ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން، ހަމަލާ ދިން ކަމުގެ ތުހުމަތުކުރާ އިބްރާހިމް އަބްދުﷲ (ގަައްބަރޭ)

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި 3 މީހުންގެ މައްޗަށް ދައުވާކޮށްފި

މި ތިން މީހުންގެ މައްޗަށް ކުރީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ވީ ކިހިނެއް؟ - ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، މިދިޔަ 1 މެއިގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައި ވާއިރު، އެ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުގެ ފަރާތުން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަތިވެރި ދާއިރާ މެންބަރު ހަސަން ޒަރީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލް - ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 19ގަ އެވެ. މި މައްސަލާގައި ދައުވާ ކޮށްފައިވަނީ:

  • މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ)ގެ މައްޗަށް - މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން

  • މުލާން މުހައްމަދު، މ. ތާޖުގެ/މާލެ - މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން

  • އަހްމަދު އައުޝަމް، ދީފްރަމްގެ/ތ. ކިނބިދޫ - މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން

މި އެންމެން ހައްޔަރުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އެ މީހުން ފުރަަތަމަ ވަނީ ދޫކޮށްލާފަ އެވެ. އެކަމަކު، ދައުލަތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އޮގަސްޓު މަހު ހައި ކޯޓުން ނިންމާފައިވަނީ އެ މީހުންނަކީ ބަންދުގައި ބައިތިއްބަން ޖެހޭ ބައެއް ކަމަށެވެ.

ފަސްމަންޒަރު - މި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް އަބްދުﷲ އަކީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ/މާލެ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައިވާ މީހެެކެވެ. އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް އެ މައްސަލައިގައި ދައުވާކުރިޔަސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް