މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަމުން ދިޔައިރު ޕީޕީއެމް އޮފީސްތެރޭ އާންމު މެމްބަރުންތަކެއް އެ މަންޒަރު ބަލަނީ. (ދައުރު ފޮޓޯ/ފާތުމަތު އަހްމަދު ޝަރީފް)

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި؛ އެއްވެސް ބަދަލެއް ނާދޭ

ދާއިމީ ނަތީޖާއިން ވެސް ފެނުނީ ވަގުތީ ނަތީޖާއިން ފެނުނު އަދަދުތައް
4 އޮކްޓޯބަރު 2023

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ މިރޭ އިއުލާން ކުރި އިރު، ވަގުތީ ނަތީޖާއާ އަޅާބަލާއިރު އެއްވެސް ބަދަލެއް ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބުގެ ވަގުތީ ނަތީޖާ އީސީއިން ވަނީ، ވޯޓު ގުނާ ނިމުމާ އެކު އާއްމުކޮށްފަ އެވެ. އެ ނަތީޖާއިން ފެންނަ ގޮތުގައި، އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން:

  • މުއިއްޒު 129،159 ވޯޓު ހޯއްދެވި؛ މިއީ ފުރަތަމަ ބުރާ އަޅާބަލާއިރު 27،524 ވޯޓުގެ ކުރިއެރުމެއް

  • އެމްޑީޕީގެ ކެންޑިޑޭޓު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވީ 109،868 ވޯޓު؛ މިއީ ފުރަތަމަ ބުރާ އަޅާބަލާއިރު 23،707 ވޯޓުގެ ކުރިއެރުމެއް

ތަފްސީލް - އީސީއިން މިރޭ އާއްމު ކުރި ދާއިމީ ނަތީޖާއިން ވެސް ދެއްކީ މި އަދަދުތަކެވެ. ރައީސް ސޯލިހުގެ މައްޗަށް އިންތިހާބީ ރައީސް މުއިއްޒު ކުރި ހޯއްދެވީ، ރަސްމީ ނަތީޖާއަށް ބަލާއިރު ވެސް 19،291 ވޯޓުގެ ތަފާތަކުންނެވެ.

އެ އިދާރާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު:

  • ސައްހަ ވޯޓު - 239،0127

  • ބާތިލް ވޯޓު - 7،888

  • ޖުމްލަ ވޯޓު - 246،915

  • ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ އަދަދު - 282،804

  • ވޯޓުލީ މީހުންގެ އަދަދު - 246،915

  • ވޯޓުލީ މީހުންގެ އިންސައްތަ - %87.31

އެނގުން މުހިއްމު - ރައީސްކަމުގެ ހުވާ މުއިއްޒު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17ގަ އެވެ. އެ ދުވަހު އެ މަނިކުފާނު މަގާމުގެ ހުވާކުރެއްވުމަށް ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން ވަނީ ފަށާފަ އެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމާ ހަމައަށް އޮންނަ އިންތިގާލީ މުއްދަތުގައި ވެރިކަން ބަދަލުވުމުގެ ކަންކަން ހަމަޖެއްސުމަށް އެކުލަވާލާ ކޮމިޓީގެ ވެރިއަކަށް ޕީޕީއެމް-ޕީއެންސީގެ ފަރާތުން ހަމަޖެއްސީ، އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނަވާއިރު ޕީޕީއެމް-ޕީއެންސީ ހިންގެވުމާ ވެސް ހަވާލުވެހުންނަވާ އަބްދުއްރަހީމް އަބްދުﷲ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް