ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޒު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ޑރ. މުހައްމަދު މުއިއްޒު. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ކެބިނެޓް ބޮޑެއް ނުވާނެ، ބައެއް މިނިސްޓްރީތައް އެއްކޮށްލުމުގެ ވިސްނުން އެބަހުރި: މުއިއްޒު

ކެބިނެޓަށް އައްޔަން ކުރާނެ ބަޔަކު އަދި ކަނޑައަޅާފައެި ނުވިޔަސް މުއިއްޒު ވިދާޅުވީ މަގާމު ދެއްވާނީ ގާބިލް ބޭފުޅުންނަށް ކަމަށް
26 ސެޕްޓެމްބަރު 2023
1

ކައުންސިލްތަކަށް ހާއްސަކޮށް މިނިސްޓްރީއެއް ގާއިމްކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމަށް ވަކި ދެ މިނިސްޓްރީ ހެދި ނަމަވެސް މިނިސްޓަރުންގެ އަދަދު އެވަރެޖް މިންވަރުގައި ހިފަހައްޓަވާނެ ކަމަށާއި ބައެއް މިނިސްޓްރީތައް އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތިން ދުވަހަށް ވެފައިވާ އިރު، 'ދައުރު'އިން ގެނެސްދޭ 'ރިޔާސީ ވާހަކަ' ޕްރޮގްރާމްގެ ހަތަރު ވަނަ އެޕިސޯޑުގައި މުއިއްޒު ވަނީ ކެބިނެޓް އެކުލަވާލުމާ ބެހޭ ގޮތުން ބައެއް ވާހަކަ ދައްކަވައިފަ އެވެ.

ބުނީ ކީކޭ؟ - "ޖުމްލަކޮށް ރާއްޖޭގައި މިއަދާ ހަމައަށް އައިއިރު އެވްރެޖުކޮށް [ކެބިނެޓުގައި ތިއްބަވާ މިނިސްޓަރުންގެ އަދަދު] އުޅެނީ 14، 15، 16 ހިސާބުގައި. އެ ރޭންޖުން މައްޗަށް ގޮސް 20، 30، 40 އަކަށް ނާރާނެ،" އޭނާގެ ވެރިކަމެއްގައި ކެބިނެޓުގައި ތިއްބަވާނީ ކިތައް ބޭފުޅުންތޯ ދެންނެވުމުން މުއިއްޒު ވިދާޅުވި އެވެ.

އާ މިނިސްޓްރީތަކެއް އުފެއްދި ނަމަ ވެސް، މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ކެބިނެޓުގައި މިނިސްޓަރުން ތިއްބަވާނީ ގާތްގަނޑަކަށް މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ތިއްބެވި ވަރަށެވެ. މުއިއްޒު ވިސްނުން ގެންގުޅުއްވާ ގޮތަށް ބައެއް މިނިސްޓްރީތައް އެއްކޮށްލާ ނަމަ، އަލަށް މިނިސްޓްރީތަކެއް އުފެއްދިޔަސް ކެބިނެޓު ބޮޑު ނުކޮށް ހިފެހެއްޓޭނެ އެވެ.

ތަފްސީލް - "އަޅުގަނޑުމެންގެ އެޑިއުކޭޝަން މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީފައި އޮންނާނެ ހަޔާ އެޑިއުކޭޝަން އަށް. ހުރިހާ ކިޔަވާ ކުދިންނަށް މަތީ ތައުލީމު ދިނުމަށް. އެހެން ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން ކުރުމަކަށް އަދި ވަކި ހާއްސަ މިނިސްޓްރީއެއް ހުންނަން ޖެހޭނެ ކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން، އޭނާ ވިސްނަވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެއްކޮށްލުމަށެވެ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ތައުލީމީ މާހިރުންގެ އެހީއާ އެކު ދެ މިނިސްޓްރީގެ މެންޑޭޓް އެއްކޮށްލެވޭނެ ގޮތެއް އޮތްތޯ މިހާރު ވެސް ދަނީ ބަލަމުންނެވެ.

"އަޅުގަނޑު ދަންނަވައިފިން އަޅުގަނޑު ބޭނުންވަނީ [ކެބިނެޓު] ކުޑަކޮށްލާށޭ، ދެ [މިނިސްޓްރީ] އެއްކޮށްލައިގެން. އެކަމަކު އަދި ނުނިންމަން ގޮތެއް."

ފުރަތަމަ ބުރުގައި ވޯޓުގެ %46 ހޯއްދަވައިގެން އެންމެ ބޮޑު ތާއީދަކާ އެކު ދެވަނަ ބުރަށް ވަޑައިގެންނެވި މުއިއްޒު ކެބިނެޓަށް އައްޔަންކުރައްވާނެ ބޭފުޅުންނާ ބެހޭ ގޮތުން ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާ ބެހޭ ގޮތުން 'ދައުރު'އިން ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ "އަދިއެއް ކެބިނެޓަށް ލާނެ މީހުން ކަނޑައެއް ނާޅަން" ކަމަށެވެ. އެހެން ނަމަވެސް، "ލާ މީހަކު ވާނީ ކޮންމެ މަގާމަކަށް ލިޔަސް އެކަން ކުރެވޭ ވަރު މީހަކަށް" ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިހާތަނަށް އާ ދެ މިނިސްޓްރީއެއް އުފައްދަން މުއިއްޒު ވައުދުވެވަޑައިގެންފައިވާ އިރު، އޭނާ އެގޮތަށް ނިންމެވީ ކައިރީގައި އުޅުއްވާ ބައެއް އަރިސް ބޭފުޅުންނަށް ސިޔާސީ މަގާމުތައް ކަށަވަރުކޮށްދިނުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އެހެން ނަމަވެސް، މުއިއްޒު އެކަން ދޮގު ކުރައްވަ އެވެ. އޭނާ ޔަގީންކަން ދެއްވަނީ "އެއްގޮތަކަށް ވެސް އެކަހަލަ ކަމެއް ނުކުރައްވާނެ" ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ބޭނުންވަނީ ރައްޔިތުންނަށް ވަރަށް އިހުލާސްތެރި މަސައްކަތެއް ކޮށްދޭށެވެ.

ކޮމެންޓް (1)

ޏަނަ

26 ސެޕްޓެމްބަރު 2023
ހަމަޔަގިން މިނިސްޓަރުންމަދުނުވާނެކަން މިހާރަށްވުރެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް