އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ޓީޗަރުން މަދުވުމުގެ މައްސަލައަށް އާ ސަރުކާރުގައި އިސްކަންދޭނަން: މުއިއްޒު

މަސައްކަތާއި ޒާތީ ދިރިއުޅުން ހަމަހަމަ ވާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި

ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ އަދަދު މަދުވުމުގެ މައްސަލަ ހައްލުކުރުމަށް، އާ ސަރުކާރުގައި އިސްކަން ދެއްވާނެ ކަމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ނެރުއްވި ހިތޯބެއްގައި ވަނީ، ޓީޗަރުންނާއި ދަރިވަރުންނަށް ދިމާވެފައިވާ ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

ބުނީ ކީކޭ؟ - އެ މަނިކުފާނު ދެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ:

  • ރާއްޖޭގައި ޓީޗަރުންގެ އަދަދު މަދުވުން 

  • ކިޔަވައިގެން ނުކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލްކަން ހުރުމާ މެދު އުފައްދާ ސުވާލު

"އިރާދަކުރެއްވިއްޔާ މި ދެ މައްސަލައަށް ވެސް، އަޅުގަނޑުމެން އުފައްދާ ސަރުކާރުން ވަރަށް އިސްކަންދޭނަމެވެ،" ހިތޯބުގައި މުއިއްޒު ވިދާޅުވި އެވެ.

ޓީޗަރުންނަށް ކޮށްދެއްވާނެ އިތުރު ކަންކަމުގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ:

  • ކަމާ ގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި ޓީޗަރުން ތާޒާކުރުން

  • ޓީޗަރުންގެ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއްދީ، މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން ހަމަހަމަ ވާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުން

  • ޓީޗަރުން ކުރާ މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެ ގޮތަށް، ޓީޗަރުންގެ އިދާރީ އޮނިގަނޑު ބައްޓަން ކުރުން

  • މުޖުތަމައުގައި ޓީޗަރުންގެ ގަދަރާއި ޝަރަފް މަތިވެރިކުރުން

އޭގެ އިތުރުން، ވަކި ސިފަތަކެއް ދަރިވަރުންގެ ގައިގާ އަށަގަންނާނެ ގޮތަކަށް، މަންހަޖު އަލުން ބައްޓަން ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެ ސިފަތަކުގެ ގޮތުގައި އިންތިހާބީ ރައީސް ފާހަގަކުރެއްވީ:

  • މި ގަރުނުގެ ދަރިވަރެއްގެ ހުންނަން ޖެހޭ ތޫނުކަމާއި ހުޝިޔާރުކަން

  • ގާބިލްކަމާއި އުޅުންތެރިކަން

  • އިޖްތިމާއީ މިންގަނޑުތަކަށް ކަމޭހިތުމާއި އުފަން ބިމަށް ލޯބިކުރުން

ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން މުއިއްޒު ޓީޗަރުން ސިފަކުރެއްވީ، ގައުމުން އަނދިރިކަން ނައްތާލާ ބައްތިތަކެއްގެ އިތުރަށް، ކަތިކަން ނައްތާލާ ރަހަފަތިތަކެއްގެ ގޮތުގަ އެވެ.

"[އެއީ] އަންނަހާ ޖީލުތައް ހެޔޮ މިސްރާބަށް ގެންދިއުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެކެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (1)

ހަހަހަހަހަހާ

5 އޮކްޓޯބަރު 2023
ޓީޗަރުންނޭ ބުނީމަ ދޯ...މަސައްކަތުގެ އަގު ޚުދު ނުދަންނަ ބައެއްގެ އަގު ވަޒަންކުރާނީ ކިހިނެއް؟ އިހައްދުވަހު ހުޅުމާލެ ފޭސް2 ގަ ތަޅާލީވެސް ހަމަ އެހާ އަލިގަދަ ބައްތިއެއް!! ހަހަހަހަހަހާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް