އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެެއިން މުހައްމަދު ލަތީފް (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ހުސެއިން އަކީ އަޅުގަނޑުގެ ޗޮއިސްއެއް؛ ފުރިހަމަ އިތުބާރު އެބައޮތް: މުއިއްޒު
އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރަނިން މޭޓަކަށް ހަމަޖެއްސުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށާއި ހުސެއިންއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިންތިހާބީ ރައީސްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި މުއިއްޒު މިގޮތަށް ވިދާޅުވީ، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ފިޔަވައި، ރާއްޖޭގެ އެހެން ނައިބު ރައީސުން ވަކި ހިސާބަކުން ރައީސަށް ބޭވަފާތެރިވުމާއި މަގާމުން ވަކިކުރުމުގެ މާޒީއަށް އިޝާރާތްކޮށް ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
ތަފްސީލް - މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން ރަނިން މޭޓަކަށް ހަމަޖެއްސެވުމަކީ އެހެން މީހަކު ބުނެގެން އެމަނިކުފާނު ކުރެއްވި ކަމެއް ނޫނެވެ.
ބުނީ ކީކޭ؟ - "އެއްވެސް ބޭފުޅަކު އަޅުގަނޑު ގާތުގައެއް ނުދަންނަވާ ސެންބެ ގާތްކޮށް، ސެންބެ ނަގާށޭ. އަޅުގަނޑު އަމިއްލައަށް ދެންނެވީ ހުސެއިން މުހައްމަދު ލަތީފަށް، އަޅުގަނޑުގެ ރަނިން މޭޓަކަށް ވެވަޑައިގަންނަވަން އެދެމޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހުސެއިން އިހުތިޔާރު ކުރެއްވީ އެއީ ސިޔާސީ ދާއިރާގެ ތަޖުރިބާ ހުރި، ތައުލީމީ އަދި ގާބިލު ބޭފުޅަކަށް ވާތީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މާޒީގައި އެހެން ގޮތަކަށް ކަން ހިނގާފައިވީ ނަމަވެސް ހުސެއިންއާ މެދު "އެއްވެސް ވަރަކަށް ޝައްކެއް" ނުކުރައްވާ ކަމަށެވެ. ދެ ބޭފުޅުން އަބަދުވެސް ކަންކަމާ މެދު ވާހަކަދައްކަވައި މަޝްވަރާ ކުރައްވާކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.
ފަސްމަންޒަރު - ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި 2013 އާއި 2018އާ ދެމެދު ރައީސް އަބްދުﷲ ޔާމީންގެ ނައިބުކަމަށް ތިން ބޭފުޅަކު އައްޔަނުކުރި އެވެ.
-
ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ޖުލައި 2015ގައި މަގާމުން ވަކިކުރި
-
އެއަށް ފަހު ނައިބު ރައީސަކަށް ހަމަޖެއްސީ އޭރު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު އަދީބު؛ އެކަމަކު މަގާމަށް އައްޔަނުކުރިތާ ދެ މަސް ދުވަހުގެ ތެރޭގައި 'ފިނިފެންމާ' ލޯންޗުކޮޅުގައި ބޮން ހަރުކޮށް ޔާމީން އަވަހާރަކޮށްލުމުގެ ހަމަލާ ރޭވުމުގެ ތުހުމަތުގައި އަދީބު ހައްޔަރުކުރި. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ޖަލަށް ލުމަށް ހުކުމްކުރި
-
ދެން ނައިބަކަށް އައްޔަނުކުރީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު