެއާއެކު، އަންނަ އަހަރުގެ އޭލެވެލް އިމްތިހާނު ބާއްވާނީ ކެމްބްރިޖު އިމްތިހާނެއްގެ ގޮތުގައިކަން މިިނިސްޓްރީން އިއުލާން ކުރި އެވެ. ނަމަވެސް މިނިސްޓްރީން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް، ކުރިން ކިޔަވައިދެމުން އައި އޭލެވެލް އެޑްއެކްސްސެލް ސިލަބަސް ކުރިއަށް ގެންދިޔުމަށް ނިންމާފަ އެވެ.

ތަފްސީލު - އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އިހުސާން މިރޭ 'ދައުރު'އަށް ވިދާޅުވީ، މި އަހަރު ދިރާސީ އަހަރު ފެށިއިރު ކެމްބްރިޖު ސިލަބަހުގައި ކިޔަވައިދޭން ނުފެށުނީ، ތައްޔާރުވާން ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ. އެހެންވެ، ޗުއްޓީއަށް ފަހު ސްކޫލްތައް މިދިޔަ އޮގަސްޓު މަހު ހުޅުވިއިރު، ކިޔަވައިދޭން ފެށީ އެޑްއެކްސްސެލް ސިލަބަހުގައި ކަމަށާއި އެގޮތަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭލެވެލް ކުރިއަށްދަނީ ހަމަ އެޑެކްސްސެލް އިން. މިއަހަރު އޭލެވެލްގެ އެކެޑެމިކް އިޔާ [ދިރާސީ އަހަރު] ފެށުނުއިރު، [ސިލަބަސް ކެމްބްރިޖަށް] ބަދަލު ކުރާ ގޮތަށް ކުރިން ނިންމާފައި އޮތީ. އެހެން ނަމަވެސް މިވަގުތު ބަދަލުނުކުރާ ގޮތަކަށް ނިންމީ. އެހެންވީމަ އެޑްއެކްސްސެލްއާ އެކު ކުރިއަށް ދާނީ،" އިހްސާން ވިދާޅުވި އެވެ.

އެ ނިންމުން ބަދަލު ކުރި ސަބަބަކީ ކޮބާތޯ އެހުމުން އިހްސާން ވިދާޅުވީ:

  • ކެމްބްރިޖުން ޝަރުތުކުރާ ބައެއް ކަންކަން އެބަހުރި

  • އެކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ނިންމީ، މިވަގުތަށް ސިލަބަސް ބަދަލު ކުރަން ނުފެންނަ ކަމަށް؛ ކުރިން ވެސް ކިޔަވައިދެމުން އައި ގޮތަށް އެޑްއެކްސްސެލް ސިލަބަހުގައި ކިޔަވައިދިނުމަށް.

"ޕްރެކްޓިލަކް އެއީ މެންޑޭޓަރީ އެއްޗެއް ކެމްބްރިޖު އެސެސްމަންޓްތަކުގެ ތެރޭގައި. ޕްރެކްޓިކަލްގެ ބަދަލުގައި އޮލްޓާނެޓިވް ޕްރެކްޓިކަލް ޕޭޕާއަށް އެއްކޮށް ބަދަލުވުމަށް އެބޭފުޅުންނަށް [ކެމްބްރިޖަށް] އެއްބަހެއް ނުވެވުނު. އެހެން ގޮސް ވަރަށް ގިނަ ސަބަބުތައް އެބަހުރި،" އިހުސާން ވިދާޅުވި އެވެ.

"އެހެންެވެ، މިވަގުތަށް އެ ނިންމުމަށް އަމަލުނުކުރާ ގޮތަށް ނިންމީ. މި އަހަރު އޭލެވެލްގެ އާ ބެޗްގެ ކިޔެވުން ފެށިގެން އެ ދިޔައީ އެޑްއެކްސްސެލްއާ އެކު."

އޭލެވެލް އިމްތިހާން ކެމްބްރިޖަށް ބަދަލުކުރަން މިދިޔަ އަހަރު މިނިސްޓްރީން ނިންމި ސަަބަބާ ގުޅޭ ގޮތުން އިހުސާން ވިދާޅުވީ، އެގޮތަށް ނިންމީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު، އެވަގުތަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭރު ގަބޫލު ކުރެވުމުން ކަމަށެވެ.

ކޮމެންޓް (1)

މިނިސްޓަރު

8 އޮކްޓޯބަރު 2023
އެހެން ނުންވާނީ. މިނިސްޓަރު ކެމްޕޭނުގަ ބޯ ހޫރުވާ އަތް ޖެހުމުގައި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް