ގދ. ވާދޫގައި ވޯޓުފޮށި ފަޅާލާފައި. (ފޮޓޯ/ކިއުންތެރިއެއް)

ގދ. އަތޮޅު

ވޯޓުލާން ވަތް މީހަކު ވާދޫގެ ވޯޓް ފޮށި ފަޅާލައިފި

އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި
30 ސެޕްޓެމްބަރު 2023

މިއަދު ހަވީރު ގދ. ވާދޫގައި ވޯޓުލާން ވަތް މީހަކު، ވޯޓުފޮށި ފަޅާލައި ވޯޓުތަކަށް ގެއްލުން ދީފި އެވެ.

ވީ ކިހިނެއް؟- ވާދުއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ހަވީރާ ހަމައަށް އެ ރަށުގައި ވޯޓާ ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. އިންތިހާބުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވެސް އެ ސަރަހައްދުގައި އުޅުނީ ވަރަށް އެކުވެރިކަމާ ފޯރީގައި ކަމަށް އޭނާ ބުންޏެވެ. އެކަމަކު ވޯޓު ފޮށި ބަންދު ކުރަން ކުޑަވަގުތު ކޮޅަކަށް ވެފައި އޮއްވާ، މީހަކު ވަދެ ވޯޓު ފޮށި ބިންމަތީގައި ޖަހައި ފަޅާލާފައިވާ ކަމަށް ބުންޏެވެ.

"އޭނާ ވަނީ ވޯޓުލާން ކަމަށް ބުނެ. އެއްވެސް ކަހަލަ ހަމަނުޖެހުމެއް ކުރިން ނުހިނގާތީ އެއްވެސް މީހަކު އެހެން ކަމަކަށް ޝައްކެއް ވެސް ނުކުރާނެތާ،" ވާދުއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ވޯޓު ފޮށި ބިންމަތީގައި ޖަހާ ފަޅާލުމާއެކު، އޭގައި ހުރި ވޯޓުތައް ބިންމައްޗަށް ވެރުނެވެ. އަދި އެ ވޯޓުތައް އޭނާ އަތުން ނަގައި، ބޮނޑިކޮށް ހެދިކަމަށް ވެސް މަންޒަރު ދުށް މީހުންނާ ހަވާލާދީ، ވާދުއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭރު ކިޔު ބަންދު ނުކުރި ނަމަވެސް ވޯޓުލުމަށް އިތުރު މީހަކު ކިޔޫގައި ނެތް ކަމަށް އޭނާ ބުންޏެވެ.

މި މީހާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.

ވާދޫ މީހުން ބުނާގޮތުގައި އެކަން ކުރީ، އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އާއްމުކޮށް ކުށްތަކަށް އަރައިގަންނަ ޒުވާނެކެވެ. 

"އެއީ އަނެއްހެން މާ ސިޔާސީ މީހެއް ނޫން. އަބަދުވެސް މީހުންގެ އަތުން ލާރިކޮޅެއް އަތުލައިގެން އުޅޭނީ،" ވާދުއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ވާދޫގެ ވޯޓު ފޮށި އަދި ބަންދެއް ނުކުރެ އެވެ. ވޯޓުލާ މަރުކަޒުގައި ތިބި އޮފިޝަލުން މިހާރު ތިބީ އިލެކްޝަންސް ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ކަމަށް އެ ރަށުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް