މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)
މަޖިލީހުގެ ރޫހު ހުރީ މި ދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނުުނަގަން
ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރި ގަރާރާ އެއްގޮތަށް މި މަސް ނިމުމުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން މަސައްކަތް ކުރިޔަސް، މިއީ އެފަދަ ވޯޓެއް ނަގަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނިޒާމީ ވޯޓާ ގުޅޭ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީ ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، ނިޒާމީ ވޯޓަށް އާންމުން ހޭލުންތެރިކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވާލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ފަދަ އެ ވޯޓާ ގުޅޭ ކަންކަމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު ކުރި ބަހުސްގައި ގިނަ މެމްބަރުން ފާހަގަކުރެއްވީ، މިއީ އަވަސް އަރުވާލައިގެން ނެގޭ ފަދަ ވޯޓެއް ނޫން ކަމާއި މިއީ އެފަަދަ ވޯޓެއް ނެގުމަށް ރަނގަޅު ދަނޑިވަޅެއް ވެސް ނޫން ކަމަށެވެ.
ބުނީ ކީކޭ؟ - ޖުމްހޫރީ ޕާޓީ (ޖޭޕީ) ތަމްސީލުކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ނިޒާމުގެ މައްސަލައެއް ނޫޅެ އެވެ. އޭގެ ބަދަލުގައި، ދިމާވެގެން އުޅެނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، މިހާރު އޮންނަ ނިޒާމުގެ ތެރެއިން އިންތިހާބުކޮށްފައި ތިބި މީހުންގެ މައްސަލަ އެވެ.
އަލީ ހުސެއިން ވިދާޅުވީ:
-
ކޮންމެ ނިޒާމެއްގައި ވެސް އިންތިހާބުކުރާ މީހުންނަށް އެ މީހުންގެ މަގާމުގެ މަސްއޫލިއްޔަތާއި ދައުރު އޮޅޭ ކަމަށްވާ ނަމަ، އެއީ ނިޒާމުގެ މައްސަލައެއް ކަމަށް ރައްޔިތުންނަށް ހީވެފައި އޮވެދާނެ
-
ރާއްޖޭގައި ކޮންމެ ވެރިކަމުގެ ނިޒާމެއް އޮތަސް އެ ގޮތަށް ކަންކަން ހިނގާ ނަމަ، ރައްޔިތުންނަށް އެ މައްސަލަތައް ފާހަގަކުރެވޭނެ
"ހަގީގަތުގައި ރިޔާސީ ނިޒާމެއް ވެސް ނުހިނގައިގެން މި އުޅެނީ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އޮޅެނީ، ރައްޔިތުންނަށް ވެސް އޮޅެނީ. އަދި ކިޔާދީފައިވާ ގޮތުން ވެސް އޮޅެނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
"ނަތީޖާއަކަށް މި ވަނީ ރިޔާސީ ނިޒާމުގައި ހުރި މައްސަލަތަކާއި ރިޔާސީ ނިޒާމުގައި ހުރި މައްސަލަތަކެއް ނޫން، އަޅުގަނޑުމެންގެ މައްސަލަތައް ނިޒާމުގެ ތެރެއިން، ސަރުކާރުގެ ތެރެއިން ރިފްލެކްޓުވެގެން މީހުންނަށް ފެންނަނީ. އެހެންވީމަ، ރައްޔިތުންނަށް އޮޅެނީ. ރައްޔިތުންނަށް ހީވަނީ މި ނިޒާމު ނޫން، ހަގީގަތުގައި މިއީ ނިޒާމަކު އުޅޭ މައްސަލައެއް ނޫން، އަޅުގަނޑުމެންގެ އުޅޭ މައްސަލައެއް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އުޅޭ މައްސަލައެއް."
އެކަން ފާހަގަކުރައްވަމުން އަލީ ހުސައިން ވިދާޅުވީ ނިޒާމުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ވޯޓެއް ނެގުމަށް ވެސް ވަގުތު ބޭނުންވާ ކަމަށެވެ.
މަޖިލީހުގައި މެޖޯރިޓީ އޮންނަ އެމްޑީޕީ ތަމްސީލުކުރައްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވީ ނިޒާމީ ވޯޓު ނެގުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ އީސީން މަޖިލީހަށް ސިޓީ ފޮނުވުމަކީ، އަވަސް އަރުވާލައިގެން، ކަނޑައަޅާފައި އޮތް އުސޫލުތަކާ ހިލާފަށް އަދި ވަކި މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގަައި ގަރާރެއް ފާސްކުރުމުގެ ނަތީޖާ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެއީ މަޖިލީހުން ލަދުގަންނަން ޖެހޭ ކަމެކެވެ.
"މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ޒިންމާދާރު މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އެކަމާ ލަދުވެތިވާން ޖެހޭ ކަމެއް. އަޅުގަނޑުމެން އަޅުގަނޑުމެންގެ ގަވާއިދަށް އަމަލުނުކޮށް، ތަރުތީބު އޮޅުވާލައި އަވަސް އަރުވާލައިގެން، ވަކި މަގްސަދެއް، ވަކި މަންފާއެއް، ވަކި ބޭނުމެއް ހާސިލުކުރުމަށްޓަކައި ކުރި ކަމެއްގެ ނަތީޖާ،" ހިސާން ވިދާޅުވި އެވެ.
އީސީން އެދުނު ގޮތަށް ނިޒާމީ ވޯޓު ނަގަން މިހާރު އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ގަރާރު ހުށަހެޅި ޑިމޮކްރެޓްސްގެ މެމްބަަރުން މިއަދު މަޖިލީހުގައި ވަކާލާތުކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ހިސާން ވަނީ އެ މެމްބަރުންގެ ރާގު މިހާރު ބަދަލުވީ އެ ޕާޓީން ބޭނުންވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާނުލެވޭނެކަން ޔަގީން ނުވާތީތޯ ސުވާލު އުފައްދަވާފަ އެވެ.
"އެ ދުވަހު ބޭނުން ނުވި ވަގުތެއް މިއަދު ބޭނުންވަނީ ކީއްވެގެންތޯ އަޅުގަނޑު ހިތަށް އަރާ. ފަނަރަހާސް ވޯޓާ އެކު މި ނިޒާމީ ވޯޓު ކާމިޔާބު ނުކުރެވޭނެކަން އެނގިވަޑައިގަންނަވާތީ މިހާރު ވަގުތު ބޭނުންވަނީތޯ؟ ނުވަތަ ހަގީގަތުގައި ވެސް މި މަސައްކަތް ކުރަން ބޭނުންވެގެން ވަގުތު ބޭނުންވަނީތޯ؟،" ހިސާން ސުވާލު އުފެއްދެވި އެވެ.
ގާނޫނުއަސާސީއަށް ހުށަހަޅަނީ ބޮޑު އިސްލާހެއްކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރާ ނަމަ، މުޅި ގާނޫނުއަސާސީ ވެސް އިސްލާހުކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ އަވަސް އަރުވާލައިގެން ކުރެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ފަސް ދުވަހަށް ވެފައި ވަނިކޮށް، އެމްޑީޕީ ދޫކުރައްވައި އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވެސް ވިދާޅުވީ، މިއީ ނިޒާމީ ވޯޓެއް ނަގާ ވާހަކަ ދައްކަން ވީ ވަގުތެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެއީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރުމަށް އާ ދައުރަކަށް މިދިޔަ ހޮނިހިރު ދުވަހު ރައީސަކު އިންތިހާބުކުރުމަށް ރައްޔިތުންގެ އަގުލަބިއްޔަތުން ނިންމާފައިވާތީ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިހާރު ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދައްކަން ޖެހޭ ވަގުތެއް ނޫން މިއީކީ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ވަނީ ސާފު އަގުލަބިއްޔަތެއް ދީފައި، ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރުމުގެ ބާރު ލިބޭ ގޮތަށް ވޯޓުދީ އިންތިހާބުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ނިޒާމު ބަދަލުކުރުމަށް އެމްޑީޕީން ތާއީދުކުރާ ނަމަ، މިއަދު އެ ވާހަކަދެއްކުމުގެ ހައްގު ވެސް އެ ޕާޓީއަށް ގެއްލިފައިވާ ކަމަށް ސިރާޖު ގަބޫލުކުރައްވަ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ވެރިކަމުގައި އޮވެ އަދި މަޖިލީހުގެ މެޖޯރިޓީ އޮވެގެން ވެސް އެ ޕާޓީގެ މަޖިލިސް މެމްބަަރުން ތާއީދުކުރެއްވި ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިންތިހާބު ނާކާމިޔާބުވުމުންނެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިންތިހާބުން ބަލިވީމަ ނުވަތަ އިންތިހާބުގައި މިހާ ބޮޑު ބައްޔެއް ސަރުކާރަށް، އެމްޑީޕީއަށް ކުރިމަތިވީމަ، މި ވަގުތު މަޖިލީހުގައި މެޖޯރިޓީ އޮތަތީ ނުވަތަ އެ ނޫން ގޮތަކަށް މިކަން ކުރަން ފުރުސަތެއް އޮތަތީވެ، އެކަން ކުރުމަކީ ހަގީގަތުގައި އެ ފުރުސަތު މިހާރު އޮތް ވަގުތެއް ކަމަށް ނުދެކެން. ސަބަބަކީ ރައްޔިތުން އެހާ ސާފުކޮށް މިކަމާ ގުޅޭ ގޮތުން ގޮތެއް މިހާރު ނިންމާފައިވާތީ،" ސިރާޖް ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑަކަށް ނުފެނޭ މޯރަލް އޮތޯރިޓީއެއް ރައްޔިތުންގެ މަޖިލީހަށް ވެސް މި ވަގުތު އޮތް ކަމަކަށް ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައުމަށް."
އެނގުން މުހިއްމު - މިދިޔަ މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15,839 ވޯޓާ އެކު ތިން ވަނައަށް ދިޔަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައި ފާސްކުރި ނިޒާމީ ގަރާރުގަައި ބުނާ ގޮތުން، ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 30ގެ ކުރިން ނަގަން ޖެހެ އެވެ. އެކަން ނުކުރެވޭނެ ކަމަށް އީސީން މަޖިލީހަށް މިހާރު ވަނީ އަންގާފަ އެވެ.
އެކަމަކު މިހާރު އެ ޕާޓީގެ މެމްބަރުން ވިދާޅުވަނީ ނިޒާމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، މައުލޫމާތު ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަަށެވެ. އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ، ނިޒާމީ ވޯޓެއް ނަގާނެ އާ ތާރީހެއް ކަނޑައެޅުމަށް ވެސް މިއަދު ގޮވާލައްވާފަ އެވެ.