ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މީހަކު ލާފައިވާ ބާތިލް ވޯޓެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފައިސާ ނުދޭތީ ކަމަށް ބުނެ ވެސް ވޯޓު ބާތިލްކޮށްފައި އެބަހުރި: އީސީ

ރެކޯޑު އަދަދަކަށް މި ފަހަރު ބާތިލް ވޯޓުގެ އަދަދު ގިނަ
5 އޮކްޓޯބަރު 2023

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، އެކި ސަބަބުތައް ފެންމަތިކޮށް ވޯޓު ގަސްތުގައި ބާތިލްކޮށްލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒުގައި ރޭ އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ، މި އިންތިހާބުގައި ވަރަށް ގިނަ އަދަދަކަށް ބާތިލް ވޯޓުހުރިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، މި އިންތިހާބު އޭނާ ފާހަގަކުރެއްވީ އެންމެ ބާތިލް ވޯޓު ގިނަ އިންތިހާބުގެ ގޮތުގަ އެވެ. 

ތަފްސީލް - އެގޮތުން:

  • އިންތިހާބުގެ ފުރަތަމަ ބުރު: 4،835 ވޯޓު ބާތިލް؛ މިއީ ވޯޓުލުމަށް ނުކުތް މީހުންގެ %2.14 މީހުން ލީ ވޯޓު

  • އިންތިހާބުގެ ދެ ވަނަ ބުރު: 7،888 ވޯޓު ބާތިލް؛ މިއީ ފުރަތަމަ ބުރަށް ވުރެ ގިނަ އަދަދެއް

ބުނީ ކީކޭ؟ - ހަބީބު ވަނީ، ވަރަށް ތަފާތު ސަބަބުތައް ފެންމަތިކޮށް، ބައެއް މީހުން ވޯޓު ބާތިލްކޮށްފައި ހުރި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ފައިސާ ނުދޭތީ، "ނޯ މަނީ، ނޯ ވޯޓު" ވެސް ބައެއް ވޯޓު ކަރުދާސްތަކުގައި ލިޔެފައި ހުރި އިރު، ރަނގަޅު އެއްވެސް ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ، ދެ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ވެސް ރަސްގެ ފާހަގަ ލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައެއް ކަހަލަ ފޮޓޯ އާއި މަންޒަރުތައް ހުރި ކުރަހައި ލިޔެފައި އެބަހުރި. މިއީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މީގެ ކުރިން ފާހަގަ ނުކުރެވޭ އެހެން ބައެއް ކަންކަން ވެސް މި ފަހަރުގެ ބާތިލް ވޯޓުތަކުން ފާހަގަވި

  • ވޯޓު ކަރުދާސް ނައްތާލުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި އޮންނައިރު، އެ މުއްދަތުގެ ކުރިން ބާތިލް ވޯޓުތައް ބަލައި ދިރާސާ ކުރާނެ

  • ބާތިލް ވޯޓު ގިނަވި ސަބަބު އެ ދިރާސާއިން ބޮޑަށް ސާފުވެގެންދާނެ

  • އޭގެ ފަހުން އެކަމާ ރައްޔިތުން ހޭލުންތެރި ކުރުވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް