ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގެންގުޅޭ ގިނިކާމާދޫނީގެ ފައި ބުރިކޮށްލާފައި؛ ވައަތު ފައިގެ މެދު ހުޅާދިމާލުން ތޫނު އެއްޗަކުން ހަމަލާދީ ފައި ބުރިކޮށްލާފައިވާކަމަށް އެ ދޫނި ގެންގުޅޭ މީހުން ބުނޭ --ފޮޓޯ/އިސްމާއިލް ޝާހް

ދޫނި

މާލޭގައި ގެންގުޅޭ ގިނިކާމާދޫނީގެ ފައި ބަޔަކު ބުރިކޮށްލައިފި

އެ ދޫނީގެ ފައި ބުރިކޮށްލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އޭތި ބަހައްޓާފައި ހުންނަ ކޮށިތެރެއަށް ވަދެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުންނަށް ފެންނަ ގޮތަށް ކޮއްޓެއްގެ ތެރޭ ގެންގުޅެމުންދާ ގިނިކާމާދޫނީގެ ފައި ބަޔަކު ރޭގެ ވަގުތެއްގައި ބުރިކޮށްލައިފި އެވެ.

އެނގުން މުހިންމު -  އާންމު މީހަކު މާލޭ ގެއެއްގައި ގެންގުޅެމުންދިޔަ އެ ގިނިކާމާދޫނި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރީ ގޭގައި އެފަދަ ބޮޑު ދޫންޏެއް ގެންގުޅޭތީ ފާޑުކިއުންތައް އަމާޒުވުމުން ނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ދޫނި ބަހައްޓާފައި ހުންނަނީ އާންމުންނަށް ފެންނަ ގޮތަށް ބޮޑު ކޮށްޓެއްގެ ތެރޭގަ އެވެ. އެ ދޫނި ބަލައިލަން ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދަށް ދެ އެވެ.

މާލޭގެ ގެއެއްގައި އޮސްޓްރިޗް ގެންގުޅެމުން ދިޔައިރުގެ ފޮޓޯއެއް، އޭތި މިހާރު ގެންގުޅެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޮއްޓެއްގައި

ވީ ކިހިނެއް؟ - ރޭގެ ވަގުތެއްގައި އެތަނަށް ވަދެ ބަޔަކު ވަނީ އެ ދޫނީގެ އެއް ފައި ބުރިކޮށްލާފަ އެވެ. ބުރިކޮށްލާފައި ވަނީ އެ ދޫނީގެ ވައަތު ފައިގެ މެދު ހުޅުންނެވެ.  އެ ދޫންޏަށް ފަރުވާދިނުމަށް ވެޓެއްގެ އެހީތެރިކަން ހޯދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ. 

ތަފްސީލް - އެ ދޫނި ބަލަހައްޓާ ޓީމުގައި ހިމެނޭ އިސްމާއިލް ޝާހް މިއަދު 'ދައުރު' އަށް ބުނީ، ފައި ބުރިކޮށްލާފައި ވަނީ ތޫނު އެއްޗަކުން ކަމަށް ބެލެވޭ ކަމަށެވެ. މިއަދު ހެނދުނު ދޫންޏަށް ކާންދޭން ކޮށްޓަށް ދިޔައިރު، ލޭތަކާ އެކު ދޫނި ކޮށިތެރޭ ވެއްޓިފައި އޮތް ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގެންގުޅޭ ގިނިކާމާދޫނި ބަލައިލާން ބަޔަކު އެ ސަރަހައްދުގައި--ފޮޓޯ/އިސްމާއިލް ޝާހް

"ފައިގެ ހުޅަށް ތޫނު އެއްޗަކުން ހަމަލާދިނީމާ ބުރިވެގެން ގޮސް ވެއްޓިފައި އެ އޮތީ. އެހެން ނޫން ނަމަ އެހާ ބޯ ހަންގަނޑެއް އޮންނަ އެއްޗެއްގެ ފައި އެ ނޫން ގޮތަކަށް ބުރިކޮށް ނުލެވޭނެ. މިއީ ބަޔަކު ގަސްތުގައި ދިން ގެއްލުމެއް. ވަރަށް ދެރަ ކަމެއް. އަހަރެމެން ވަރަށް ލޯބިން ގެންގުޅޭ އެއްޗެއް މިއީ،" އިސްމާއިލް ބުންޏެވެ.

އިސްމާއިލް ބުނީ، ދޫނީގެ ހާލު ރަނގަޅު ކަމަށާއި އެކަމަކު ފަރުވާދިނުމަށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިސްމާއިލް ބުނިގޮތުގައި، ރޭގެ 11:40 ހާއިރު އެ ސަރަހައްދުން ދިޔައިރު ވެސް، ދޫނި ހުރީ ރަނގަޅަށެވެ. ބަޔަކު ހަމަލާދީފައިވާ ކަމަށް ބެލެވެނީ ދަންވަރުގެ ވަގުތެއްގައި އެތަނުގެ ތެރެއަށް ވަދެ އެވެ. 

"ކޮންމެ ދުވަހަކު ކެބެޖް ފަދަ ތަކެތި ވަރަށް އަގުބޮޑުކޮށް ގަނެގެން މި ދޫންޏަށް ކާންދީ އަޅުގަނޑުމެން ބަލަހައްޓަމުން މި އަންނަނީ ވަރަށް ލޯބިން. ވަރަށް ކުޑައިރުންސުރެ އަޅުގަނޑުމެން މީތި ބަލާ މިވަރު ކޮށްފައި އެ ހުރީ ވަރަށް ލޯބިން. އެތައް 100 ބަޔަކު މި ދޫނި ބަލައިލަން އާދޭ. ބަޔަކު ހަސަދަވެރިވެގެން މިފަދަ ކަމެއް ކުރުމަކީ ވަރަށް ދެރަ ކަމެއް،" އިސްމާއިލް ބުންޏެވެ.

ކޮމެންޓް (2)

ސިނާ

7 އޮކްޓޯބަރު 2023
ޔާ ރައްބީ! ޙެޔޮ ނުވާނެ. ތިފަދަ ވިޔާނުދާ އަމަލެއް ކުރާނީ ހާދަ އިންސާނިޔަތު ކުޑަ ނުލަފާ މީހެއް ނުވަތަ ބައެކޭ. ޙެނދުނު ވެރިމީހާ އަންނަންދެން ތި ދޫނި އޮންނާނީ ހާދަ ވޭނެއްގައި ރޯލަރޯލައޭ. ތިފަދަ އަަމަލު ކުރާ މީހުން ހަމަ ޖަލަށް ލާންވީ.
0 0

ސަނައްޓޭ

5 އޮކްޓޯބަރު 2023
އަސްލުވެސް. ކުށެއް ނެތް މަހްލޫގަކަށް ތި ގޮތަށް އަނިޔާ ކުރަން ކެރޭނީ ހާދަ ގޮތެއް ނެތް ކުލުނެއް ހިތުގަ ނެތް ހާދަހާވާ ނުބައި ބަޔަކަށޭ. ފޮޓޯ ފެނިފަ ރޮވިއްޖެ
21 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް